މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަހްމަދު ފާރިސް މައުމޫނާއި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަތައް ޕީޕީއެމް އިން ދޮގުކޮށްފި އެވެ.
ޕީޕީއެމް އިން މި ވާހަކަތައް ދޮގުކޮށްފައި މިވަނީ މިވަގުތު މާފުށި ޖަލުގައި ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ފާރިސް ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް ނޫސްތަކާއި ސޯޝަލްމީޑިއާގައި މިއަދު ފެތުރި ހަބަރުތަކަކާ ގުޅިގެންނެވެ.
ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުން ގެންދަނީ ދޮގު ހަބަރެއް ކަމަށާއި އެއީ ޕާޓީގެ މެންބަރުން ބައިބައި ކުރުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ.
ބަޔަކު މިފަދަ ހަގީގަތާ ހިލާފު ހަބަރުތަކެއް ފަތުރަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައީސް ޔާމީން ތާއީދުކުރައްވާތީއާއި މުއިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާތީ އެކަން ހަޖަމު ނުވެގެން ކަމަށްވެސް ބަޔާނުގައިވެ އެވެ.
"މިހަބަރު ފެތުރުމުގެ އަޑީގައި [ރައީސް] އިބްރާހީމް މުހައްމަދު ސާލިހާއި އޭނާގެ ބައިވެރިން ހިމެނޭކަމުގައި ދެކުމުގެ ފުރުސަތުވެސް އެބައޮތެވެ،" ބަޔާނުގައިވެ އެވެ.
ޕީޕީއެމްގެ ސަޕޯޓަރުންނަށް އެ ޕާޓީން އެދިފައިވަނީ މިފަދަ ފިތުނައިގައި ދިވެހި ރައްޔިތުން ޖެހިވަޑައިނުގަތް ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ މުއިއްޒާއި އެކު ސާބިތުވެ ތިބުމަށެވެ.
"އަދި ﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ އިންތިހާބު އެއްބުރުން ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދެއްވުމުގައި ތިޔަ އެންމެ ބޭފުޅުންގެ ވޯޓު އެމަނިކުފާނަށް ދެއްވުންވެސް އެދެމެވެ." ޕީޕީއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.