ސިވިލް ކޯޓް

ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑި އަށް ތިރިކޮށްފި އެވެ.

ޝަރުއީ ދާއިރާގެ ދިދައާ ބެހޭ ގަވާއިދުގެ 14 ވަނަ މާއްދާއާ އެއްގޮތަށް، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރި ކުރުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ނިންމަވާފަ އެވެ.

ނިމާލް އަވަހާރަވީ މެޔަށް ތަދެއް އަރައިގެން ރޭ މެންދަމު 12:00ގެ ފަހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ނިމާލުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު ހުޅުމާލެ ސަހަރާ ގައެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ނިމާލު އައްޔަންކޮށްފައިވަނީ މާޗް 15، 2022 ގައެވެ. އެ ކޯޓުގެ އިސް ގާޒީ ކަމަށް ނިމާލު އައްޔަންކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހު އެވެ.

ނިމާލް ވަނީ ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރެއްވުމުގެ އިތުރުން 'ފަރްހާން ޒަމީލް އެންޑް ނިމާލް'ގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އެއް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.

ނިމާލް އަވަހާރަވިއިރު ދަރިއަކާއި އަންބެއް ދުނިޔޭގައި އެބަހުއްޓެވެ.