ރިޔާސީ އިންތިހާބު 2023

އިންތިހާބުގެ ދެވަނަ ބުރު ހަރުދަނާކުރަން ޓްރާންސްޕޭރެންސީގެ ހުށަހެޅުންތަކެއް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ހަރުދަނާކަމާއެކު ކުރިއަށް ގެންދިޔުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިލެކްޝަންސް ކޮމިޝަނަށް ކަންތައްތަކެއް ހުށަހަޅައިފި އެވެ.

ޓްރާންޕޭރެންސީން އިއްޔެ ބޭއްވި ޕްރެސް ބްރީފިންއެއްގައި އެ ޖަމިއްޔާގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމް ވަނީ އިންތިހާބުގެ ކަންތައްތައް ދެވަނަ ބުރުގައި ރަނގަޅު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފަ އެވެ.

އެ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށާއި އެ ކޮމިޝަނުގައި ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަނު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ އޮފިޝަލުންނަށްވެސް ލިބެންޖެހޭ ތަމްރީނާއި އިރުޝާދުތައް ދިނުމަށް އޭނާ ވަނީ އެދިފަ އެވެ. އަދި މި ކަމަކީ އިންތިހާބުގެ ވޯޓުލާ ހުރިހާ މަރުކަޒެއްގައިވެސް އަމަލުކުރާ އުސޫލުތައް އެއް ހަމައަކުން ކުރިއަށް ގެންދެވޭނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

މީގެ އިތުރަށް ވޯޓުގެ ސިއްރުކަން ޔަގީންކުރެވޭ ގޮތަށް ވޯޓުާ މަރުކަޒުތަކުގެ ލޭއައުޓް ބަދަލުކުރަންޖެހޭ ކަމަށް ޓްރާންސްޕޭރަންސީން ވަނީ ބުނެފަ އެވެ.

އެ ގޮތުން ވޯޓުލާ މީހުން ވޯޓު ކަރުދާހުގައި ފާހަގަޖަހާ ވަގުތު މޮނިޓަރުންނަށް ފޮޓޯ އަދި ވީޑީއޯ ނުނަގާކަން ކަށަވަރު ކުރުން ހިމެނޭ ކަމަށް ޓްރާންސްޕޭރަންސީން ބުނެފައިވެ އެވެ.

މީގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހާ ބޫތާއި އެމަރުކަޒުތަކުގައި ތިބޭ އޮބްޒާވަރުންނާއި ދެމެދުގައި އެކަށީގެންވާ ލިބިފައިނުވާ ވޯޓުލާ މަރުކަޒުތައް އެހެން ތަނަކަށް ބަދަލު ކުރަންޖެހޭކަން ޓްރާންސްޕޭރަންސީން ފާހަގަކޮށްފައިވެ އެވެ.