މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް އެމްޓީސީސީ އިން ދެމުންގެންދާ ބަހުގެ ހިދުމަތް ހިލޭ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.
އެމްޓީސީސީ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނި މާލެ ސަރަހައްދު އަދި އަތޮޅު ތެރޭގައި ފޯރުކޮށްދެމުންދާ އާންމު ބަހުގެ ހިދުމަތާއި މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ވިލިމާލެ އަދި ހުޅުމާލެ ފެރީ ހިދުމަތުގައި މަތީ ތައުލީމު ހާސިލްކުރަމުން ގެންދާ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީ އިން ބުނީ މިބަދަލާ ގުޅިގެން ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންނަށް އެ ކޮލެޖުން ނުވަތަ ޔުނިވާސިޓީ އަކުން ދޫކޮށްފައިވާ ދަރިވަރު ކާޑު ބޭނުންކޮށްގެން ބަހާއި ފެރީގެ ހިދުމަތް ހިލޭ ހޯދޭނެ ކަމަށެވެ.
މިބަދަލު ގެނައުމުގެ ބޭނުމަކީ ކުރިއަށްއޮތް ޖީލުތަކަށް އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މުހިއްމު މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން ކަމަށެވެ.
އެމްޓީސީސީގެ ބަސް ދަތުރުތަކުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ސްކޫލު ދަރިވަރުންނަށާއި އުމުރުން ތިން އަހަރުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހިލޭ ދަތުރުކުރެވެ އެވެ.