ވާހަކަ

ގަހަނާ ފޮށި

( 12 ސެޕްޓެމްބަރ 2023 އާ ގުޅޭ )

އެރުމުން ދޮރުފަތް ލައްޕާލަ ދީފައި އޭނާ އެރީ ކުރިޔަށެވެ. ޑްރައިވަރު ސީޓުގައި އިން ޒުވާނާ ހޫދަށް ގޮވާލި ގޮތުން އެއީ އޭނާއަށްވުރެ ރޭންކުގެ ގޮތުން ދަށުގައި މަސައްކަތްކުރާ މުވައްޒަފެއްކަން އެނގުނެވެ. އަހަރެމެން ކާރަށް އެރުމުން ވަގުތުން ކާރު ދުއްވާލައިފިއެވެ.

ފުލުސް އޮފީހެއްގެ އޮޅި ގިރާކުރީ އަހަރެންގެ ހަޔާތުން ފުރަތަމަ ފަހަރަށެވެ. ތަނުގައި އެވަގުތު ތިބި މުވައްޒަފުންގެ ލޯތައް އަހަރެމެންނަށް އަމާޒުވެފައި ވިއެވެ. އަހަރެން ހުރީ ފިނިވެފައެވެ. ކުރިޔަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކީ އަހަރެންގެ ހާސްކަން އައީ އިތުރުވަމުންނެވެ. އެއް ދޮރު ދޫކޮށް ދެވަނައަށް ޖެހުނު ދޮރާ އަރާ ހަމަކޮށްފައި ހޫދު މަޑުޖެހުނެވެ.

"އިޓްސް ގޮއިން ޓު ބީ އޯކޭ. އާނައަށް އެނގޭ ހުރިހާކަމެއް ވާނެ ކިޔާދޭން. އެއްވެސް ކަމެއް ނުފޮރުވާތި. އާނަ އެކަންޏެއްނުވާނެ. އަހަރެން ހުންނާނަން." އަހަރެންގެ ނަމުން ގޮވާލައި ހޫދު ބުންޏެވެ. އޭނާއަށް އަހަރެން ހާސްވެފައި ހުރިވަރު ފާހަގަވީ ކަންނޭނގެއެވެ. އޭނާ އެހެން ބުނީތީ މީހާ ހަމަޖެހެވޭތޯ އަހަރެން ބެލީމެވެ.

ކުރިމަތިން ފެންނަ ދޮރުގައި ހޫދު ޓަކި ދިނެވެ. އެއާއެކު އެތެރެއަށް ވަނުމަށް މީހަކު ބުނެފިއެވެ. ހޫދު ދޮރުހުޅުވީ ދެނެވެ. އޭނާގެ ފަހަތުން އެ ކޮޓަރިއަށް އަހަރެން ވެސް ވަނީމެވެ. ބައްދަލުވުން ކުރިޔަށްގެންދާ ކޮޓަރިއެއްކަން އެތަން ހުރި ގޮތުން އަހަރެންނަށް ނަގައިގަނެވުނެވެ. ދެކޮޅު ވަށްކޮށް ހުރި ދިގު މޭޒުގެ ވަށައިގެން ގޮނޑިތައް ހުރިއިރު މަތީގައި ވަނީ ޕްރޮޖެކްޓަރެއް ހަރުކޮށްފައެވެ. އެވަގުތު މޭޒު ދޮށުގައި ހަ މީހުން އިށީނދެ ތިއްބެވެ. އެންމެން ވެސް ތިބީ ކުލަ ހެދުމުގައެވެ. ނަމަވެސް އެއިން ކޮންމެ މީހަކަށް ބަލާލިއަސް ފުލުހެއްކަން އަންގައިދޭފަދަ ސިފަތަކެއް ލިބިފައި ވެއެވެ. ހޫދު ސަލާމް ގޮވާލިއެވެ. އެއާއެކު މޭޒުދޮށުގައި ތިބި އެންމެންގެ ތެރެއިން ދުވަސްވީ މީހާ ސަލާމް ބަލައިގަނެ ކޮޅަށް ތެދުވިއެވެ. އޭނާގެ ނަޒަރު ހޫދުން ނެއްޓި އަހަރެންނަށް އަމާޒުވެލިއެވެ.

"އާނިޔާ ގޮވައިގެން ދޯ ތިއައީ... އިށީނދޭ." އެމީހާ ވާހަކަދެއްކިއެވެ.

އަހަރެން އިށީންނަން ހޫދު ގޮނޑި ކައިރިކޮށްލަދިނެވެ. އަދި އަހަރެންނާ ޖެހިގެން އޭނާ ވެސް އިށީނދެއްޖެއެވެ. އެތަނުގައި ދެން ތިބީ ހޫދު ފަދަ ޒުވާނުންނެވެ. މޭޒުމަތީގައި ފައިލްތަކެއް ހުރިއިރު ބައެއް ފައިލްތައް ވަނީ ހުޅުވާފައެވެ. ދުވަސްވީ މީހާގެ ކުރިމަތީ އޮތް ފައިލަށް ބަލާލާފައި އަހަރެމެންނަށް އޭނާ ބަލާލިއެވެ.

"އަޅުގަނޑަކީ ޝާހިދު." ދުވަސްވީ މީހާ ވާހަކަދެއްކިއެވެ. އޭނާގެ ނަމާއި ރޭންކު ބުންޏެވެ. އަދި ފައިސަލްގެ ކޭސްއާ ހަވާލުވެ މިވަގުތު ހުރި އެންމެ އިސް މީހަކީ އޭނާކަން ބުންޏެވެ. އެތަނުގައި ދެން ތިބި ބަޔަކީ މާލެއިން އައި ޓީމުގައި ހިމެނޭ ފުލުހުންނެވެ. އެމީހުންގެ އަތުގައި އަހަރެންގެ ހުރިހާ ވަނަވަރެއް ހިމެނޭ ފައިލެއް އޮތެވެ. އެކަން ޔަގީންވީ ޝާހިދު އިރުއިރުކޮޅަކުން އޭނާގެ ކުރިމަތީ އޮތް ފައިލަށް ބަލާތީއެވެ. އަދި އަހަރެންގެ ޢާއިލާއާ ބެހޭ ގޮތުން އޭނާ ވާހަކަދެއްކި ގޮތުންނެވެ. ހޫދުގެ ފަރާތުން އެމީހުންނަށް ލިބިފައިވާ މަޢުލޫމާތާ ގުޅިގެން އެމީހުން އަހަރެންނާ ސުވާލު ކުރަންފެށިއެވެ. އަހަރެންނާއި ފައިސަލްއާ ބައްދަލުވި ގޮތާއި އަހަރެންނާއި ފައިސަލްއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ވެސް އެމީހުން ސުވާލު ކުރިއެވެ. އަދި އަހަރެން ދައްކާ ވާހަކަ ރިކޯޑު ކުރެވޭނެކަން ވެސް ބުނެލިއެވެ. އެހެންވީމާ ވީހާ ވެސް ތެދު މަޢުލޫމާތު ޚިއްޞާކުރުމަށް ބުންޏެވެ. އަހަރެންގެ އެހީތެރިކަން އެ މީހުންނަށް ވަރަށް މުހިންމުކަން ވެސް ބުންޏެވެ.

"ގާތް އެކުވެރިޔާއާއެކީ ޗުއްޓީއަށް މި ރަށަށް އައީ. މީ ފުރަތަމަ ފަހަރު މި ރަށަށް އައި. އެކުވެރިޔާގެ ގޭގައި ހުންނާކަށްނޫން ޕްލޭންކުރީ. ގެސްޓްހައުސްއެއް ހޯދަނިކޮށް އިއްތިފާގަކުން އޯޝަން ޕެރެޑައިސްގައި ހުރުން ހަމަޖެހޭ ގޮތްވީ. އެކުވެރިޔާ އިންނަން އުޅޭ ކުއްޖާ، ޒަފަރުގެ ރައްޓެއްސަކަށް ފައިސަލްގެ ކޮއްކޮ ފަޒީލުވީ. ފަޒީލު މެދުވެރިވެގެން އެތަނުގައި ހުރުން ހަމަޖެހުނީ. ފައިސަލްއާ ބައްދަލުވީ ގެސްޓްހައުސް ތެރެއިން. އޭނާ ދިރިއުޅެނީ އެތަނުގައި ވަކިން އަޅާފައި ހުރި ގޭގައިކަން ފަޒީލު ބުނީ. އަހަރެންނާއި ފައިސަލްއާ ދެމެދު ގާތްކަމެއް އުފެދުނީ އޭގެ ފަހުން. އޭނާއާ ރައްޓެހިވެގެން އުޅެނީ. އޭރު އެއްވެސް ކަމެއް ނޭނގޭ. އޭނާ އުޅޭ ގޭގެ ތެރޭގައި ސިއްރު ކޮޓަރިއެއް ހުރިކަން އެނގުނު ހިސާބުން އަހަރެންނަށް އޭނާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީ. އަހަރެން ބަހައްޓާފައި ހުރީ މި ރަށުން ގެއްލުނު ޝިފާލީ ހުރި ކޮޓަރީގައިކަން އެނގުނީ ވެސް ދެން." ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔައިރު އަހަރެންގެ ކައިރީ ހޫދު އިނުމުން އުނދަގޫވިއެވެ. ހިތުގެ ކޮންމެ ވެސް ހިސާބަކުން ހޫދުއާ މެދު ހަމްދަރުދީވަނީއެވެ. އޭނާ އަހަރެންދެކެ ލޯބިވެޔޭ އަބަދު ބުނާތީކަމަށް ވެދާނެއެވެ. ފައިސަލްއާ އޮތް ގާތް ގުޅުމުގެ ވާހަކަތައް ހޫދަށް އެނގެން އަހަރެންގެ ހިތެއް ނޭދެއެވެ.

"ތިބުނާ ސިއްރު ކޮޓަރި ހުރީ ކިހިނެއް؟. ގޭގެ ކޮން ދިމާލެއްގައި." އަހަރެންގެ ވާހަކައިގެ ތެރެއިން ޝާހިދު ސުވާލު ކުރިއެވެ.

ފައިސަލް ދިރިއުޅޭ ކުޑަ ގޭގެ އެތެރެ ފަރުމާކުރެވިފައި ހުރި ގޮތް އެތަނުގައި ތިބި ފުލުހުން އެދުނީތީ ކަރުދާހެއްގައި ކުރަހާ ދިނީމެވެ. ސިއްރު ކޮޓަރި ހުރި ދިމާ ފާހަގަކުރީމެވެ. އެތަނަށް ވަދެވޭނެ ގޮތް ކިޔާދިނީމެވެ. އަދި އެތަނުގެ އެތެރެއިން އަހަރެންނަށް ފެނުނު ކަންތައްތައް ކިޔާދިނީމެވެ. ތަޅުލާފައި ހުރި ކަބަޑުގެ ތެރޭގައި ހުރި އެއްޗެއް އަހަރެންނަށް ފެނިފައި ވިޔަސް އޭގެ ވާހަކައެއް ނުބުނަމެވެ. ހަމައެކަނި ބުނީ ތަޅުލާފައި ކަބަޑެއް ހުރިކަމެވެ. އޭގެ އިތުރުން ފައިސަލް ފޮތެއް ގެންގުޅޭކަމާއި އޭގައި ޝިފާލީގެ މައުލޫމާތު ހުރިތަން ފެނުނު ކަމެވެ. ނަމަވެސް އަހަރެންނަށް އެ ފޮތް ބަލާނެހާ ވަގުތު ނުލިބުނުކަމާއި އަހަރެން އަވަހަށް އެތަނުން ނުކުތީ ފައިސަލްއަށް ޝައްކުވެދާނެތީކަމެވެ. ޝިފާލީގެ ގަހަނާ ފޮށި ފެނުނު ކަމާއި އޭގައި ހުރި ގަހަނާ ފައިސަލް އަހަރެންނަށް ހަދިޔާގެ ގޮތުގައި ދީފައިވާކަން ބުނީމެވެ. ހޫދުގެ ޖީބުން ނެގި ސިޓީއުރަ ޝާހިދަށް ދިއްކޮށްލީ އެވަގުތެވެ. އޭނާ އޭގައި އޮތް ފަށާއި އަނގޮށްޓި ބެލުމަށްފަހު ދެން ތިބި މީހުން ބެލުމަށް ދިއްކޮށްލިއެވެ.

"ޝިފާލީ ގެއްލިގެން އޭނާގެ ޢާއިލާގެ ފަރާތުން ދީފައި ހުރި ބަޔާންތަކުގައި އެބަހުރި ގަހަނާ ފޮށްޓެއް ނުފެނުނު ވާހަކަ. ހަމައެކަނި ނުފެނުނު އެއްޗަކަށްވަނީ އެ ފޮށި. ޢާއިލާއިން ބުނި ގޮތުގައި އެ ގަހަނާ ފޮށްޓަކީ ޝިފާލީއަށް ވަރަށް އަގުހުރި މުހިންމު އެއްޗެއް. އޭނާ އެއްވެސް މީހަކަށް އެ ނުދޭނެކަމަށް. ޝިފާލީގެ ހުރިހާ ގަހަނާއެއް ހުންނާނީ އެ ފޮށީގައި ކަމަށްވާއިރު އޭނާގެ އެއްވެސް ގަހަނާއެއް ނުފެނުނީ ފައިސަލް އެ ފޮށި ފޮރުވީމަ." ހޫދު ބުންޏެވެ.

ޝާހިދު އެ ވާހަކައަށް އެއްޗެއް ނުބުންޏެވެ. އަހަރެންގެ ކުރިމަތީ ކޭސްއާ ގުޅޭ ގޮތުން މަޝްވަރާ ކުރާން އޭނާ ބޭނުންނުވަނީހެން ހީވެއެވެ. އޭނާ ދެން ވެސް ސުވާލު ކުރީ އަހަރެންނާއެވެ. އެނގެން ބޭނުންވި ހުރިހާ ކަމެއް އަހަރެން އޮޅުންފިލުވާ ދިނީމެވެ. އެވަރުން ވެސް އޭނާ ވީޑިއޯ ރިކޯޑު ކުރާކަމެއް ނުބުނަމެވެ. ސިއްރު ކޮޓަރީގައި ހުރި ކޮމްޕިއުޓަރު ފުލުހުން ބަލާނޭކަން އަހަރެންނަށް ޔަގީންވެއެވެ. ވީއިރު އަހަރެން ނުބުންޏަސް އެ މީހުންނަށް އޭގައި ހުރި އެއްޗެއްވިއްޔާ ފެންނާނެތާއެވެ. ހުރިހާ ކަމެއް ތަފްސީލުކޮށް ކިޔާނުދިނަސް މިހާރު ވެސް އެމީހުންނަށް ފައިސަލް ހައްޔަރުކުރެވޭހާ މަޢުލޫމާތު އަހަރެންނަށް ދެވިއްޖެއެވެ. ހެކި ވެސް ހުރިކަން ބުނެދެވިއްޖެއެވެ.

އަހަރެން ގޮވައިގެން ފުލުސް އޮފީހުން ހޫދު ނުކުތްއިރު އެގާރަ ޖަހައިފިއެވެ. މެންދުރުވާން ކައިރިވަމުން އައިއިރު ވެސް އެއްވެސް ވަރަކަށް އަތްވެއް ނުދެއެވެ. ދުނިޔެ މަތި ފެންނަނީ ބަނަކޮށެވެ. ފަޒާގައި އެނބުރޭ ވައިރޯޅިތައް ފިންޏެވެ. އަހަރެމެން އައި ކާރުގައި އެނބުރި ދާން ނައްޓާލީމެވެ. ނަމަވެސް ގެއާ ހަމައަށް ނުފޯރަނީސް ދުއްވަން އިން ކުއްޖާ ކައިރީ ކާރު މަޑުކުރަން ހޫދު ބުނެލިއެވެ. އަހަރެން ސުވާލު އުފެދިފައި ބަލަން އިނީމެވެ. ކާރުގެ ކުރީގައި ހަރުކޮށްފައިވާ ލޯގަނޑުކޮޅުން ހޫދު އަހަރެންނަށް ބަލާ ވެސް ލިއެވެ. ނަމަވެސް އެއްޗެކޭ ނުބުންޏެވެ. މަގުގެ އެއްފަރާތަށް ކާރު މަޑުކުރުމާއެކު ހޫދު ފައިބައިފިއެވެ. ދެން އައިސް އަހަރެން ފައިބަން ފަހަތު ދޮރުފަތް ހުޅުވާލިއެވެ. އަހަރެން ފޭބުމުން ކާރު ދުއްވަން އިން ކުއްޖާ ކައިރީ ދިއުމަށް ހޫދު ބުންޏެވެ.

"އައިސްކްރީމް ނުގަނެ ގެއަކަށް ނުވަދެވޭނެ." ހޫދު ބުނެލިއެވެ. އިތޫ ކައިރީ އޭނާ ވަޢުދުވިކަން ހަނދާންވީ ދެނެވެ. އެއްޗެކޭ ނުބުނެ އަހަރެން ހޫދާއެކީ ހިނގައިގަތީމެވެ.

ފިހާރަށް ވަދެ އައިސްކްރީމު ތަށްޓެއް ގަނެގެން އަހަރެމެން ގެއަށް އައިސް ވަނީމެވެ. ހޫދު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންނޫނީ އަހަރެމެން އެކަނިވެއްޖެނަމަ ހޫދު ކޮންމެވެސް ވާހަކައެއް އަހަރެންނާ ދައްކާނެއެވެ. ހިމޭންވެފައި ހުރުމަކީ އޭނާގެ ގޮތެއްނޫނެވެ. އޭނާ ވިސްނަނީ ކޮންކަމަކާބާއޭ އަހަރެން ހިތަށް އެރިއެވެ. އަހާލަން ހިތަށް އެރިއެވެ. ނަމަވެސް ގޭގެ ދޮރޯށިން އެތެރެއަށް ވަން ގޮތަށް ކުރިޔަށް ނައިސް އޭނާ މަޑުކޮށްލައިގެން ހުރީ އަހަރެން ގޭތެރެއަށް ވަންނަންދެނެވެ. ސިޓިންރޫމުން އަހަރެން އެތެރެވުމާއެކު އޭނާ ގޮވާލާފައި ބުނީ އެނބުރި ދާން ޖެހޭކަމެވެ. އެހެން ބުނެފައި މަޑުކުރުމެއްނެތި ދޮރޯށިން ނުކުމެއްޖެއެވެ.

* * * * *

އިރުއޮއްސި ދެ ނަމާދު ދޭތެރެއެވެ. އެންމެންގެ ކުދިކިޔުން ގިނަވެ ޠަބީޢަތް ގޯސްވެފައިވީ ވާރޭގެ ސަބަބުންނެވެ. އަސުރުން ފަސްވެފައިވަނިކޮށް ވާރޭ އޮއްސާލީ ތިޔަހެންބަލާފައެއްނޫނެވެ. ވައިރޯޅިތައް ވެސް އެހާމެ ބާރެވެ. ޒަފަރުގެ މަންމައާއި އަންހެންކޮއްކޮ އިތޫމެން ގޭގައި އުޅެފައި އެނބުރި ގެއަށް އެ ދިޔައީ ކާރުގައެވެ. އެ މީހުން ވެސް އެ ދިޔައީ ރޭގަނޑު އަށްގަޑިބައިވަން ވާއިރަށް ކައިވެނީގެ ޙަފުލާއަށް ދާން ތައްޔާރުވާށެވެ. އިތޫމެން ގޭގައި އޭނާގެ ކޮޓަރީގައި އަހަރެންނާއެކީ ސީމާއާއި އައިންތުގެ އިތުރުން އިތޫގެ ދޮންތަ އާތިފާއާއި އޭނާގެ ދަރިފުޅު އުޅެއެވެ. ޙަފުލާތަކަށް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކުރާ ކުއްޖަކު އިތޫގެ މޭކަޕާއި ބުރުގާ ސްޓްއިލްކޮށްދޭން އައިސް އުޅެއެވެ. އަހަރެން ތައްޔާރުވާނީ އަމިއްލައަށްކަން ބުނީ ގަދަ މޭކަޕެއް ކުރަން ބޭނުންނުވާތީއެވެ. އެންމެން އިތޫގެ ކޮޓަރީގައި އުޅޭތީ އަހަރެން ތައްޔާރުވާން އައީ ސީރަތުގެ ކޮޓަރިއަށެވެ.

ދެ ކާރުގައި އަހަރެމެން އެންމެންނަށް ކައިވެނި ޙަފުލާ އޮންނަ ތަނަށް ދެވުނު އިރު ވެސް އަށްގަޑި ފަނަރަވެއްޖެއެވެ. ވާހިދު ދޮންބެއާއި އެގޭ ބައްޕަވީ ކައިވެނި ލައިދޭ ޤާޟީއާއި ކޯޓުން އަންނަ އެހީތެރީން ބަލާ ގޮހެވެ. ނަސީބަކުން އޭރު އަދި އެމީހުންނަކަށް ވެސް ނާދެވެއެވެ. ތަނުގެ ބޮޑު ހޯލު ތައްޔާރުކޮށްފައިވަނީ ނުހަނު ފުރިހަމައަށެވެ. ހުދުފޮތިގަނޑެއް އަޅައިވާ ދިގު މޭޒުގެ ދޮށުގައި އިތޫއާއި ޒަފަރު މަޑުކޮށްލައިގެން ތިއްބެވެ. މިރޭ އަލަތު ދެމަފިރިންނަށް ވާންއުޅޭއިރު އެ ދެ ލޯބިވެރީންގެ ބެލުމުގައި ވަނީ ކެތްތެރިކަން ކުޑަކަމެވެ. ދޭތެރެއަކުން އިތޫގެ އަތުގައި ޒަފަރު ހިފާލައެވެ. ދެ ފަރާތުގައި އެމީހުންގެ ގާތުގައި ތިއްބެވެ. ނަމަވެސް އަހަރެންނަށް ހޫދެއް ނުފެނެއެވެ. އަހަރެންގެ ލޯ އޭނާ ފެނޭތޯ ވަރަށް ހޯދިއްޖެއެވެ.

"ހޫދު ކޮބާ؟." ސީރަތުގެ އަތުގައި ހިފާލުމާއެކު އޭނާއާ ކައިރިވެލައި ސިއްރުން އަހަރެން އަހާލީމެވެ.

"ބުނި މިއަންނަނީއޯ." ސީރަތު ނިކަން އަވަހަށް ބުނެފިއެވެ.

ވާހިދުދޮންބެއާއި އިތޫގެ ބައްޕަ ވަދެގެން އައުމާއެކު މުޅިތަނަށް ހިމޭންކަން ވެރިވެއްޖެއެވެ. ދެ ފަރާތުގެ ޢާއިލާއާއި އެންމެ ގާތްމީހުން ނޫނީ އެވަގުތު އެތާކުނުވެއެވެ. ޤާޟީއާއެކު އެންމެން މޭޒުދޮށުގައި އިށީނދެއްޖެއެވެ. ހަލުވިހިނގުމެއްގައި ހޫދު ވަދެގެން އަންނާތީ ފެނުނީ އެވަގުތެވެ. ވާހިދު ދޮންބެ އޭނާއަށް އަތުން ހަނާއަޅާލީ އަވަސްކުރާށޭ ބުނާ ފަދައިންނެވެ. ހޫދު އަޅައިގެން ހުރީ މުލައްދަނޑި ފެންނަވަރަށް އޮޅާލާފައިވާ އަތްދިގު ހުދު ގަމީހަކާއި ގަދަނޫކުލައިގެ ފަޓުލޫނެކެވެ. އޭނާ އައިގޮތަށް އެމީހުންގެ ބައްޕަގެ ވައަތްފަރާތުގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އޭރު ބައްޕަގެ ކަނާއަތް ފަރާތުގައި އިނީ ވާހިދު ދޮންބެއެވެ. ކައިވެނީގެ މަޖިލިސް ފެށުނީ ދެނެވެ.

ވަލީމާގައި ބައިވެރިވުމަށް ދަޢުވަތު ދިން މެހެމާނުން ނާންނާނޭ ކަމަށް ހީކުރިޔަސް ކަންތައްވީ އެހެނެއްނޫނެވެ. ވާރޭއަށް ބެލުމެއްނެތި ދަޢުވަތު ދިން ގިނަބަޔަކު އެ ޙަފުލާއަށް އައީތީ އަހަރެން ދުށީމެވެ. އެކަނިމާއެކަނި މީހުންނާ ތަންކޮޅެއް ދުރުގައި އަހަރެން އިށީނދެލައިގެން އިނީ އެގޮތް ބޭނުންވެގެންނެވެ. އެހެން އިންނައިރު އަހަރެންނަށް އެ ޙަފުލާއަށް ވަދެނުކުމެވާ އެންމެން އެބަފެނެއެވެ. އެމީހުން އަލަތު ދެމަފިރިންނަށް ތަހުނިޔާ ކިޔައި މި އުފާވެރި ޙަފުލާގައި ބައިވެރިވާގޮތް ފެނެއެވެ. ހިތްހަމަޖެހުން ލިބޭފަދަ މަންޒަރެކެވެ.

"އެއްޗެއް ނުވެސް ކަންތަ؟." ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް އައިސް ހުއްޓިލަމުން ހޫދު ބުނެލިއެވެ.

"ފަހުން." އަހަރެން ބުނީމެވެ. އޭނާ ގޮނޑިއެއް ހިފައިގެން އައިސް އަހަރެންގެ ކައިރީ އިށީނެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ވާހަކަދެއްކިއެވެ.

"ތިކުލަ ވަރަށް ގުޅޭ." ހޫދު ބުންޏެވެ. އަހަރެން ހޫދަށް ބަލާލީމެވެ. މާނަވީ ހިނިތުންވުމެއް ބަދަލުކޮށްލި ހިނދު އޭނާ ވެސް ހިނިތުންވެލިއެވެ.

"ސީރިއަސްކޮށޭ. ވަރަށް ލޯބި މިރޭ ފެންނަލެއް." ހިނިއައިސް އިނދެ ހޫދު ބުންޏެވެ. އަހަރެން ވެސް ހިނިއައިސްފައި އިނދެ ބޯޖަހާލީއެވެ.

"އަހަރެން... ޕާޓީ ނިންމާފައި އަހަރެން އެނބުރިދާނީ." އެ ވާހަކައެއް ބުނާނޭ ގޮތެއް ނޭނގިގެން ފަސްކުރަމުން އައި ވާހަކަ އަހަރެން ފެށީމެވެ. ހޫދަށް އެނގެން ޖެހޭނެކަން ވިސްނޭތީއެވެ. އަނެއްކޮޅުން ޝިފާލީ ވެސް އޮތީ ހޫދު ކައިރީ އެވަގުތަށް ތައްޔާރަށް ތިބުމަށް ބުނަން އެދިފައެވެ.

"ކޮންތާކަށް؟... ގެސްޓްހައުސްއަށް ދާންތަ ތި ވިސްނަނީ." ހޫދު ކުއްލިއަކަށް ސީރިއަސްވެލައިފިއެވެ. އޭނާގެ ވާހަކައަށް އަހަރެން ހޫން ލައްވާލަމުން ބޯޖަހާލީމެވެ.

"މޮޔަވީތަ؟. ކޮންބޭނުމަކު ދާންވީ. އާނަ ނެތަސް އަހަރެމެން މިރޭ އޭނާ ނަގާނަން." ހޫދު ހަރުކަށިކަމާއެކު ބުނެލީ ހިތްހަމަނުޖެހިފައިވާ މީހަކު ފަދައިންނެވެ.

"ޓްރަސްމީ. ހޫދު ޓީމު ގޮވައިގެން ރެޑީގައި ތިބޭ. މިރޭ އޭނާގެ ގޮތް ފެންނާނެ. ފަހު ފަހަރަށް އަހަރެން އޭނާގެ ކުރިމައްޗަށް އަރަން ބޭނުން... ޕްލީޒް. އިޓްސް ފޯ މީ. ހުރިހާކަމެއް ނިންމާލަން... ދުވަހަކުވެސް ދެން އޭނާގެ ސޫރަ ދުށުމަކަށް އަހަރެން ނޭދެން." އަހަރެން އާދޭސްކުރާ ފަދައިން ހޫދަށް ބަލާލީމެވެ. އަދި އޭނާގެ އަތުގައި ހިފާލީމެވެ.

"މިރޭ ބާރަ ޖަހާއިރު އަހަރެމެން ވަންނަން ކިޔަނީ. އާނަ ދިއުމަކީ ރައްކާތެރިކަމެއްނޫން. އަހަރެން ކިހިނެއް އާނަ ދާން ދޫކޮށްލާނީ. ހައްޤު ތެދަށް މިބުނަނީ. އާނައަށް ކަމެއްވާތަން ދުށުމަށް އަހަރެންނަށް ކެތެއް ނުކުރެވޭނެ... ހަޤީޤަތުގައި ތީ އަހަރެންނަށް ވަރަށް ޚާއްޞަ މީހެއް. ވަރަށް ކެއާކުރެވޭ. ފައިސަލްގެ ޖަގަހަ އެ ގެސްޓްހައުސްއަކީ... ކިހިނެއް ތިކަމަށް އަހަރެން އެއްބަސްވާނީ." ހޫދު ފަރާތުން ހަރުކަށިކަން ނެތި އިންތިހާ ކަންބޮޑުވުން ފާޅުވިއެވެ. އޭނާގެ އަތުގައި ބާއްވާލި އަހަރެންގެ އަތްތިލަ ނަގައި އެ ދެއަތުގެ ތެރޭ ހިފަހައްޓާލިއެވެ.

"އަހަރެން ބިރުނުގަންނަނީއެއްނޫން. ފައިސަލްއަކީ ކިހާ ނުރައްކާތެރި މީހެއްކަން އަހަރެންނަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ. އެހެންވިޔަސް އަހަރެން ހޫދަށް އިތުބާރުކުރަން. އަހަރެންނަށް ކަމެއްވިޔަނުދީ އެތަނުން ސަލާމަތްކޮށްދޭނެކަމުގެ ޔަގީންކަން އެބައޮތް. ފައިސަލް ބޭނުންވިޔަސް އޭނާއަށް އެ ފުރުޞަތެއް ނުލިބޭނެކަން އެނގޭ. އަހަރެންގެ އިޝާރާތެއް ހޫދަށްވާނެ. އެހެންވީމަ ކުޑަވަގުތުކޮޅެއް އަހަރެންނަށް ދީ. ހޫދުގެ ޓީމް އެލާޓްކުރުވާ. އަހަރެން ފައިސަލްއާއެކީ ހުއްޓާ އޭނާ ހައްޔަރުކުރޭ." އަހަރެން ބުނީމެވެ.

"އަހަރެން އެކަނި ނުނިންމޭނެ." ހޫދު ހިމޭނުން ވިސްނަން އިނދެފައި ބުންޏެވެ.

"މިރޭ އަހަރެން ބަލާ ފައިސަލް އަންނާނެ. އޭނާ ހުންނާނީ އަހަރެންގެ ކޯލުގެ އިންތިޒާރުގައި. އޭނާ ބަލާ އައީމަ އަހަރެން ދާނަން." އަހަރެން ބުނީމެވެ. ދެބުމަކައިރިކޮށްލައިގެން ހޫދު އަހަރެންނަށް ބަލަން އިނެވެ. އަހަރެންގެ އެ ނިންމުމާމެދު އޭނާ ޤަބޫލުނުވެފައެވެ.

"އަހަރެން ގުޅާނަން. ފޯނު ނަގާތި." ކުއްލިއަކަށް ހޫދު މިހެންބުނެ ތެދުވިއެވެ. އަހަރެން އޭނާއާ ވާހަކަދައްކާ ނުނިމޭކަން ބުނީމާ ވެސް ނުހުއްޓި ހިނގައިގަތީއެވެ. އަހަރެމެން ތިބި ދިމާއަށް އައި އައިންތާއި ސީމާ ފެނުނީ އެވަގުތެވެ. ހޫދު އެ ދިޔައީ އެހެންވެގެންބާއޭ އަހަރެން ހިތަށް އެރިއެވެ.

"ތިދެމީހުން އަތްގުޅާލައިގެން ކޮންވާހަކައެއްގައި." އެމީހުން އައިސް އަހަރެން ކުރިމަތީ މަޑުކޮށްލި ގޮތަށް ސީމާ ވާހަކަދެއްކިއެވެ. ހިމޭންކަމާއެކު އައިންތު ބަލަން ހުރިއިރު އޭނާގެ ބެލުމުގައި ތަފާތު އަސަރެއްވިއެވެ.

"އިތޫ... އިތޫގެ ވާހަކަދެއްކީ. އަނެއްހެން މާމުހިންމު ވާހަކައެއްނޫން." އަހަރެންގެ ނަޒަރު ހުރީ އައިންތުއަށް އަމާޒުވިގޮތަށެވެ.

"ދެބިޓުން ތިބިހެން ހީވީ." ސީމާ އަނެއްކާވެސް ބުނެލިއެވެ. އަހަރެން އެމީހުންގެ ވާހަކައަށް އެއްބާރުލުން ދޭން ބޭނުންނުވީއެވެ.

"ކައިފިންތަ؟. އަހަރެން ވަރަށް ބަނޑުހައިވެއްޖެ... އެއްޗެއް ކާން މިދަނީ. އަންނާނަންތަ؟." އަހަރެން ތެދުވިގޮތަށް ބުނީމެވެ. އެމީހުން އަންނަ ކަހަލަ ޚިޔާލެއް ނުކުރާހެން ހީވީމާ ކާއެއްޗެހި އަތުރާފައިވާ މޭޒާ ދިމާއަށް ހިނގައިގަތީއެވެ.

* * * * *

ކައިވެނީގެ ވަލީމާ ޙަފުލާ ނިމުމަކަށް އައީ ރޭގަނޑު އެގާރަޖަހަން ކައިރިވެފައި ވަނިކޮށެވެ. ޢާއިލާއާއެކު ހޫދު އުޅޭތަން ފެނުނެއް ކަމަކު އޭނާ އަހަރެންނާ ވާހަކައެއް ނުދައްކައެވެ. ކާރުގައި އެނބުރި ގެއަށްދާންވެފައި ވަނިކޮށް ވާހިދުދޮންބެގެ ކަންފަތްދޮށުގައި ހޫދު އެއްޗެއް ބުނާތީ ދުށީމެވެ. އެއަށްފަހު ފެނުނީ އެ ޙަފުލާ ދޫކޮށް އޭނާ ނުކުންނަން ދިޔަތަނެވެ. އަހަރެންނަށް ލިބިފައިވާ ނުތަނަވަސްކަން އެކަކަށް ވެސް ފާހަގައެއް ނުވެއެވެ. އެޔަށްވުރެ އުނދަގޫބޮޑު ކަމަކަށް އައިންތުއާއި ސީމާގެ ކަންތައްވިއެވެ. އެމީހުންގެ ނަޒަރު އަހަރެންގެ ފަހަތުން ނުނައްޓައެވެ. ހޫދުދެކެ އައިންތު ލޯބިވިޔަސް ހޫދު އޭނާދެކެ ލޯބިވޭ ހެއްޔެވެ. އެއީ އަހަރެން ބަލަން ބޭނުން ކަމެއް ނޫނެވެ. އެކަމަކު މިރެއަކީ އަހަރެންނަށް ހޫދުގެ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވާނެ ރެއެކެވެ.

"ދެން ދާނީތަ؟." ގެއަށް ވަދެވުމާއެކު އިތޫ އަހަރެންގެ އަތުގައި ހިފާލުމާއެކު އަހާލިއެވެ.

"މިކަން ވެސް މި ނިމުނީނު. މިރޭ މީ ތި ދެމަފިރިންގެ ޚާއްޞަ ރޭ. އަހަރެންނާމެދު މިރޭ ވިސްނީމަ ކަމަކުނުދާނެ." ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ. އަހަރެން ހުރި ހާލަތު އެ އެކުވެރިޔާއަށް ހާމަކުރާކަށް ނޭދެމެވެ.

ބާރަޖަހަންވެފައި ވަނިކޮށް އަހަރެން ފައިސަލްއަށް މެސެޖުކުރީމެވެ. ބާރަޖަހާއިރަށް އިތޫމެން ގޭ ދޮށަށް އަންނާށޭ ބުނެފައެވެ. އޭނާއަށް ގުޅަން އުޅެފައި ވެސް ނުގުޅީ ވާހަކަދައްކާނޭ ހިތްވަރެއް ނެތިގެންނެވެ. އަހަރެން ހާސްވެ ޖެހިލުންވެފައި ހުރިވަރު އަޑުން އެނގިދާނެތީއެވެ.

މޫނު ދޮވެލައިގެން ހެދުން ބަދަލުކޮށްލައިގެން ދަބަސް ހިފައިގެން އަހަރެން ނުކުތީމެވެ. ގޭތެރެއިން ހޫދެއް ނުފެނެއެވެ. އޭނާ އަހަރެމެންނާއެކީ ގެއަކަށް ނާދެއެވެ. އަހަރެން ހޫދަށް ގުޅީމެވެ. ފޯނެއް ވެސް ނުނެގިއެވެ. އެހެންވިޔަސް އަހަރެން މެސެޖު ކުރީމެވެ. ބާރަޖަހާއިރު ފައިސަލް އަހަރެން ބަލާ އަންނާނެކަމެވެ. އަހަރެން އޭނާއެކު ގެސްޓްހައުސްއަށް ދާނެކަމެވެ. އެ މެސެޖަށް ވެސް ހޫދު ޖަވާބެއް ނުދިނެވެ. އަހަރެން ދޮރޯށި ކައިރިއަށް ނުކުތީމެވެ. މުޅިމަގަށް ވެރިވެފައިވަނީ އަނދިރިކަމާއި ހިމޭންކަމެވެ. އާތިފާއާއި އިތޫގެ ތިމާގެ ކުދީން އެ ގޭގައި ތިބީތީ ދޮރޯށި ދޮށަށް އަހަރެންނާއެކީ އިތޫ ނަޔަސް ރަނގަޅުކަމުގައި ބުނީ އަހަރެންނެވެ. ސިޓިންރޫމުން އެމީހުންގެ އަޑު ދޮރޯށްޓާ ހަމައަށް އިވެއެވެ. ދުރުގައި މަޑުކޮށްލި ކާރު ފެނުމާއެކު އަހަރެންގެ މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގަތް ފަދައެވެ. ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހި ގައިން ހީބިހި ނަގައިގަތެވެ. އެނބުރި ސިޓިންރޫމަށް ބަލާލާފައި އަހަރެން ދޮރޯށިން ނުކުތީމެވެ. މަޑުމަޑުން ދޮރޯށި ލައްޕާލާފައި އައިސް ކާރުކައިރީ މަޑުކޮށްލީމެވެ.

(ނުނިމޭ)