އަހުމަދު ސިޔާމް މުހައްމަދު

ރައީސަށް ތާއީދުކުރެއްވީ ކޮވިޑްގައި އިގުތިސޯދު ކޮޅަށް ޖެއްސެވި ގޮތުން: ސިޔާމް

Jul 10, 2023
1

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމަށް ނިންމެވީ ކޯލިޝަން ދެމެހެއްޓެވުމާއި ކޮވިޑްގައި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެއްސެވުމަށް އަމަލުކުރެއްވި ގޮތް ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އިއްޔެ ފެއްޓެވި ރިޔާސީ ކެމްޕޭންގައި ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ސިޔާމް ވިދާޅުވީ މައްސަލައެއް ނެތި ކޯލިޝަނެއް ފަސް އަހަރު ވަންދެން ހިންގެވީ ރައީސް ސޯލިހު ކަމަށެވެ.

"ކޯލިޝަނެއް އޮތުމާއި ނެތުން ވެސް ފެނިއްޖެ، ބޭނުންވަނީ ރައްޔިތުންނަށް ވައުދުވެފައި ވައުދު ފުއްދުން،" ސިޔާމް ވިދާޅުވި އެވެ.

ކޮވިޑް-19 ކުރިމަތިވުމުން ވިޔަފާރިވެރިން ތިބީ ގޮތް ހުސްވެފައި ކަމަށާއި ބޭންކްރަޕްޓުވާނެ ކަމަށް ބައެއް ވިޔަފާވެރިން ގަބޫލުކުރި ކަމަށް ސަން ކުންފުނީގެ ވެރިޔާ ސިޔާމް ވިދާލުވި އެވެ.

"އޭރު އެންމެ މަތީ ތިބި ވިޔަފާރިވެރިން ބުނީ މި ހަލާކުވަނީ އޭ، ނެތި ދަނީއޭ،" ސިޔާމް ވިދާޅުވި އެވެ.

ރައީސް ސޯލިހްއަށް ގުޅުއްވާ މުވައްޒަފުންގެ މުސާރަ ދޭނީ ކިހިނެތްތޯ ދެންނެވުމުން އެ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ކޮވިޑްގައި ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެއްސުނީ ބޭރު ގައުމުތަކުން ލޯނުނަގައި ސަރުކާރުންދިން ލުއިތަކުގެ ސަބަބުން ނެވެ.