ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ގިނަ އަދަދަކަށް މަސް މަރުވެ ލައްގާނަމަ ރިޕޯޓްކުރަން އެދިއްޖެ

ގިނަ އަދަދެއްގެ މަސް މަރުވެ ލައްގަމުންދާ މައްސަލަތަކެއް ރިޕޯޓްތައް ކުރަމުންދާ ކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިއުޓް (އެމްއެމްއާރްއައި) އިން ބުނެފި އެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް މިދުވަސްވަރު ގިނަ އަދަދެއްގެ މަސް މަރުވެގެން ލައްގަމުންދާ ކަމަށް ބުނެ އުތުރުގެ ބައެއް ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ މަސް މަރުވާ ސަބަބު ދެނަގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މެރިން ރިސާޗް އިންސްޓިޓިއުޓް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ އިންސްޓިޓިއުޓުން ބުނީ މިއީ ކަނޑުގެ ފިނިހޫނުމިން މަތިވުމާއި، އުދައެރުމާއި، ވައި ލަސްވުމާއި، އޮއެ ބަލިކަށިވުމުން ދިމާވާ ކަމެއް ކަމަށް ވެދާނެ ކަމަށެވެ. އެފަދަ ކަންތައްތަކެއްގެ ސަބަބުން މަހުގެ ހަށިގަނޑުގައި ލޭދައުރުވުން ދަށްވެ، އޮކްސިޖަން މަދުވެ، މަރުވާން މެދުވެރިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި މިއީ ވައިރަހެއް ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުންވާ ދިމާވާ ކަމަކަށް ވެދާނެ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓް އިން ބުނީ ބަލިޖެހިފައިވާ މަސް ފެންނަ ސަރަހައްދުތަކުން މަސް ބޭނުންކުރުން ދުރުހެލިވުމާއި، މަސް މަރުވެ ލައްގާފައިވާ ގޮނޑުދޮށްތަކަށް ނުދާން އިލްތިމާސް ކުރާ ކަމަށެވެ. މަރުވެފައި ހުންނަ މަސް އަންދާލައިގެން ނުވަތަ ވަޅުލައިގެން ނައްތާލަންވާނީ އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށްވެސް ބަޔާނުގައިވެ އެވެ.

އާދަޔާ ހިލާފަށް ގިނަ މަސް މަރުވެ ލައްގާނަމަ އެފަދަ މައްސަލަ ރިޕޯޓްކުރުމަށްވެސް މެރިން ރިސާޗް އިންސްޓިޓިއުޓް އިން ވަނީ އެދިފަ އެވެ.

މީގެ ކުރިން 2007، 2008 އަދި 2012 ވަނަ އަހަރުވެސް މިގޮތަށް މަސް މަރުވުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.