އެމްޑީއޭ

އިންތިހާބުގެ ނަތީޖާއަށްފަހު އެމްޑީއޭގެ އިސްވެރިން "ގެއްލިއްޖެ"

ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ބައްދަލުކުރެއްވިއިރު ރައީސްއާ އެކު އޮތް ކޯލިޝަން ބައިވެރިއެއް ކަމަށްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އިސް ބޭފުޅުން "ގެއްލިއްޖެ" އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101،494 ވޯޓު ލިބިވަޑައިގެންފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.

ރައީސްއަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށްފަހު މިދިޔަ އެމްޑީއޭގެ އިސް އެއްވެސް ބޭފުޅަކު އަދި މީޑިއާގައި ވާހަކައެއް ނުދައްކަވަ އެވެ. އޭގެފަހުން އެ ޕާޓީގެ އިސް ބޭފުޅުން ރައީސްއާ އެކުވެސް ފެނިފައެއް ނުވެ އެވެ. ނަމަވެސް އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް އަރިހުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ވަރަށް ގިނަ ރަށްތަކަށް ދަތުރުކުރެއްވި އެވެ. އަދި ސިޔާމަށް ވަޑައިނުގެންނެވުނު މަދު ރަށްތަކަށް އެ ޕާޓީގެ ނައިބް ރައީސް އަލީ މައުރޫފް ނުވަތަ އައިޝަތު ރަފިއްޔާ (ރަފީ) ވަޑައިގެންނެވި އެވެ.

އެކަމަކު އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް ސޯލިހް މިރޭ ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ އެކު ބޭއްވި ޖަލްސާގައި އެމްޑީއޭގެ އިސް އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އެކަމަކު އެ ޕާޓީގެ ކައުންސިލް މެންބަރު އަދި އެމްޑީޕީގެ ކުރީގެ މެންބަރު ޝުއައިބް އަލީގެ ދެމަފިރިން ބައިވެރިވި އެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު އެމްޑީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ފުރަތަމަ ބުރުގެ ނަތީޖާއަށް ރިއާޔަތްކޮށް ގުޅިފައިވާ ޕާޓީތަކުން އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން އިތުރު ސިޔާސީ ޕާޓީތަކާއި، މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

"އެހެންކަމުން ކުރިއެކޭ އެއްގޮތަށް އެމްޑީއޭގެ ފަރާތުން ކޯލިޝަން ރޫހުގައި ކެމްޕޭންގެ ހަރަކާތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް ލީޑަޝިޕުން އެދިލައްވާ ވާހަކަ މިފުރުސަތުގައި ދަންނަވަން،" އެމްޑީއޭގެ ޓްވީޓްގައިވެ އެވެ.

އެމްޑީއޭގެ އެއްވެސް ބޭފުޅަކު މިރޭގެ ޖަލްސާގައި ބައިވެރި ނުވި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނާ ގޮތުގައި އިންތިހާބުގެ ނަތީޖާއަށްފަހު ސިޔާމު ވަނީ ކެމްޕޭން މަޑުޖައްސާލުމަށް އެމްޑީއޭގެ ބައެއް އިސް ބޭފުޅުންނަށް އަންގަވާފަ އެވެ. ނަމަވެސް މިކަމުގައިވެސް އެމްޑީއޭގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

އެމްޑީއޭގެ ނައިބް ރައީސް އަލީ މައުރޫފް އަކީ ސިޔާމުގެ ވަރަށް އަރިސް ބޭފުޅަކަށް ވާތީ އޭނާއަކީ އެ ޕާޓީގެ ތެރޭގައިވެސް ނުފޫޒުގަދަ ބޭފުޅެކެވެ. އަދި އަލީ މައުރޫފްގެ އަނބިކަނބަލުންނާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންނަކީ އާއިލީ ގޮތުން ގާތް ބޭފުޅުންނެވެ. އެހެންވެ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީއަށްފަހު އެމްޑީއޭގެ ކައުންސިލް މެންބަރުން އަލުން ބައްދަލުވެ އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން އަލުން މުރާޖައާ ކުރުމަށް ބައެއް ބޭފުޅުން ސިޔާމަށް ހުށަހަޅުއްވާފައިވާ ކަމަށް ބުނާ އަޑުތަކެއްވެސް އުޅެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ސިޔާމު ވަނީ ރައީސް ސޯލިހްއާ އެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވާފަ އެވެ. އަދި ވަރަށް ގިނަ ޖަލްސާތަކުގައި ސިޔާމު ވަނީ ރައީސް ސޯލިހްގެ ސިޔާސަތުތަކަށް އަދި އެމަނިކުފާނުގެ ޝަހްސިއްޔަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަވެސް ދައްކަވާފަ އެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށްޓަކައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭ އިން އެކަންޏެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހުވެސް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އަދި އެއްވެސް ޕާޓީއަކުން ނުނިންމަ އެވެ. އެހެންކަމުން އެމްޑީއޭ އިން ރައީސްއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފިނަމަ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ރައީސް ސޯލިހަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.