މިނިސްޓްރީ އޮފް ހެލްތު

ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިއްހީ ހިދުމަތަށް އިންގިލާބީ ބަދަލެއް

އަތޮޅު ތެރޭގެ ރަށްތަކުގެ ސިއްހީ ދާއިރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށްޓަކައި "މޯލްޑިވްސް ހެލްތު ލައިން" މިއަދު އިފްތިތާހުކޮށްފި އެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ނަސީމު ވަނީ ހެލްތު ލައިން ޕްރޮގްރާމު ކުރިއަށްދާ ގޮތް އޮޅުންފިލުއްވައިދެއްވާފަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މިޕްރޮގްރާމުގެ ދަށުން އަތޮޅު ތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި ތިއްބަވާ އެކި ދާއިރާތަކުގެ ޑޮކްޓަރުން ކައިރި ރަށްތަކަށް ކޮންމެ މަހަކުވެސް ދަތުރުކޮށް ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"އޭރުން ރަށްތަކުގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ނުވަތަ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށް ކުރަންޖެހޭ ހަރަދު ކުޑަވެ އަދި ހިދުމަތް އަވަސްވެސް ވެގެންދާނެ،" ނަސީމު ވިދާޅުވި އެެވެ.

ހެލްތު ލައިން ޕްރޮގްރާމު ކުރިއަށް ގެންދިއުމަށްޓަކައި މި ޕްރޮގްރާމަށް ހާއްސަކޮށްގެން ބަނދެފައިވާ 20 ސްޕީޑް ލޯންޗް 20 އަތޮޅަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހަތް ސްޕީޑް ލޯންޗް ހަވާލުކޮށްފަ އެވެ. ސަރުކާރުން ނިންމާފައިވަނީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އަނެއް 13 އަތޮޅަށްވެސް ލޯންޗް ހަވާލުކުރުމަށެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވީ ލޯންޗްތައް ބަނދެފައިވަނީ ބަލި މީހުންނާއި ލެބޯޓްރީ ސާމްޕަލް އުފުލަން ފަސޭހަ އަދި ރައްކާތެރި ގޮތަށް ކަމަށްވާތީ މި ލޯންޗްތައް ކުއްލި ހާލަތްތަކުގައިވެސް ބޭނުންކުރާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީން ނިންމާފައިވަނީ ހެލްތު ލައިން ޕްރޮގްރާމާ އެކު ޑްރޯން ބޭނުންކޮށްގެން އެއް ރަށުން އަނެއް ރަށަށް ބޭސް، ލެބޯޓްރީ ސާމްޕަލް އަދި ކޮންސިއުމަބަލް އުފުލުމުގެ ހިދުމަތްވެސް ކުރިއަށް ގެންދިއުމަށެވެ. އެސްޓީއޯ އާއި ގުޅިގެން ޑްރޯންގައި ތަކެތި އުފުލުމުގެ ހިދުމަތް ފަށާއިރު ފުރަތަމަ އިސްކަން ދޭން ނިންމާފައިވަނީ ލެބޯޓްރީ ނެތް ރަށްރަށެވެ.

ހެލްތު ލައިން ޕްރޮގްރާމުގައި ބޭނުންކުރާ ލޯންޗްތައް ބަނުމަށް 50 މިލިއަން ރުފިޔާ އަދި ޑްރޯން ގަތުމަށް 4.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.