ވާހަކަ

ގަހަނާ ފޮށި

( 10 ސެޕްޓެމްބަރ 2023 އާ ގުޅޭ )

"އެހިސާބުގައި މީހަކު ކޮންމެފަދަ ކަމެއް ކުރިޔަސް މީހަކަށް ނޭނގޭނެ." ހޫދު ބުނެލިއެވެ.

"ކޮންއިރަކުން ފުލުހުން އޭނާ ހައްޔަރުކުރާނީ؟. އިތޫގެ ވެޑިންއަށް ފަހު އެތަނަށް އެނބުރި ދާކަށް އަހަރެން ބޭނުމެއްނޫން." އަހަރެން ބުނީމެވެ.

ފައިސަލްގެ ހުސިޔާރުކަން ހޫދު ފާހަގަކުރިއެވެ. ފުލުހުންގެ ޓީމު ރެއިން ފެށިގެން ގެސްޓްހައުސް ހުރި ހިސާބު ބަލަން ފަށައިފިކަން ހޫދު ބުންޏެވެ. އެހެންވީމަ އަހަރެންނަށް ކުރެވުނު ހީއަކީ ރަނގަޅު ހީއެކެވެ. މުޅި ސަރަހައްދުގައި ސިއްރު ފުލުހުން ހަރަކާތްތެރިވަމުން ދާނޭކަން ހޫދު ބުންޏެވެ. އެމީހުންގެ މި އޮޕަރޭޝަން ކުރިޔަށް ގެންދަނީ މާލެއިން އައިސް ތިބި ފުލުހުންގެ ޓީމު އިސްކޮށް ތިބެކަން ހޫދު ކިޔާދިނެވެ.

"އާނަގެ ފަރާތުން ލިބުނު މަޢުލޫމާތަށްވާތީ ޓީމުން ބޭނުންވޭ އާނައާ ވާހަކަދައްކަން. އާނަގެ ބަޔާނެއް ނަގަން. ފައިސަލް ނެގުމުގެ ކުރީން އަހަރެމެންނަށް އޭނާ ދިރިއުޅޭ ގޭގެ ހާލަތު ޔަގީންވާން ޖެހޭ. އަމުރު ލިބުނީމާ އަހަރެމެންނަށް އެތަނަށް ވަދެވޭނީ. މުޅިތަން ފާސްކޮށް ޑޭޓާ ކަލެކްޓްކުރެވޭނީ." ހޫދު ބުންޏެވެ.

"އަހަރެން ނުގޮސް ނުވާނެތަ؟." ހާސްކަމާއެކު އަހަރެން އަހާލީމެވެ.

"ނުވާނެ ގިނައިރެއް. އެތަން ހުރި ގޮތަކާއި އާނައަށް މިކަން އެނގުނު ގޮތެއް ކިޔާދިނީމަ ނިމުނީ." ހޫދު ބުންޏެވެ.

"އަހަރެން ބިރުގަންނަނީ ފައިސަލްއަށް ފެނިދާނެތީ. އޭނާއަށް ޝައްކުނުވާކަމެއް ނޭނގެ... އަހަރެންނަށް ފާރަނުލާކަމެއް ވެސް ނޭނގޭ." އަހަރެން ބުނީމެވެ. ހަޤީޤަތުގައި އަހަރެން ބިރުގަންނަނީ ވީޑިއޯތައް އަހަރެން ޑީލިޓުކުރިކަން ފައިސަލްއަށް އެނގޭނެތީއެވެ. އެކަން އެނގި އަހަރެންގެ ކިބައިން އޭނާ ހިފާފާނެ ބަދަލެއް ނޭނގޭތީއެވެ. އަނެއްކޮޅުން ހޫދާއެކީ ފުލުހުންގެ އިދާރާއަށް އަހަރެން ވަންނާތީ ފެނިއްޖެނަމަ ހުރިހާކަމެއް އޭނާއަށް ޔަގީންވާނެއެވެ. ފައިސަލްއާ ދެކޮޅަށް ރޭވި މީހަކީ އަހަރެންކަމެވެ.

"ވެހިކަލް މިގޭ ދޮށަށް ގެނެސްދާނަން. ކޮއްކޮގެ ބުރުގާއެއް އާނަ އަޅަންވީނު. އޭރުން މީހަކަށް ނޭނގޭނެ." ހޫދު ޚިޔާލު ދިނެވެ.

"އެކަމަކު އޭރުން އިތޫ ސުވާލު ކުރާނެ." ވަގުތުން އަހަރެން ބުނީމެވެ.

"އާނަ ބުނާހެން ފައިސަލްއަށް ޝައްކުވެއްޖެއްޔާ ހުރިހާ ހެއްކެއް ނައްތާލާނެ. އެއީ ގެރެންޓީކަމެއް... މިހުރިހާކަމެއް ބޭކާރުވެގެންދާނެ. އެނގޭތަ... ގެސްޓްހައުސް ދޮށަށް ފޮނުވި ކުދީންނާ އޭނާ ވާހަކަދެއްކިކަން. ރަށުތެރެއިން އޭނާ ނުފެނުނަސް އޭނާއަށް އެނގުނު އެހިސާބަށް ދިޔަ ބަޔަކީ މިރަށު ބައެއްނޫންކަން ބުނަން." ހޫދު އިން ގޮތް ބަދަލުކޮށްލަމުން ބުނެލިއެވެ. އޭނާގެ މޫނުން ވެސް ފާޅުވަނީ ސީރިއަސްކަމެވެ. ފައިސަލްއާ ކުރިމަތިލާން ޖެހޭނީ ނިކަން ވިސްނައިގެން ފަރުވާތެރިކަމާ އެކީކަން އޭނާއަށް ވެސް އެނގެއެވެ.

"އޭނާ އިއްޔެ އިރުއިރުކޮޅުން ނުކުމެ ބަލާ. ރޭ ވާރޭގަނޑުގައި ވެސް ނުކުތް. އަހަރެން އެހީމަ ބުނީ ނުލަފާއަރުވާ ގުރޫޕުގަނޑަކަށްވެދާނޭ. އޭނާގެ ޑިންގީ އެދިމާގައި އަޅާފައި އޮންނާތީ އެޔަށް ކަމެއްކޮށްފާނޭތީ ކަމަށް އެވަރަށް ބަލަން ޖެހުނީ." އަހަރެން ކިޔާދިނީމެވެ.

"އެހިސާބު ހުރި ގޮތެއް ބަލަން މާލެއިން އައި ޓީމު ބޭނުންވީ. އަހަރެމެންނަށް ވެސް ކުރިޔަށް ތައްޔާރުވާން އެނގޭނީ އޭރުން. ދެން އާނަ ބުނެބަލަ. ބޮޑު މީހާ އަހަރެން ކައިރީ ބުނެފައި އޮތީ ހެނދުނު އާނަ ގޮވައިގެން އެ ކޮޅަށް ޖައްސާލަން." ހޫދު ބުންޏެވެ.

"ބެޑުޝީޓު ގަނޑަކަށް ލައި އޮޅާލައިގެން އަހަރެންގެ ކޮނޑުމައްޗަށް ލައިގެން ހިނގައިދާނަން. ގައިމުން އޭރުން މީހަކަށް ނޭނގޭނެ." އަހަރެން އެއްޗެއް ނުބުނެ އިނުމުން ހޫދު ސަމާސާކޮށްލިއެވެ.

"ހެނދުނު ކިހާ އިރަކުން." އަހަރެން އަހާލީމެވެ.

"ނުވައެއް ޖަހާއިރު އަވަސްތަ؟." ހޫދު އަހާލިއެވެ. އަހަރެން ނޫނެކޭ ބުނަން ބޯހޫރާލީމެވެ.

"އެހާއިރަށް ރެޑީވެގެން ހުންނާތި. ވެހިކަލް އައީމަ އަހަރެން އާނައަށް ގުޅާނަން. ދެން މާބޮޑަށް ހާސްނުވޭ. ފައިސަލް އުޅޭނޫޅޭ ގޮތް ބަލަމުން އެދަނީ. އެހެންވީމަ އޭނާ މިހިސާބަށް އަތުވެއްޖެއްޔާ އަހަރެމެންގެ ކުދީންނަށް އެނގޭނެ. އަހަރެން ވެސް ބުނެލާފައި ބާއްވާނީ." ހޫދު ބުންޏެވެ.

"އަހަރެންގެ އަތުގައި އެބަހުރި ޝިފާލީގެ އެއްޗެހި." އިރުކޮޅަކު ހިމޭނުން ވިސްނަން އިނދެފައި އަހަރެން ބުނީމެވެ. އަހަރެންނަށް ފައިސަލް ދީފައި ހުރި ގަހަނާއަކީ ޝިފާލީގެ ގަހަނާއަށް ވާއިރު އެ އެއްޗެހި ބޭނުން ކުރުމުގެ ގަސްދެއް އަހަރެންގެ ނެތެވެ.

"ކޮބާ؟." ހޫދު އެއްސެވެ. އެއާއެކު އަހަރެންގެ ކަރުގައި އޮތް ފަށް ހޫދަށް ދައްކާލީމެވެ. އަދި ގުދުވެލައި ފައިގެ އިނގިލީގައި އިން އަނގޮށްޓި ވެސް ނެގީމެވެ.

"އަހަރެން ނަގައި ދެންތަ." ކަރުގައި އޮތް ފަށް ނަގަން އަހަރެން އުޅުނުތަން ހޫދު އަހާލިއެވެ. އަހަރެން ބޯޖަހާލުމާއެކު އިސްތަށިގަނޑު އެއްފަރާތްކޮށްލައި ހޫދަށް ފުރަގަސްދިނީމެވެ. އޭނާ ފަށް ނައްޓުވާލިއެވެ. އެއާއެކު އަހަރެން އިހު އިން ގޮތަށް އެނބުރިލައި ޖޯލީގައި ހަމަޖެހިލީމެވެ. އަދި ހޫދަށް ފައިގެ އިނގިލިން ނެގި އަނގޮށްޓި ދިއްކޮށްލީމެވެ.

"ޝިފާލީގެ ގަހަނާފޮށީގައި ހުރި އެއްޗެހި މީ. ފައިސަލް އަހަރެންނަށް ދިނީ. އެ ގަހަނާ ފޮށި އޭނާ އުޅެނީ ފޮރުވައިގެން. ޝިފާލީގެ ޢާއިލާއާ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާއަށް އެ ގަހަނާފޮށި ވަކިކުރަން އެނގޭނެ. އަދި މި އެއްޗިއްސަކީ ވެސް އޭނާގެ އެއްޗެހިކަން... ހޫދު. އަހަރެންނަށް އަދި ފާހަގަވީ ކަމެއް ބުނަންތަ." އަހަރެން އެންމެފަހުން ބުނި ޖުމްލައާއެކު ހޫދު ހޫން ލައްވާލީ ބޯޖަހާލަމުންނެވެ.

"އަނުމްއާއި ޝިފާލީގެ ފޮޓޯ ދުށީމެންނު. އެމީހުން ލުބުނާއާ ވައްތަރެއްނޫންތަ... އަހަރެންނަށް އެމީހުން ލުބުނާއާ ވަރަށް ވައްތަރު. އަހަރެންގެ ހިތް ބުނަނީ ހުރިހާ މަރެއްގެ ފެށުމޭ ލުބުނާއަކީ. ފައިސަލް ކިތަންމެ ކުޑަޔަސް އޭނާއާ އެ މަރާ ކޮންމެވެސް ކަހަލަ ގުޅުމެއްވެޔޭ ހީވަނީ. ފައިސަލްއާ ލުބުނާ ބައްދަލުވެފައި ނޫނީ ކޮންމެވެސް ގޮތަކުން ފެނިފައި ހުރީހެން ވެސް ހީވޭ." އަހަރެންގެ ހިތުގައި އޮތް ގޮތް ހޫދަށް ހާމަކުރީމެވެ.

"އާނަ ތިބުނީ އަހަރެމެންނަށް ވެސް ފާހަގަވެފައި އޮތްކަމެއް. އަހަރެންގެ އަތުގައި މި އެއްޗެހި ބަހައްޓަންތަ؟. މާދަން ދާއިރު މިވެސް ހިފައިގެންދާނީ." ހޫދު ބުންޏެވެ.

"އޯކޭ. އަހަރެން ކުރީން ތިއެއްޗެހި ނުދިނީ ފައިސަލްއަށް އެނގިދާނެތީ. އެކަމަކު މިހާރު ދެން އަޅައިގެން އުޅުމުގެ ބޭނުމެއްނެތް." އަހަރެން ބުނީމެވެ. އެނބުރި ފައިސަލްގެ ގާތަށް ދިއުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. ދާންޖެހޭ ސަބަބެއް ވެސް މިހާރު ނެތީއެވެ. އަހަރެން ބޭނުންވީ ކަންތައްވީމައެވެ. މިހާރު އަހަރެން ކަންބޮޑުވާންޖެހޭވަރު އެއްޗެއް ފައިސަލްގެ އަތަކު ނޯންނާނެއެވެ. އަހަރެން ބޭނުންވީ ރައްކާތެރިކަން އަހަރެންނަށް ހޯދިއްޖެއެވެ.

* * * * * *

އިތޫގެ ކޮޓަރީގައި އަހަރެމެން ތިބީ ނިދާފައެވެ. ހޭލެވުނީ އަހަރެންނަށް ޝިފާލީ ގޮވާލީމައެވެ. އަހަރެން ތެދުވެ އިތޫއަށް ބަލާލީމެވެ. އޭނާ އޮތީ ނިދާފައެވެ. ޝިފާލީގެ ސޫރައެއް ނުފެނުނެވެ. އެއާއެކު އަނެއްކާ ވެސް ޝިފާލީގެ އަޑުން އަހަރެންނަށް ގޮވާލައިފިއެވެ. ކޮޓަރިން ނުކުންނަން އަހަރެން ކައިރީ ބުންޏެވެ. އެހެންވެ އަހަރެން އެނދުން ފައިބައި ނިކަން ސިއްރުން ކޮޓަރިން ނުކުތީމެވެ. މުޅިގެ ވަނީ ފުން ހިމޭންކަމުގައި ނިދާފައެވެ. ސިޓިންރޫމުގައި ވަނީ ފަނޑު އަލިކަމެކެވެ. އެހެންވިޔަސް ދޮރާ ދިމާއަށް ހުއްޓި ހުރި ޝިޕާލީ އަހަރެންނަށް ފެނިއްޖެއެވެ.

"މާދަމާ ފުލުސް އޮފީހަށް ދަން." އަހަރެން ވާހަކަފެށީމެވެ.

"އެނގޭ. ކަލޭމެން ދެ މީހުން ދެއްކި ހުރިހާ ވާހަކައެއް އަހަރެންނަށް އަޑު އިވުނު. ބުނަން މިއައީ ފައިސަލް ކެމެރާތައް ނައްޓާލައިގެން ގެނެސް ފަހުން ބަދަލުވި ކޮޓަރީގައި ހަރުކޮށްފިއޭ. އަދި އޭނާ މީގެ އިރުކޮޅެއް ކުރީން އެ ގޭގައި ހުރި ސިއްރު ކޮޓަރިއަށް ވަދެއްޖެ... އޭނާއަށް އެނގިއްޖެ. އެތަނުން ނުކުތް ގޮތަށް ކަލޭގެ ކޮޓަރިއަށް އައީ. ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް އޭނާ އެފުށްމިފުށަށް ޖަހައިފި. ފޮށީގައި ހުރި ހުރިހާ ހެދުމެއް ވެސް ވަނީ އެތަންމިތަނަށް އުކާލާފައި. ކޮޓަރިތެރެ ތަރުތީބު ކުރުމުގެ ވިސްނުމެއް އޭނާގެނެތް. އަހަރެން މި އައިއިރު އޭނާ އޮތީ ކަލޭގެ ކޮޓަރީގެ އެނދުގައި... ބޯދަށަށް ދެއަތްލައްވާލައިގެން ވިސްނަން އޮތީ... އޭނާ ކަލޭ ފޮރުވައިގެން އުޅޭ ފޯނު ފެނޭތޯ ވަރަށް ހޯދި. އޭނާ އެ އޮންނަނީ އިންތިޒާރުގައި... ކަލޭ އެނބުރި އަންނާނެ އިރެއްގެ އިންތިޒާރުގައި. އަހަރެންނަށް އެނގޭ އެނބުރި ދާކަށް ކަލޭ ބޭނުމެއްނޫންކަން. އެކަމަކު އަހަރެން ބޭނުމީ ކަލޭ އެނބުރި ދާން. ގޮސް އޭނާ ކައިރީ ބުނަންވީ ކަލޭ ކައިރީ ހުރިހާ ވާހަކައެއް ބުނީ ޝިފާލީއޭ. ހަމައެކަނި އެހެން ބުނަންވީ." ޝިފާލީގެ ސޫރައިގައި އުޅޭ މަހުލޫގު ބުންޏެވެ.

"އަހަރެން ދާކަށް ބޭނުމެއްނޫން. ތިބުނީ އޭނާއަށް އެނގިއްޖެޔޭ. އަދިއަމުދުން ނުދާނަން. އަތުޖެހިއްޖެއްޔާ އޭނާ އަހަރެން ކަތިލާނެ. ހީވޭތަ އަހަރެންނަށް އެއްޗެކޭ ބުނާނޭ ފުރުޞަތެއް ލިބޭނެހެން. އޭނާ އަހަރެންގެ އިންތިޒާރުގައި އިނިއްޔާ އޭގެ މާނައަކީ މިހާރު އޭނާ ރާވަމުންނޭ ދާނީ އަހަރެންގެ ފުރާނަ ދުއްވާލާނޭ ގޮތަކާމެދު." އެ މަހުލޫގުގެ ވާހަކައާމެދު އަހަރެން އަޖައިބުވެ އަންތަރީސްވާވަރު ވިއެވެ.

"އާނިޔާ މަރައެއްނުލެވޭނެ. އަހަރެން ހުންނާނަން. އެހެންވީމަ އަހަރެން މިބުނި ގޮތަށް އޭނާގެ ކައިރިޔަށް ގޮސް ބުނޭ. ހޫދު އެބުނާ އަމުރެއް ލިބޭނީ މާދަމާ ހަވީރު. މާދަމާ ރޭ އެމީހުންނަށް ފައިސަލް ގެންދެވޭނީ. އިތުމީނާގެ ކައިވެންޏަށް ހޫދު ދާނެ. އޭނާ ވެސް ހުރެގެން ފައިސަލްގެ ކަންތައް އެމީހުންނަށް ނިމުމަކަށް ގެނެވޭނީ. އެމީހުންނަށް ފައިސަލް ހައްޔަރު ކުރަން ފަސޭހަވާނެ އާނިޔާ ހުރީމަ." ޝިފާލީ ބުންޏެވެ.

އަހަރެންގެ ޟަމީރު އޭނާގެ ވާހަކަތަކާމެދު ސަމާލުވިއެވެ. އޭނާގެ އަމިއްލަ ރޭވުމެއް މިކަމުގައިވެޔޭ އަހަރެންގެ ޟަމީރަށް ހީވާންފެށީއެވެ. ހަމައެކަނި ފުލުހުން އައިސް ފައިސަލް ހައްޔަރު ކުރަމުން މިކަން ނިމުނީކީ ނޫންހެން ހީވެއެވެ. އެހިސާބުން އޭނާ ފައިސަލް ދޫކޮށްލަފާނޭ ހިޔެއްނުވެއެވެ. އަހަރެމެން އެކަކަށް ވެސް ނޭނގޭ އޭނާގެ އަމިއްލަ އެޖެންޑާއެއް ފައިސަލްއާ މެދު އޮތީއެވެ.

"އަހަރެން ބިރުގަނޭ. ކަލެއަށް އެއްވެސް އިތުބާރެއްނެތް. ކަލޭ ބުންޏަސް އަހަރެންގެ ފުރާނަ ޤުރުބާނެއް ނުކުރާނަން... ފައިސަލްއާއެކީ އަހަރެން ގޮސް ގެސްޓްހައުސްއަށް ވަންނާނީ ކިހިނެއް. އެހިސާބަށް ނުފޯރަނީސް އޭނާ އަހަރެންގެ ކަރު ބުރިކޮށްލައިފިއްޔާ." ޖެހިލުންވެ ހުރެ އަހަރެން ބުނީމެވެ.

"ނުވާނެ އެއްވެސް ކަމެއް. އޭނާ ބޭނުންވިޔަސް އަހަރެން ހުއްޓާ އާނިޔާއަށް ގެއްލުމެއްނުދެވޭނެ. ހޫދުގެ މީހުން ވެސް އާނިޔާ ސަލާމަތްކުރާނެ. ހަމައެކަނި މިކަން ކޮށްދީ. މީ ޝިފާލީއަށް ޓަކައި އާނިޔާގެ ފަރާތުން އަހަރެން އެދޭނެ އެންމެ ފަހު ކަންތައް." ޝިފާލީ ބުންޏެވެ.

ދެން ވެސް ދެކޮޅު ހަދަން ބޭނުންވިއެވެ. ނުވާނެއޭ ބުނަން ހިތުގައި އޮތެވެ. ނަމަވެސް އަހަރެންގެ ކުރިމަތީ ހުރީ އަސްލު ޝިފާލީއެއް ނޫނެވެ. އެ މަހުލޫގު އަހަރެންގެ ގައިތެރެއަށް ވަދެ ބާރުފޯރުވައެވެ. ގޯނާއެއް ނުކުރި ނަމަވެސް އޭނާ ބޭނުންވާ ކަންތައް އަހަރެން ލައްވާ އެފަދައިން ކުރުވާފައި އެބަހުއްޓެވެ. ވީއިރު ނޫނެކޭ ބުނެގެން ފަރު ޖެހޭނެ ހެއްޔެވެ. އެކަންވާނީ ބޭކާރު ކަމަކަށެވެ.

"އެންމެ ރަނގަޅު. އެކަމަކު ހޫދު ސުވާލު ކުރާނެ. އަހަރެން އެއްވެސް މީހެއް ކައިރީ ކަލޭގެ ހަޤީޤަތެއް ހާމައެއްނުކުރަން. ކަލޭގެ ވާހަކަ ބުނެގެން ހިޔެއްނުވޭ އެއީ މާ ހަމަޖެހޭ ވާހަކައަކަށް ވާނޭހެން. އެމީހުން އަހަރެން މޮޔައަކަށް ހަދާފާނެ." އަހަރެން ބުނީމެވެ.

"ހޫދު ކައިރީ ބުނޭ އެމީހުންގެ މީހުން ތައްޔާރަށް ތިބޭށޭ. އާނިޔާ ގޮވައިގެން ފައިސަލް ގެސްޓްހައުސްއަށް އަންނަ ވަގުތަށް. ބުނޭ ފައިސަލްގެ ސިފަ ފެންނާނީ އޭރުންނޭ." ޝިފާލީ ބުންޏެވެ. އަހަރެން އޭނާގެ ބަހަށް ބޯޖަހާލީމެވެ.

ޝިފާލީގެ ސޫރަ ޣައިބުވުމުން ހަށިފުރާ ފުންނޭވާއެއް އަހަރެން ދޫކޮށްލީމެވެ. ހާސްކަން ލިބުނުވަރުން އަހަރެންގެ ބޮލުގައި ރިހުމެއް އުފެދިފައި ވިއެވެ. އެނބުރި އިތޫގެ ކޮޓަރިއަށް އައިސް އެނދުގައި އޮށޯތުމުން ވެސް ނިދޭ ގޮތެއް ނުވިއެވެ. ޝިފާލީއަށް ފައިސަލް ހެދި ގޮތުގެ މަންޒަރުތައް ސިފަވަނީއެވެ. އޭނާ އަހަރެންނާމެދު ކަންތައް ކުރާނީ އެޔަށްވުރެ ވެސް އަނިޔާވެރިކޮށޭ ހިތަށް އަރަނީއެވެ. އަހަރެންނަށް އޭނާގެ ސިއްރު ފަޅާއެރީމައެވެ. ފައިސަލްގެ ނަޒަރުގައި ދުނިޔޭގައި އަހަރެން އެންމެ ސުކުންތަކަށް ނޭވާލަން ދޫކޮށްލުން ވާނީ އޭނާއަށް އޮތް ނުރައްކަލާއި ހުރަސްތައް އިތުރުވެގެންދާ ވަގުތަކަށެވެ.

* * * * *

ހޫދުގެ ފޯނުކޯލާއެކީ އަހަރެން އިތޫގެ ކޮޓަރިން ނުކުތީމެވެ. ބަދިގެއިން އިތޫ ވެސް ނުކުތީ އެވަގުތެވެ. އަހަރެންނަށް ބަލާލާފައި ކޮންތާކަށް ދާންތޯ އުޅެނީ އިތޫ ސުވާލު ކުރިއެވެ. ނަސީބަކުން އެވަގުތު އަހަރެމެން ކައިރިޔަށް ހޫދު އަތުވެއްޖެއެވެ. އަހަރެން ގޮވައިގެން ފިހާރައަކަށް ދާންކަން ހޫދު ބުނެލިއެވެ. އަންނަމުން އިތޫއަށް އައިސްކްރީމް ގެނެސްދޭނަން ކަމަށް ހޫދު ވަޢުދުވިއެވެ. އަހަރެމެންގެ ފަހަތުން އިތޫ އަންނަން ފެށުމުން ދެން ވެސް ހޫދު ބަހަނާއެއް ހަދާލިއެވެ. އޭނާގެ ކޮޓަރިއަށް އިތޫ ފޮނުވާލިއެވެ. ދެން ލިބުނު ފުރުޞަތުގައި ހަލުވިކަމާއެކު ގެއިން ނުކުންނަން ހޫދު ހިނގައިގަތީ އަހަރެންގެ ކަނާއަތުގެ ކުޑަހުޅުގައި ހިފާލައިގެން ހުރެއެވެ.

ދޮރޯށި ހުޅުވާލައި ފުރަތަމަ ނުކުތޯ ހޫދެވެ. ދޮރުމަތީ އޮތް ކަޅުކުލައިގެ ކާރު އަހަރެންނަށް ފެނުމުން ހައިރާންވިއެވެ. ނިކަން އަވަހަށް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލައި އަހަރެންނަށް ހޫދު އިޝާރާތްކޮށްލީ ކާރަށް އެރުމަށެވެ. އަހަރެން އައިސް ކާރަށް އެރުމުން ދޮރުފަތް ލައްޕާލަ ދީފައި އޭނާ އެރީ ކުރިޔަށެވެ. ޑްރައިވަރު ސީޓުގައި އިން ޒުވާނާ ހޫދަށް ގޮވާލި ގޮތުން އެއީ އޭނާއަށްވުރެ ރޭންކުގެ ގޮތުން ދަށުގައި މަސައްކަތްކުރާ މުވައްޒަފެއްކަން އެނގުނެވެ. އަހަރެމެން ކާރަށް އެރުމުން ވަގުތުން ކާރު ދުއްވާލައިފިއެވެ.

(ނުނިމޭ)