އާބަންކޯ

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން ފަށައިފި

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިމަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން ހިއްކަން ފެށި ތިލަފުށީގެ އޭރިއާ އޭ، ބީ، އީ އަދި އެފް ޒޯން އެވެ.

ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއަކީ އާބަންކޯ އަދި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެގޮތުން ތިލަފުށީގެ އޭރިއާ ސީ އަދި ޑީ ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު މިވަގުތު އެންމެ ބާރަށް ކުރިއަށް ދަނީ އޭރިއާ ބީގެ ބިން ހިއްކުމުގެ މަސައްކަތެވެ.

މި މަސައްކަތުގެ ތެރެއިން އެރިއާ އޭ އިން 71.5 ހެކްޓަރުގެ ބިން ހިއްކާއިރު، އެރިއާ ބީ އިން 39.6 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި އޭރިއާ އީ އިން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިގެންދާއިރު އޭރިއާ އެފް އިން 0.73 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

އާބަންކޯ އިން ބުނީ ތިލަފުށީގެ ބިންހިއްކައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ގެނެވި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައްވެސް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފައާއި އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްހައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫ އެކެވެ. އެގޮތުން ތިލަފުށީގެ މާސްޓާ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކިއެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ އެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅާލުމުން އިގްތިސާދީ ގޮތުން އިންގިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.