އަހުމަދު ސިޔާމް މުހައްމަދު

ރައީސަކީ ފައިނޭންޝިއަލް އިންޖީނިއަރެއް: ސިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ފައިނޭންޝިއަލް އިންޖީނިއަރެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް -- އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ސިޔާމް ވިދާޅުވީ އަމާން ފާގަތި ދިރިއުޅުމެއް ހޯދުމަށް ފެށުނީއްސުރެ ސިޔާސީ ލީޑަރު މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަމުގައި އެ ލީޑަރުންނަށްވުރެ ރައީސް ހުންނެވީ ކުރީގައި ކަމަށާއި ރައީސަކީ ތަޖުރިބާކާރު ފައިނޭންޝިއަލް އިންޖީނިއަރެއް ކަމަށެވެ.

"އެމަނިކުފާނަކީ ހަގީގަތުގައި ދަންނަވާނަމަ ފައިނޭންޝިއަލް އިންޖީނިއަރެއް،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެހުމަށް ކުރަންޖެހޭ ކަންކަން ރައީސް ސޯލިހު ކުރައްވާނެ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން މަޝްރޫއުތައް ހުއްޓާލިކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ އެ ބަލިމަޑުކަމުގައި ރައީސް ސޯލިހު ރާއްޖޭގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ފައިދާ ކުރި ކަމަށެވެ.

ބަލިމަޑުކަމުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ އެންމެ ބޮޑު ފައިދާއެއް ކުރާނެ ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.