އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީއަށް ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ދިނުމަށް އެއްބަސްވެއްޖެ

ފެން ކުންފުނި -- އެމްޑަބްލިއުއެސްސީއަށް ސްޓެލްކޯ އިން ކަރަންޓް ދިނުމަށް އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މެނޭޖްމަންޓުގެ ހަރުދަނާ ސިޔާސަތުތަކާއި، ކެނޑިނޭޅި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން ސްޓެލްކޯގެ ގްރިޑް ސްޓެބިލިޓީ އިތުރުވެ، އަމިއްލަ ޖެނެރޭޓަރު ސެޓު ބޭނުންކޮށްގެން ކަރަންޓު އުފައްދަމުން ގެންދާ ބައެއް ބޮޑެތި ކުންފުނިތަކުން މިހާރު ސްޓެލްކޯގެ ގްރިޑަށް ބަރޯސާވަމުންދާ ކަމަށެވެ.

އެމްޑަބްލިއުއެސްސީ އަކީ ކުރިން އެ ކުންފުނީގެ އަމިއްލަ ޖަނަރޭޓަރު ސެޓެއް ބޭނުންކޮށްގެން ކަރަންޓު ބޭނުންކުރި ކުންފުންޏެކެވެ.

އެމްޑަބްލިއުއެސްސީއާ އެކު ހެދިފަދަ އެއްބަސްވުމެއް ސްޓެލްކޯ އިން ވަނީ ހުޅުމާލޭގައި އެންމެ ފުޅާކޮށް މަހުގެ ވިޔަފާރިކުރާ އެންސިސް ކުންފުންޏާ އެކު ވެސް ހަދާފަ އެވެ.

އެންސިސް އަކީ ވެސް އެ ކުންފުނީގެ އަމިއްލަ ޖަނަރޭޓް ސެޓެއް ބޭނުންކޮށްގެން އެ ކުންފުނީގެ ފެކްޓަރީތަކަށް ކަރަންޓްގެ ހިދުމަތް ދެމުން ގެންދިޔަ ކުންފުންޏެކެވެ.