ވެލިދޫ

ވެލިދޫގައި ޖޫނިއާ ކޮލެޖު އެޅުމުގެ މަސައްކަތް ފަށައިފި

ނ. ވެލިދޫގައި ޖޫނިއާ ކޮލެޖު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީއާ މިމަސައްކަތް ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިތަން ހަދަނީ ސްމާޓް ކްލާސްރޫމްތަކާއި، އައިސީޓީ ލެބޯޓަރީއަކާއި، ލައިބްރަރީއާއި، އިދާރީ ބަޔަކާއި، ވޯކްޝޮޕްތަކާއި ބައްދަލުވުންތައް ކުރިއަށް ގެންދެވޭ ފަދަ ޖާގަ ވެސް ހުންނާނެ އެވެ.

ޖޫނިއާ ކޮލެޖުތަކަކީ ޒުވާނުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދީ އަދި ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ލިބޭ ގޮތަށް ކުރިއަށް ގެންދާ ތަނެކެވެ.

ވެލިދޫ ކައުންސިލުން ބުނީ އެ ކައުންސިލުން އެކި ފަރާތްތަކާ ގުޅިގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމުތަކަށް ޒުވާނުންދޭ ތަރުހީބާ ގުޅިގެން ޖޫނިއާ ކޮލެޖަކީ އެރަށަށް ވަރަށް މުހިއްމު ތަނެއް ކަމަށެވެ.

ޖޫނިއާ ކޮލެޖުގެ އެޅުމުގެ މަސައްކަތް ވެލިދޫގެ އިތުރުން އެ އަތޮޅު ކެނދިކުޅުދޫ އަދި ހއ. ދިއްދޫގައިވެސް ކުރިއަށް އެބަދެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި ޖޫނިއާ ކޮލެޖްތައް ބިނާކުރަނީ ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާ ކުރާށާއި މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް ފުރުސަތު ދޭށެވެ