އައިއޯޓީ ސޮލިއުޝަންތައް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އުރީދޫ ގްރޫޕުން އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެ އެވެ.
މި އެއްބަސްވުމާއެކު އުރީދޫ އަކީ އައިއޯޓީ ވޯލްޑް އެލަޔަންސްގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުންޏެވެ.
އައިއޯޓީ ވޯލްޑް އެލަޔަންސަކީ ދުނިޔޭގެ އެންމެ ބޮޑު މޯބައިލް ނެޓްވޯކް އޮޕަރޭޓާ ކޯޕަރޭޓިވް އެވެ.
ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ އައިއޯޓީ ކަނެކްޓިވިޓީ ޓްރެންޑްތައް ބަލައި، ކަނެކްޓެޑް ޑިވައިސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ޕާޓްނަރުންނާއި ކަސްޓަމަރުންނާއި އެކު ތަޖުރިބާތައް ހިއްސާކުރާ ހާއްސަ ފޯރަމެކެވެ.
އެލަޔަންސްގެ މެންބަރެއްގެ ހައިސިއްޔަތުން އުރީދޫއަކީ މިހާރު ބައިނަލްއަގްވާމީ އައިއޯޓީ މަޝްވަރާތަކުގައި ބައިވެރިވާނެ ކުންފުންޏެކެވެ. މިކަމުގެ ސަބަބުން އުރީދޫގެ ހިދުމަތް ދޭ މާކެޓްތަކުގެ ލޯކަލް ގަވައިދުތަކުގެ މައުލޫމާތު އެލަޔަންސަށް ފޯރުކޮށްދީ ސަރަހައްދީ މާކެޓުތަކުގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން ވަރުގަދަވެގެންދެ އެވެ.
މީގެ އިތުރުން "އުރީދޫ ސަރަޙައްދު" އަށް ވަންނަ ކަސްޓަމަރުންނަށް މެދުނުކެނޑި ކަނެކްޓިވިޓީ ގެނައުމުގައި އުރީދޫ ގްރޫޕުން އެހެން އޮޕަރޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. އެހެންކަމުން އުރީދޫ އަކީ މިހާރު އައިއޯޓީގެ ހިދުމަތް އާ މާކެޓްތަކަށް ފުޅާކުރަން ބޭނުންވާ އޮޕަރޭޓަރުންގެ މުހިންމު ޕާޓްނަރެކެވެ.
ރާއްޖޭގެ ބާޒާރުގައި އިނޮވޭޝަނާއި އައިއޯޓީ ކަނެކްޓިވިޓީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން 2019 ވަނަ އަހަރު އުރީދޫގެ 5ޖީ ނެޓްވޯކް ތައާރަފްކޮށް މިހާރު ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ – ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް ގްރޭޓާ މާލެ ސަރަހައްދަށް އެ ނެޓްވޯކް ފުޅާކޮށްފަ އެވެ.
5ޖީ ނެޓްވޯކް ތައާރަފްކުރުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް - އުރީދޫ 5ޖީ އެއާފައިބަ މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް 5ޖީގެ ހަލުވި ސްޕީޑްގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިކޮށްދީ، މުޖުތަމައު އާ ފުރުސަތުތަކަކާ ގުޅުވާލާފަ އެވެ.
އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވައި ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމުގައި މުހިއްމު ރޯލެއް އަދާ ކުރާ ކުންފުންޏެކެވެ. މި ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ އިން ވަނީ ރާއްޖޭގެ ފުރަތަމަ ޓިއާ 3 ސެޓިފިކޭޝަން ރެޑީ ޑޭޓާ ސެންޓަރެއްވެސް ތައާރަފްކޮށްފައެވެ. އަދި މިމަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުށީގައި ނެޓްވޯކް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ދެވަނަ ޑޭޓާ ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. ހައިޕަސްކޭލްގެ ހިދުމަތާއި، ކަނެކްޓިވިޓީ އިތުރުކުރުމުން، މި ތަރައްގެގީ ސަބަބުން ވިޔަފާރިތައް ބާރުވެރިވެ، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް މަގުފަހިވެ، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ އެވެ.
ޑެޕިއުޓީ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝައިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯޓީ ތަރައްގީ ގެނައުމަށް އޮޕަރޭޓަރުން އެއްބާރުލުން ވަރަށް މުހިންމު ކަމަށާއި އައިއޯޓީ ވޯލްޑް އެލަޔަންސާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަދި އަޅުގަނޑުމެންގެ މާކެޓުތަކުގައި ކާމިޔާބުކަމާއެކު އައިއޯޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެލަޔަންސާ ގުޅިގެން، މެދުއިރުމައްޗާއި، އުތުރު އެފްރިކާއާއި، ދެކުނުއިރުމަތީ އޭޝިއާގެ ލޯކަލް ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމުގައި، އަޅުގަނޑުމެންގެ ތަޖުރިބާގެ އެހީތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެން ގުޅިގެން އިތުރު ގައުމުތަކުގައި ކަނެކްޓެޑް ޑިވައިސްތައް ޑިޕްލޮއިމަންޓް ކުރުން ފަސޭހަކޮށް، އައިއޯޓީ ސޮލިއުޝަންތަކުގެ ފުރިހަމަ ގާބިލުކަން ދުނިޔޭގެ ފެންވަރުގައި ބޭނުންކުރުމަށް ވިޔަފާރިތަކަށް ބާރުދޭނަން،" އޭނާ ވިދާޅުވި އެވެ.
އެލަޔަންސްގެ މެމްބަޝިޕް އުރީދޫ އަށް ލިބުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯޓީ ކަނެކްޓިވިޓީ އާއި އެއްބާރުލުން އިތުރުކުރުމަށް އެ ގްރޫޕުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެެއް ކަމަށް އުރީދޫ އިން ބުނެ އެވެ. މިނާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި އޮޕަރޭޓަރުގެ ހައިސިއްޔަތުން އުރީދޫގެ ސަބަބުން އެލަޔަންސްގެ ކަވަރޭޖް ކުރިން ބޭނުން ނުކުރެވޭ ސަރަޙައްދުތަކަށް ފުޅާކޮށް، އެއްބާރުލުމާއި ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ބުންޏެވެ.
އައިއޯޓީ ވޯލްޑް އެލަޔަންސްގެ ޗެއާމަން މާކް ވެން ޑެން ބާގް ވިދާޅުވީ އެލަޔަންސްގެ އެންމެ ފަހުގެ މެމްބަރު - އުރީދޫއަށް މަރުހަބާ ކިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެލައެންސް އިން ކުރާ މަސައްކަތް އިތުރު ސަރަހައްދުތަކަށް ފުޅާކޮށް އުރީދޫގެ ތަޖުރިބާ އާއި އެކު ވިޔަފާރިތަކަށް އިތުރު ގައުމުތަކުގައި ގުޅިފައިވާ ޑިވައިސްތައް ތައާރަފް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
"މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގަވައިދުތަކާ އެއްގޮތަށް އަމަލުކުރުމުގައި އުރީދޫ އިން މުހިއްމު ރޯލެއް އަދާ ކޮށްދޭނެ،" މާކް ވިދާޅުވި އެވެ.
އެލަޔަންސްގެ މެމްބަރުންގެ ހުނަރާއި ގާބިލުކަމުގެ ބޭނުން ހިފައި، އައިއޯޓީ ޓެކްނޮލޮޖީތަކަށް އަހުލުވެރިކޮށް، ޑިޖިޓަލް ޓްރާންސްފޯމޭޝަން ކުރިއަރުވައި، އެންމެންނަށް ވެސް މިހާރަށްވުރެ ސްމާޓް ގުޅިފައިވާ ދުނިޔެއެއް އުފެއްދުމަކީ އުރީދޫގެ އަމާޒެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.