މީރާ

މީރާއަށް އޮގަސްޓް މަހު ލިބުނީ 1.7 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 21 ޕަސަންޓް އިތުރު އަދަދެކެވެ. އެކަމަކު މިއީ މިދިޔަ އޮގަސްޓް މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 7.7 ޕަސަންޓް މަދު އަދަދެކެވެ.

މީރާ އިން ބުނީ މިދިޔަ އޮގަސްޓްގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، އިންކަމް ޓެކްސް، ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ލިބިފައިވާ އާމްދަނީ މަދުވުން ކަމަށެވެ. މިދިޔަ އޮގަސްޓްގައި އަންދާޒާކޮށްފައިވާ އަދަދާ އަޅައިބަލާއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 0.2 ޕަސަންޓަށް ދައްވެފައިވުމުން ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ގްރީން ޓެކުހާއި ޓީޖީއެސްޓީ އިން ލިބުނު އާމްދަނީ ދަށްވުމަކީވެސް އޮގަސްޓްގައި ލިބުނު ޖުމްލަ އާމްދަނީ ދަށްވި ސަބަބެއް ކަމަށް މިރާ އިން ބުނެ އެވެ.

މީރާ އިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓްގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ އޮގަސްޓްގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ނުވަ ޕަސަންޓަށް އިތުރުވުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ޖީއެސްޓީގެ ރޭޓަށް އައި ބަދަލާ ގުޅިގެން ޓީޖީއެސްޓީ އަދި ޖީޖީއެސްޓީ އިން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީރާއަށް މިދިޔަ އޮގަސްޓް މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 59.12 ޕަސަންޓް ނުވަތަ 9.43 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 11.84 ޕަސަންޓް ނުވަތަ 1.88 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 5.67 ޕަސަންޓް ނުވަތަ 90.4 މިލިއަން ރުފިޔާ، ޑިޕާޗަ ޓެކުހުގެ ގޮތުގައި 5.50 ޕަސަންޓް ނުވަތަ 87.8 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 4.36 ޕަސަންޓް ނުވަތަ 69.5 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 13.52 ޕަސަންޓް ނުވަތަ 2.15 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އޮގަސްޓް މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.