ހަބަރު

އައިއެސްއާ އެއްކޮޅު ދިވެހި ބަޔަކު ޓްވިޓާއިން މަނާކޮށްފި

Jan 25, 2015
1

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދު ކޮށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި ދިވެހި ބައެއްގެ އެކައުންޓްތައް ސަސްޕެންޑް ކޮށްފި އެވެ.

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ފޭސްބުކާއި ޓްވިޓާގައި މިފަހަކަށް އައިސް، އައިއެސްގެ ހަރަކާތްތަކަށް ތާއީދުކޮށް ބައެއް ދިވެހިން ވެސް ގެންދަނީ އަޑުއުފުލަމުންނެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މިމަހުގެ ކުރީކޮޅު ފްރާންސްގެ ހަފްތާ މަޖައްލާ، "ޝާލީ ހެބްދޫ" އަށް ދިން ހަމަލާއަށް، ތާއީދުކޮށް އޭގެ ތެރެއިން ބައެއް މީހުން ޓްވިޓާގައި ހިޔާލުފާޅު ކުރި އެވެ. އެއާ އެކު ޓްވިޓާއިން ގާތްގަނޑަކަށް ފަސްވަރަކަށް ދިވެހިންގެ އެކައުންޓް ސަސްޕެންޑްކޮށްފަ އެވެ. އެ މީހުން ވަނީ އެ ހަމަލާގެ ކުރިން ވެސް އައިއެސްގެ ހަރަކާތްތަކަށް ތާއީދުކޮށް، އެ ޖަމާއަތް ޕްރޮމޯޓް ކުރުމަށް، ސްޓޭޓަސްތައް އަޕްލޯޑް ކުރަމުން ގޮސްފަ އެވެ.

ޓްވިޓާއިން ސަސްޕެންޑް ކުރި ބައެއް ދިވެހިން، ޓްވީޓްކޮށްފައި ވަނީ، ކީރިތި ރަސޫލާއާ ދެކޮޅުވާ ކޮންމެ މީހަކީ ﷲގެ އަދުއްވެއް ކަމަށާއި އެ މީހުންނާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި ޝާލީ ހެބްދޫ ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަކީ ޝަހީދުންގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އެކައުންޓްތައް ސަސްޕެންޑް ކުރި ބައެއް މީހުން ވަނީ އެ އެކައުންޓްތައް އަނބުރާ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޓްވިޓާ އިން ބުނެފައި ވަނީ އެކައުންޓްތައް ސަސްޕެންޑް ކުރަން ޖެހުނީ ޓެރަރިޒަމާއި އަނިޔާވެރިކަމާއި އަދި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިޔާލުފާޅުކޮށްފައި ވާތީ ކަމަށެވެ.

ފޭސްބުކްގައި ވެސް އައިއެސްއާ ދެކޮޅަށް ހިޔާލުފާޅު ކުރާ ދިވެހިން އުޅުނު ނަމަވެސް ފޭސްބުކް އިން އެފަދަ ބައެއްގެ އެކައުންޓްތައް ބަންދު ކުރި ކަމެއް އަދި ނޭނގެ އެވެ. އަދި ދާދިފަހުން ދިވެހިންގެ ބޮޑު ގުރޫޕެއް ސީރިއާޔަށް ގޮސް އައިއެސްއާ ގުޅިފައިވާކަން ވަނީ ފަޅާއަރައިފަ އެވެ.

"ޝާލީ ހެބްދޫ" އަށް ދިން ހަމަލާއަށް ފަހު ޓެރަރިސްޓުން ކަމަށް ޝައްކު ކުރެވޭ އެކި މީހުންގެ އެކައުންްޓްތައް ސޯޝަލް މީޑިއާތަކުން އަންނަނީ ސަސްޕެންޑް ކުރަމުންނެވެ. އެކަމާ ގުޅިގެން މުސްލިމް ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރާ ހެކަރުންނާއި އެކަމާ ދެކޮޅު ހެކަރުންގެ މެދުގައި އިންޓަނެޓްގައި ވެސް ވަނީ ހަނގުރާމައެއް ފެށިފަ އެވެ. އެ ސިލްސިލާގެ ތެރެއިން އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ޓްވިޓާ އެކައުންޓް ވެސް ދާދިފަހުން ވަނީ އައިއެސްއަށް ތާއީދު ކުރާ ހެކަރުންތަކެއް ހެކްކޮށްފަ އެވެ. އަދި އައިއެސްއާ ދެކޮޅަށް ހަރަކާތްތެރިވާ ހެކަރުންތަކެއް ވަނީ އައިއެސްއަށް ސަޕޯޓްކޮށް އެ މީހުންގެ މައުލޫމާތު ފަތުރާ ގިނަ އެކައުންޓްތަކެއް ހެކްކޮށްފަ އެވެ.