އެމްއާރުއެމް

އިދިކޮޅުގެ ދައުވަތު އެމްއާރްއެމުން ވެސް ގަބޫލެއް ނުކުރި

ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުމަށް ދިން ދައުމަތު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ވެސް ގަބޫލެއް ނުކުރި އެވެ.

އިދިކޮޅު ކޯލިޝަންގެ މި ދައުވަތު އެމްއާރްއެމްގެ އިތުުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ، އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް އިއްޔެ ވަނީ ފޮނުވާފަ އެވެ.

އެމްއާރްއެމްގެ ސެކްރެޓެރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ އެ ޕާޓީ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ކަމަށެވެ. އެހެންކަމުން ކޯލިޝަނުން ވަކިވެގެން ގައުމީ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

"އެހެންކަމުން އެމްއާރްއެމް މިހާރު އޮތް ކޯލިޝަނުން ވަކިވެގެން ގައުމީ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުންނުވާ ކަމަށް އިދިކޮޅު ކޯލިޝަނަށް ވާނީ އަންގާފައި،" އަލީމް ވިދާޅުވި އެވެ.

ރަައީސް މައުމޫނަކީ ޕީޕީއެމް އުފެއްދެވި އެ ޕާޓީގެ ބާނީ އެވެ. އަދި އެ ޕާޓީގެ ފުރަތަމަ އިންތިހާބީ ރައީސެވެ. ރަައީސް ޔާމީނާއި ރައީސް މައުމޫންގެ ގުޅުން ގޯސްވެފައި ވަނިކޮށް ކޯޓް މެދުވެރިކޮށް ޕީޕީއެމްގެ ކޮންޓްރޯލް ރައީސް ޔާމީން ހޯއްދެވި އެވެ.

އަދި އެމަނިކުފާނުގެ ވަފާތެރި މެންބަރުން މެދުވެރިކޮށް ރައީސް މައުމޫން ޕާޓީން ވަކިކުރެއްވި އެވެ. އެމްއާރްއެމް އިސްލާހީ ހަރަކާތެއްގެ ގޮތުގައި ފެށި ފަހުން ސިޔާސީ ޕާޓީއަކަށް ބަދަލުކުރެއްވީ އެކަމާއި ގުޅިގެންނެވެ.

ޕީޕީއެމްގެ ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން ތިން ޕާޓީ އަކީ މި ސަރުކާރުގެ ކޯލިޝަންގައި އޮތް ޕާޓީތަކެވެ. އެ ޕާޓީތަކުގެ ލީޑަރުންނަކީ ކޯލިޝަން ޕާޓަރުންނެވެ. އެއީ އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އަދާލަތު ޕާޓީގެ ރަައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެ ތިން ޕާޓީ އިން ވެސް ވަނީ ދައުވަތު ގަބޫލު ނުކުރާ ކަމަށް އަންގާފަ އެވެ.