( 17 ސެޕްޓެމްބަރ 2023 އާ ގުޅޭ )
"އޭނާ އެއްވެސް އެއްޗެކޭ ބުނިތަ؟. ޖަލަށްތަ ދެން ގެންދާނީ." އަހަރެން ސުވާލު ކުރީމެވެ.
"އަތޮޅު ސްޓޭޝަނަށް ގެންދަން އެއުޅެނީ. މި ރަށުގައި ނުބަހައްޓަންވެގެން. މާލެއަށް ބަދަލުކުރާނީ... މިވަގުތު ދެން ސުވާލުނުކޮށް އާނަ ރެސްޓްކޮށްލެވޭތޯ ބަލާބަލަ." ހޫދު ބުންޏެވެ. އަދި އަހަރެންގެ ކޮނޑުގައި ހިފާލުމާއެކު އެނދުގައި ބާއްވައިފިއެވެ.
"އަހަރެން މާލެ ދާން ބޭނުމީ." މަޑުމަޑުން އަހަރެން ބުނީމެވެ.
އަހަރެން ފާޅުކުރި އެދުމަށް ހޫދު ޖަވާބެއް ނުދިނެވެ. އަހަރެން ހޭލައިފިކަން ނަރުސްކުދީން ކައިރީ ބުނަން ހޫދު ހިނގައިގަތެވެ. ގަޑިންވީއިރަކާމެދު ވިސްނާލެވުނެވެ. އެނދުގެ ދެ ފަރާތުގައިވާ ފަރުދާގެ ސަބަބުން އަހަރެންނަށް އެއީ ދުވާލެއްކަމެއް ރޭގަނޑެއް ކަމެއް ނޭނގެއެވެ. ގަޑިންވީއިރު ބަލާލަން އަތް ހިއްލާލީމެވެ. އަހަރެންގެ އަތުކުރީގައި އަޅަން ގެންގުޅޭ ސްމާޓްވޮޗް އެއް ނެތެވެ. އަހަރެންގެ ފޯނު ވީ ތަނެއް ވެސް ނޭނގެއެވެ. އަހަރެންގެ ހުރިހާ އަންނައުނެއް ވެސް ހުންނާނީ ގެސްޓްހައުސްގައެވެ. އެތަކެއްޗަށް ވީގޮތެއް ވެސް ނޭނގެއެވެ. ހޫދު އެނބުރި އައުމުން ސުވާލުކުރަން އަހަރެން މަޑުކުރީމެވެ. ނަމަވެސް ނަރުސް ކުދީން އައިއިރު ވެސް އޭނާއެއް ނައެވެ. ހޫދު ލައިގެން ހުރި ހެދުން ވަނީ ބަދަލުވެފައިކަން އެނގެއެވެ. އިތޫގެ މަތިން އަހަރެން ހަނދާންވީ ދެނެވެ. އޭނާއާއި ޢާއިލާއަށް ފައިސަލްގެ ޚަބަރު އެނގިއްޖެބާއެވެ. ހޫދު ރޭގައި ލައިގެން ހުރި ގަމީހުގެ ބޮޑުބައެއް ލެއިން ފޯވެފައިވާތީ ދުށް ހަނދާން އަހަރެން އެބަހުއްޓެވެ. އޭނާ ހެދުން ބަދަލުކުރަން ގެޔަށް ދިޔައިރު ގޭގެ މީހަކަށް އެތަން ފެނުނުކަމެއް ވެސް ނޭނގެއެވެ. އެމީހުންނަށް ފެނުނުނަމަ ކަންބޮޑުވެ ހާސްވެގެން އުޅޭނެކަން ގައިމެވެ. ބަޔަކަށް ނޭނގުނަސް ޔަގީނުން ވެސް ފައިސަލްގެ ޢާއިލާއަށް އެނގޭނެއެވެ. އެއާއެކު ހިތަށް އެރީ ފަޒީލު ކަންތައް ކުރާނީ ކިހިނެއްބާއެވެ. އަދި އެމީހުންގެ މަންމައަށް ވާނީ ކިހިނެއްބާއެވެ.
"ބޮލަށް ވަރަށް ތަދުވޭތަ؟." ކައިރީގައި ހުރި ނަރުސް ކުއްޖާ އަހާލިއެވެ.
ޚިޔާލުތަކުގައި ބަނދެވުނުވަރުން އަހަރެންގެ މޫނުން ފާޅުވެގެން އައީ ކޮންކަހަލަ އަސަރެއްކަމެއް ނުދެނަހުރީމެވެ. ނަމަވެސް ކައިރީގައި ހުރި ނަރުސްކުއްޖާ އަހަރެންނާ ސުވާލު އެކުރީ އަހަރެންނަށް ވަމުންމިދާ ގޮތްތަކުންކަން އެނގިއްޖެއެވެ.
"ހޫދު ކޮބާ؟." އަހަރެން އެ ނަރުސް ކުއްޖާ ކައިރިން އަހާލީމެވެ.
"ޑަކްޓަރު ދުރުވަންދެން އެބަހުރި ބޭރުގައި. ގޮވާލަންވީތަ؟." ނަރުސް ކުއްޖާ ވާހަކަދެއްކީ ހިތްހެޔޮކަމާއެކީއެވެ. އަހަރެން ނޫނެކޭ ބުނަން ބޯހޫރާލީމެވެ.
"ކޮންއިރަކުން ދޫކޮށްލާނީ." ނަރުސް ކުއްޖާ ބަލަން އައި ކަންކަން ބަލާފައި އެނބުރި ދާން އުޅުނު ހިނދު އަހަރެން އަހާލީމެވެ.
"އިތުރު މައްސަލައެއް ނެތިއްޔާ އައިވީ ހުސްވީމަ ދޫކޮށްލާނެ." ނަރުސް ކުއްޖާ ބުންޏެވެ.
"ގަޑިން... ގަޑިން ކިހާއިރެއް." އަހަރެން އަހާލީމެވެ.
"އެގާރަގަޑި އަށާރަ... މެންދުރުވަނީ." ނަރުސްކުއްޖާ ބުނެލީ ހިނިތުންވުމަކާއެކުއެވެ. އޭނާ ގެނައި ސާމާނު ހިފައިގެން އަހަރެންގެ އެނދުކައިރިން އަޅާފައި ގޮސް ފަރުދާތަކާ ނިވާވަންދެން ބަލަން އޮތީމެވެ. ދެން ހަށިފުރާ ފުންނޭވާއެއް ދޫކޮށްލާފައި ލޯ މަރާލީމެވެ. އެގޮތުގައި އޮންނަތާ އިރުގަނޑެއް ފަހުން ބަޔަކު ވާހަކަދައްކަމުން ކައިރިޔަށް އަންނަ އަޑު އިވުނެވެ. ކަނާއަތް ފަރާތުން ފަރުދާ އެއްފަރާތްކޮށްލައި އަހަރެންގެ އެނދާ ކައިރިވެލީ ޑަކްޓަރެވެ. އޭނާއާއެކު ހޫދު ހުއްޓެވެ. އެނދުގެ ފައިލާކޮޅުގައި ހޫދު މަޑުކޮށްލައިގެން ހުރީ ޑަކްޓަރު އަހަރެން ބަލަންދެނެވެ.
އަހަރެންގެ ދެ ލޯ ބެލުމަށްފަހު ކޮޅަށް ތެދުވެވޭނެތޯ ޑަކްޓަރު ސުވާލު ކުރިއެވެ. އަހަރެން ބޯޖަހާލީމެވެ. އެނދުން ފައިބަން ޑަކްޓަރު ބުންޏެވެ. އެނދުކައިރީ ކުޑަކޮށް ހިނގާލަން ޑަކްޓަރު ބުނީތީ އެކަން ވެސް ކުރީމެވެ. ޑަކްޓަރު ބަލަން ބޭނުންވީ އަހަރެންގެ ބޮލަށް އެނބުރުން އަރާ ހަމަގެއްލޭފަދަ ގޮތެއް ވޭތޯއެވެ. އަހަރެންގެ ފަރާތުން އިތުރު ކަމަކަށް އިޝާރާތްކުރާ ފަދަ އަލާމާތެއް ޑަކްޓަރަށް ނުފެނުނީތީ އަހަރެންގެ ހާލު ރަނގަޅުކަމުގައި ނިންމިއެވެ. ނަރުސް ކުއްޖާ ބުނިހެން ޑަކްޓަރު ނިންމީ ގުޅާފައިވާ އައީވީ ހުސްވަންދެން މަޑުކޮށްލުމަށެވެ. އެހާތަނަށް އަހަރެން ދޫކޮށްލުމުގެ ކަންކަން ހަމަޖެހޭނެކަމުގައެވެ. ޑަކްޓަރު ދިއުމުގެ ކުރީން ހޫދުއާ ވާހަކަދެއްކިއެވެ.
"ކޮއްކޮއާއި ދޮންބެދައްތަ އެބައާދޭ. އާނަގެ ހުރިހާ އެއްޗެއް ގެއަށް ފޮނުވާފައި ވާނީ. އެމީހުން އަންނައިރު ހެދުން ގެންނާނެ. މާލެ ދެވެންދެން އާނަ ހުންނާނީ އަހަރެމެން ގޭގައި. އަހަރެންގެ ކޮޓަރީގައި." ހޫދު އައިސް އަހަރެން ކައިރީ މަޑުކޮށްލަމުން ވާހަކަދެއްކިއެވެ. ހޫދުގެ އެ ނިންމުން އަހަރެން ޤަބޫލުކުރީމެވެ. އެނޫން ގޮތެއް ނެތްކަން ވެސް އެނގެއެވެ. އެނބުރި ގެސްޓްހައުސްއަކަށް ނުދެވޭނެއެވެ. ދެން އެ ރަށުގައި އަހަރެން ގޮސް ވަންނާނޭ ތަނެއް ނުހުންނާނެއެވެ. އިތޫއާއި ޒަފަރު ކައިވެނި ކުރީ ރޭގައެވެ. އެ ދެމަފިރިން ދުރުކޮށް އިތޫގެ ކޮޓަރީގައި އަހަރެން އޮންނާކަށް ބޭނުމެއްނޫނެވެ. ހޫދުގެ އެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެވެ.
"އެންމެންނަށް އެނގޭތަ؟." އަހަރެން އަހާލީމެވެ.
"ގޭ މީހުން ކައިރީ މިއަދު ހެނދުނު ބުނީ. ރަށުތެރޭގެ ގޮތެއް ބުނާކަށް ނޭނގޭ." ހޫދު ބުންޏެވެ.
"ފައި... ފައިސަލްގެ ފެމެލީ." އެމީހުންނާ މެދު ވިސްނޭވާރުން އަހަރެން އެހީމެވެ.
"ޢާއިލާއަށް އަންގައިފިހެން ހީވަނީ. ރޭ އާނަ ގޮވައިގެން ހޮސްޕިޓަލަށް އައިގޮތަށް އަދި އަހަރެން ނުދަން. އެހެންވެ އޭނާގެ ކަންކަން ކުރިޔަށްދަނީ ކިހިނެއްކަމެއް ނޭނގޭ. އެމީހުންނާ ޖޮއިންވާން ދާނަން އާނަ ގެއަށްލާފައި. އަހަރެންނަށް އޮޅުންފިލާވަރަކަށް އާނައަށް ކިޔާދޭނަން." ހޫދު ބުންޏެވެ.
"އަހަރެންގެ ފޯނު." އަހަރެން ބުނީމެވެ.
"ގޭގަ ވާނީ. އާނަގެ ހުރިހާ އެއްޗެއް ހުންނާނެ. އާނަ... ޓްރައި ޓު ރިލެކްސް. އެކަން އެ ނިމުނީ." ހޫދު ބުންޏެވެ.
އަހަރެން ހަމަޖެހިފައޭ ހީވިޔަސް އެހެނެއްނޫންކަން އެނގުނީ އިތޫއާއި ސީރަތު ވަދެގެން އައިތަން ފެނުނު ހިނދުއެވެ. އިތޫ ދުވަމުން ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ގައިގާ ބައްދާލި ހިނދު އަހަރެންނަށް ރޯންފެށުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ބިރުގަތަސް ބިރުނުގަންނަކަމަށް ހެދި ނެތް ހިއްވަރު ނެރިގެންކަން އުޅުނީ އަހަރެންގެ ދެ ލޮލުން ފައިބަމުންދިޔަ ކަރުނަ ހެކިވާނެއެވެ. ހިފަހައްޓަމުންއައި ޖަޒުބާތުތައް ބޭރުވެގެންއައީ ކަރުނައިގެ ސައިލެއް ފަދައިންނެވެ. އިތޫ ކައިރީ ބުނަން ބޭނުންވެ އެކަމަކު މިހުރިހާ ދުވަހު އަހަރެން ހުރީ ނުބުނެވިފައެވެ. އިތޫއާއި އެ ޢާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލަން ބޭނުންނުވާތީއެވެ. މިހާރު އެކަމަށް ހުރި ހުރަސް ނެތިގެން ދިއުމުން ހިތުގައި ފޮރުވާފައި ބޭއްވުމުގެ މާނައެއްނެތެވެ. އަހަރެންގެ ގައިގާ ބައްދާލައިގެން ހުރެ ބުރަކަށީގައި އިތޫ ފިރުމަމުން ދިޔައިރު ސީރަތު ވެސް އަހަރެންގެ ކޮނޑުގައި އަތްޖައްސާލައިގެން ހުރެ ވާހަކަދައްކަމުންދިޔައެވެ. ފައިސަލްގެ ކިބައިން އަހަރެން ސަލާމަތްވީތީ އޭނާ ﷲއަށް ޙަމްދުކުރިއެވެ. އަހަރެންގެ ނަސީބުކަމުގައި ބުންޏެވެ. ހުރިހާ ބިރުވެރިކަމަކާއި ނުރައްކަލަކުން އަހަރެން ސަލާމަތްވެއްޖެކަން ސީރަތު ބުންޏެވެ.
"ދެން ހުއްޓާލާ. ހިނގާ ގެއަށް ދާން." އަހަރެން ދުރުކޮށްލައި ދެ ކޯތާފަތް ފުހެލަ ދެމުން އިތޫ ބުންޏެވެ. ނިކަން އަވަހަށް އަހަރެން ބޯޖަހާލީމެވެ.
* * * * *
ކާރު މަޑުކޮށްލުމުން ފުރަތަމަ ފޭބީ އިތޫއެވެ. އަހަރެންގެ ފަހަތުން ސީރަތު ފޭބިއެވެ. އޭރު ކާރަށްވުރެ ކުރީން ސައިކަލުގައި އައި ހޫދު ހުރީ އަހަރެމެން ވަންނަން ދޮރޯށި ހުޅުވައިގެންނެވެ. ދޮރުމައްޗަށް އެރުމާއެކު ގޭތެރެއިން ވާހިދު ދޮންބެއާއި އެގޭ ބައްޕަ ފެނިއްޖެއެވެ. އަހަރެމެންގެ އިންތިޒާރުގައިކަން އެ ތިބެނީ އެނގުނެވެ. ސިޓިންރޫމު ސޯފާގައި ޒަފަރު އިނެވެ.
"މިގަޑީ އާނައާ މާގިނަ ވާހަކަދައްކަން ނުހަދާތި." އެންމެންނަށް ބަލާލަމުން ހޫދު ބުނެލިއެވެ.
އަހަރެން ގޮވައިގެން އިތޫއާއި ސީރަތު އައިސް ވަނީ ހޫދުގެ ކޮޓަރިއަށެވެ. ފިނިކޮށްފައި ހުރި އެ ކޮޓަރިން އަހަރެންގެ ނޭފަތުގައި ފުރަތަމަ ވެސް ޖެހުނީ ހޫދުގެ ވަހެވެ. އޭނާ ޖަހާ ބޮޑީސްޕްރޭގެ ވަހެވެ. އަލަމާރިއާ ދިމާ އެއްފަރާތު ފާރުކައިރީ އަހަރެންގެ ފޮށި ބަހައްޓާފައި ހުއްޓެވެ. ރޭގައި އަހަރެން ހިފައިގެން އުޅުނު ދަބަސް ހުރީ ފޮށިކައިރީ ތަޅުންމަތީގައެވެ. އަހަރެން އައިސް އެނދުގައި ހަމަޖެހިލީމެވެ.
"މެންދުރުވެގެން ދިޔައީ. އަދި އެއްޗެއް ނުވެސް ކައި ތިއުޅެނީ. އައިވީއަކުން ނުފުދޭނެ." ސީރަތު ބުންޏެވެ.
"ކާހިތެއްނެތް." އަހަރެން ބުނީމެވެ.
"ހިތްނުވިޔަސް ކާން ޖެހޭނެ. އެހެންނޫނީ ވަރުދެރަވެދާނެ... މިވަގުތަށް ޖޫސްތަށްޓެއް ވިޔަސް ބޯލައިގެން އޮވޭ." ސީރަތު މިހެންބުނެ ކޮޓަރިން ނުކުތެވެ.
އަހަރެންނަށް ޖެހުނީ ސީރަތު ގެނައި ޖޫސްތަށި ބޯށެވެ. އަރާމުކޮށްލަން ބުނެ އެންމެން ކޮޓަރިން ނުކުތެވެ. އެކަނިވުމާއެކު އަހަރެންނަށް އަނެއްކާ ވެސް ވިސްނެންފެށުނެވެ. ފައިސަލްއަށް ވާނޭ ގޮތަކާމެދުއެވެ. އެ ޢާއިލާއަށް ބޮޑު ސިހުމެއް ލިބޭނެތީއެވެ. ފޯނު ހޯދަން އަހަރެން ބޭނުންވިއެވެ. ފަހަރެއްގައި ފަޒީލު އަހަރެންނަށް ގުޅާފާނެއޭ ހީވާތީއެވެ. އެނދުން ތެދުވެ ދަބަސް ކައިރިޔަށް އަހަރެން އައި ވަގުތު ކޮޓަރީގެ ދޮރު މީހަކު ހުޅުވާލިއެވެ. އެތެރެއަށް ވަންތަން ފެނުނީ ހޫދެވެ. އަހަރެން ތެދުވެ ހުރިތަން ފެނި ހޫދު ސުވާލުކުރިއެވެ. ފޯނު ހޯދަނީކަން ބުނުމުން އޭނާ އަހަރެންގެ ފޯނު ނެގީ އެނދުއަރިމަތީ ހުރި ކުޑަމޭޒުގެ ވަތްގަނޑުންނެވެ. އަހަރެން އައިސް އެނދުގައި އިށީނުމުން ހޫދު ވެސް އަހަރެން ކައިރީ އެނދުގައި އިށީނދެއްޖެއެވެ.
"ނައު ޔޫ ލުކް ބެޓާ." އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ހޫދު ބުންޏެވެ. އަހަރެންނަށް ވެސް އެކަން އިޙްސާސް ކުރެވެއެވެ. އަހަރެން ހަމައަކަށް އެޅިއްޖެކަމެވެ. ނަފްސަށް ހަމަޖެހުން ވެރިވެއްޖެކަމެވެ.
"ކަމަކުތަ؟." އަހަރެން އަހާލީމެވެ.
"ދާން މިދަނީ... ނޭނގެ އާދެވޭނެ އިރެއް. ވެރިމީހާއާ ވާހަކަދައްކާފައި އާނަ ފުރުމާމެދު އެއްޗެކޭ ބުނަން އެނގޭނީ. އާނަ ބޭނުންނަމަ ފެމެލީއަށް ގުޅައި މިކޮޅަށް ގެންނަންވީނު. އަހަރެން އެކަން ހަމަޖައްސައިދީފާނަން." ހޫދު ބުންޏެވެ.
"އެމީހުން މިކޮޅަށް ގެންނާކަށް ބޭނުމެއްނޫން. އަހަރެން އެމީހުން ކައިރިޔަށް ދާން ބޭނުމީ. އަހަރެންގެ ފުރުމުގެ ކަންތައް ހަމަޖެހެންދެން މިގޭގައި މަޑުކުރާނަން. އެކަމަކު އަވަސްކޮށްދިނިއްޔާ ވަރަށް ރަނގަޅު." އަހަރެން ބޭނުންވާ ގޮތް ހާމަކުރީމެވެ.
"ބަލާނަން އިނގޭ." ހޫދު ބުންޏެވެ.
"ރޭ... ހޫދުމެން ކޮންތާކު ތިބީ؟. އަހަރެން ގެސްޓްހައުސްއަށް ވަންތަން ދުށީންތަ؟." އަހަރެން ސުވާލުކުރީމެވެ.
"ހޫމް... ދުށީން. އާނަ ފެންނަ ހިސާބު ދުރުގައި އަހަރެމެން ތިބީ. ފައިސަލް ގެނައި ކޮންމެވެސް އެއްޗެއް އާނަ ބޭރަށް އުކާލިތަން ވެސް އަހަރެމެން ދުށީން... އާނައާ ދިމާކުރިތަން ފެނުމުން އަހަރެމެން ވަނީ. އެވަރުން ވެސް އޭނާ ކޮށްލިވަރު ތިހުރީ ފެންނަން. ގިނައިރުތަކެއްވިނަމަ ކިހިނެއްވާނީ." ހޫދުގެ އަޑު ބަދަލުވެލިއެވެ. އޭނާގެ ފައިމަތީ ބާއްވާލާފައި އޮތް އަތްތިލައިގެ މަތީ އަހަރެންގެ އަތްތިލަ ބާއްވާލީމެވެ.
"އައި އޭމް އޯކޭ... ތެންކިޔު." ހޫދާ ނަޒަރު ސީދާކޮށްލަމުން އަހަރެން ބުނީމެވެ. އޭނާ އިނީ އެއްޗެއް ބުނަން ބޭނުންވެފައި އިންފަދައަކުންނެވެ. ނަމަވެސް ވާހަކައެއް ދެއްކުމުގެ ބަދަލުގައި ދެތުންފަތް ބައްދާލައި ބާރުކޮށްލީއެވެ. ބުނަން ބޭނުންނުވި ފަދައަކުންނެވެ.
"ދަނީ." އަހަރެންގެ ކައިރިން ތެދުވެފައި ހޫދު ބުންޏެވެ. އަހަރެން ބޯޖަހާލުމުން އޭނާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ނަމަވެސް ދޮރުން ނުކުމެފައި އޭނާ ހުއްޓުނެވެ. އަހަރެންނަށް ބަލާލިއެވެ. މާނަވީ ފުން ބެލުމަކުންނެވެ. ކޮޓަރީގެ ދޮރު ލައްޕާލީ ދެނެވެ.
އަސުރުން ފައިބައިގެން އިތޫ އަހަރެންގެ ކައިރިޔަށް އައެވެ. އަހަރެމެންގެ ދެމެދުގައި ފައިސަލްއާ ބެހޭ ގޮތުން ވާހަކަދެއްކުނީ ދެނެވެ. އަހަރެމެން ވާހަކައިގައި ތިއްބާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެއާއެކު ވަގުތުން އަހަރެމެން ދައްކަމުންދިޔަ ވާހަކަ ހުއްޓާލައިފީމެވެ. ކާކުތޯ އިތޫ އަހާލިއެވެ. އެއާއެކު ދޮރުހުޅުވާލީ ޒަފަރެވެ.
"ފަޒީލު އައިސް އެބަހުރި." ޒަފަރުގެ ނަޒަރު އެއް ފަހަރު އަހަރެންނަށް އަނެއްފަހަރު އިތޫއަށް ދަތުރުކޮށްލިއެވެ.
"ކުޑަބެއަށް މިގުޅަނީ." އިތޫ ވަގުތުން ބުނެލިއެވެ. އަހަރެން އިތޫގެ އަތުގައި ހިފެހެއްޓީމެވެ.
"ކީއްކުރަންށޯ." ޒަފަރަށް ބަލާލައި އަހަރެން އެހީމެވެ.
"ފުރަތަމަ އެހީ އާނަ މިގޭގަހޯ. ދެން ބުނީ އޭނާގެ ދޮންބެ ހައްޔަރުކުރި ވާހަކަ. އާނައާ ވާހަކަދައްކާލަން ބޭނުމޭ ބުނީ. ގޮވާލަ ދޭށޭ ބުނީ." ޒަފަރު ހީވަނީ ހަދާނޭ ގޮތެއް ނޭނގިފައިވާ ހެންނެވެ. ފަޒީލަކީ އޭނާގެ އެކުވެރިޔަކަށްވާތީއެވެ. އަނެއްކޮޅުން އަހަރެންނަކީ އޭނާގެ އަނބިމީހާގެ އެކުވެރިޔާއެވެ.
"ކޮންވާހަކައެއް ދައްކާކަށް." އިތޫ އެހާ ގަޔައެއްނުވިއެވެ.
"ފަޒީލަކީ ފައިސަލްއެއް ނޫން. އޭނާ ބުނާ އެއްޗެއް އަޑު އަހާލުމުން ލިބޭނެ ގެއްލުމެއް އެބައޮތްތަ. އަހަރެން އެކަންޏެއްނުވާނެއެއްނު. މިގޭ މީހުން ވެސް ތިބޭނެއެއްނު. މިގެއިން ބޭރަކަށް އަހަރެން ނުނިކުންނާނަން." އަހަރެން މިހެންބުނެ އެނދުން ތެދުވީމެވެ. ފަޒީލުގެ ކައިރިޔަށް ދާށެވެ. އަހަރެންނާއެކީ އިތޫ އައެވެ. އަހަރެމެންގެ ކުރިޔަށް ޒަފަރު ހުއްޓެވެ.
ސިޓިންރޫމަށް ނުކުމެވުނު ހިނދު ދޮރުކައިރީ ހުރި ފަޒީލު ފެނިއްޖެއެވެ. އޭނާގެ ނަޒަރު އަހަރެންނާ އަމާޒުވެލުމާއެކު އޭނާގެ ދެ ލޯ ބޮޑުވެލިއެވެ. އެ މޫނުން ހާސްކަމުގެ އިންތިހާ ފާޅުވެލިއެވެ. އޭނާއަށް ކަމެއް ދެނެގަންނަން އެނގުނީ ކަހަލައެވެ. އަހަރެންނަށް ކިހިނެއްތޯވީ ފަޒީލު އަހާލިއެވެ. އެއާއެކު ޖަވާބުދޭން އަވަސްވެލީ އިތޫއެވެ.
"ހަމަ ނޭނގިގެންތަ ތިއަހަނީ. ބަލާބަލަ... އޭނާގެ ބޯ ދެފަޅިނުވެ ހުރިކަން." އިތޫ ބުންޏެވެ.
"އިތޫ..." ކަންބޮޑުކޮށްލިވަރުން އަހަރެން އިތޫއަށް ގޮވާލީމެވެ.
އަހަރެންގެ އަތުގައި އަޅުވާލެވިފައިވާ އިތޫގެ އަތް ނައްޓާލީމެވެ. އަދި ފަޒީލާ ކައިރިޔަށް ދޮރު ކައިރީ އައިސް މަޑުކޮށްލީމެވެ. އަހަރެންނަށް ފަޒީލު ބަލަމުންދިޔައީ ޤަބޫލުނުކުރެވިފައިވާ ހުރި މީހަކު ފަދައިންނެވެ. އޭނާއަށް ލިބިފައިވާ ސިހުމުގައި ޤަބޫލުކުރަންވީ ގޮތެއް ނޭނގިފައި ހުރީކަމަށް ވެދާނެއެވެ. ފައިސަލް ހައްޔަރު ކުރިކަން އެނގިއްޖެނަމަ އޭނާ ހައްޔަރުކުރީ ކޮންކަމަކާ ގުޅިގެންކަން ވެސް މިހާރު އޮންނާނީ ފަޒީލަށް އެނގިފައެވެ.
"އަހަރެން ހޯދަން މިގެއަށް ފަޒީލު އަންނަން ޖެހުނީ ކީއްވެ؟." އަހަރެން ސުވާލު ކުރީމެވެ.
"ރޭގަ..." ފަޒީލު އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އޭނާއަށް ބަސްތައް އަމުނާން ދަތިވެފައިވާ ކަހަލައެވެ.
"ރޭގަ ޕާޓީ ނިންމާފައި އަހަރެން ގެސްޓްހައުސްއަށް ދިޔައީ ފައިސަލްއާއެކީ." ޖެހިލުމެއްނެތި އަހަރެން ބުނެލީމެވެ.
"ދޮންބެތަ... އާނައަށް ތިހެން ހެދީ." އަހަރެންނަށް ނަޒަރު ސީދާކޮށްލައިގެން ހުރެ ފަޒީލު ސުވާލުކުރިއެވެ.
(ނުނިމޭ)