އއ. ފެރިދޫގައި އޭލެވޭލްއަށް ކިޔެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކެމްޕޭންގައި މިއަދު ފެރިދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ފެރިދޫ ރައްޔިތުން އެންމެ ބޭނުންވާ އެއްކަމަކީ އެރަށުގައި އޭލެވޭލް އަށް ކިޔެވޭނެ ފުރުސަތު ފަހިގެން ދިއުން ކަމަށެވެ. އޭލެވެލްއަށް ކިޔެވުން ފެށުމަށްޓަކައި ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ފެރިދޫގައި އޭލަވަލް އަށް ކިޔަވައިދޭން ފެށޭނީ އެހެން ރަށްރަށުން އެރަށަށް ކުދިންތަކެއް ކިޔަވަން ގެނެވިގެންނެވެ.
"އާބާދީ އިތުރުވުމުން އެކަމަށް މަގުފަހިވާނެ. އެހެން ނަމަވެސް އެ ފުރުސަތުތައް މިހާރު މިއޮތް ގޮތަށް ހޯދައިދޭންވެސް މަސައްކަތްތަކެއް ކުރާނަން. އޭލެވޭލްއަށް ކިޔަވައިދިނުމަށްޓަކާ ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ފަހިކޮށްދޭން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ހަމަޖައްސާފައި އޮންނަ ގޮތުންނަމަ އެއްވެސް ސްކޫލެއްގައި އޭލަވަލް އަށް ކިޔަވައިދޭން ފެށޭނީ އެ ސްކޫލެއްގައި ވަކި އަދަދަކަށް ކުދިން ތިބެގެންނެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވަކި ރަށެއް ވަކި އާބާދީއެއް ބެލުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކޮށް ކޮންމެ ރަށެއްވެސް ތަރައްގީކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެރަށެއްގެ އާބާދީއަކުން އެރަށެއްގެ ތަރައްގީއަށް އެންމެ އިސްކަންދީގެން ކުރަން ބޭނުންވާ ކަންކަންކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ފެރިދޫ ޒުވާނުން އެންމެ ބޭނުންވާ އެއްކަމަކީ އެރަށުގައި ކުޅިވަރު ކުޅޭނެ އިންޑޯ ޔޫތް ސެންޓަރެއް ހެދުން ކަމަށްވާތީ ޒަމާނީ ފެންވަރުގެ ޔޫތު ސެންޓަރެއް ފެރިދޫގައި ހަދައިދިނުމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އަދި ފެރިދޫގެ މަސްވެރިންނާއި އޮޑިވެރިންނަށް ފަސޭހަކޮށްދިނުމަށް އެރަށުގައި ފެންވަރު ރަގަޅު ސުލިޕްވޭއެއް ހެދުމަށްވެސް ނިންމެވި އެވެ.
"އިގްތިސާދީ ގޮތުން ފައިދާ ހޯދުމަށްޓަކާ ފެންވަރު ރަޅަލު ސުލިޕްވޭ އެއް ގާއިމުކުރެވޭނީ ލޭންޑް ޔޫޒް ޕުލޭންގައި އެކަން ހިމަނައިގެން. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރަށްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށްގިރުމުގެ މައްސަލަ ކަމަށެވެ. އެކަމައް ހައްލެއް ހޯދުމަށް ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ވިސްނާފައި އޮތީ ޓޫރިޒަމް ދާއިރާއިން ލިބޭ ގުރީން ޓެކްސްގެ މިންވަރެއް ކައުންސިލްތަކަށް ހަމަޖައްސައިދީގެން އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާ ވެރިކަން ކުރައްވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ދޭންޖެހޭ ބާރުތަކާއި ފައިސާއާއި ވަސީލަތްތައް ދީގެން ކައުންސިލްތަކާއި ސަރުކާރު ގުޅިގެން ކަމަށެވެ. އޭރުން ބާރު ދުވެލީގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ހިންގޭނެ ކަމަށާއި އެގޮތަށް ހިންގާލެވިއްޖެނަމަ ލާމަރުކަޒީ ނިޒާމުގެ ހަގީގީ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ