ސިވިލް ކޯޓް

ޖިއާންގެ މަރު: ޑަބްލިއު ކޮންސްޓްރަކްޝަނުން ބަދަލުގެ ގޮތުގައި 4.2 މިލިއަން ދޭން ހުކުމްކޮށްފި

ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުގެ މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަނުން ބަދަލުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ހަތް އަހަރުގެ ޖީއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައިވަނީ ޑަބްލިޔު ކޮންސްޓަރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުންނެވެ. ޖިއާންގެ މަރުގެ މައްސަލައާއި ގުޅިގެން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 17.4 މިލިއަން ރުފިޔާގެ ބަދަލު ނަގައިދިނުމަށެވެ.

އެ އާއިލާގެ ފަރާތުން މައްސަލައިގައި ވަކާލާތުކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއްގެ ރަސްމީ މަސައްކަތުގެ ތެރެއިން ކުރި ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގައިދެވޭނެ ބަދަލަކީ 4.2 މިލިއަން ރުފިޔާކަމަށް ޝަރީއަތުން ބުނެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ ފައިސާ ދައްކަން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.

ޕީއައިއެލްސީ އިން ބުނީ ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންކަމުން ހުކުމުގެ އެ ބައި ހައިކޯޓުގައި އިސްތިއުނާފް ކުރަން އާއިލާގެ ފަރާތުން ބޭނުންނަމަ އިސްތިއުނާފް ކުރާނެ ކަމަށެވެ. ނަމަވެސް އެ ހުކުމާ ގުޅޭ ގޮތުން ޖިއާންގެ މައިންބަފައިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި އެ ހާދިސާގައި ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ހާދިސާ ހިނގި ސައިޓްގެ ސްޕަވައިޒަރު މޫސާ ހަސަން އަދި އެ ތަނުގައި އެ ވަގުތު މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީންގެ މައްޗަށެވެ.

މި މައްސަލައިގައި 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އާދަމް ޝަފީގު ފިޔަވައި އެހެން މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ. އެމްޑީ ޝަފީގަށް ކުށް ސާބިތު ނުވާ ކަމަށް ގާޒީ އަލީ ރަޝީދު ނިންމެވީ އެ ހާދިސާއާ ގުޅޭ އަމަލީ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެފައިނުވާތީ އެވެ.

ދެ ބިދޭސީއެއްގެ މައްޗަށް ޖަލު ހުކުމް އިއްވިއިރު އެހެން މީހުންގެ މައްޗަށް އިއްވީ ޖޫރިމަނާގެ ހުކުމެވެ.

ޖަލު ހުކުމް އައީ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަންގެ މައްޗަށެވެ. ރައްޖާވް އަލީގެ މައްޗަށް އިއްވީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. މުތުމަނިގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ސްޕަވައިޒަރު މޫސާ ހަސަން ވަނީ 115،200ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައި އުޅުނު ދެ މީހުން ކަމަށްވާ ކެޝަރިލަލް ޗައުހަން އާއި ގުލަމް މަހަމަދު ވަނީ 7،200ރ. އިން ޖޫރިމަނާކޮށްފަ އެވެ.