މަސީ

ކުރާ ހުކުމަކުން އިންސާނާގެ ފުރާނައިގެ އަގެއް ނުދެވޭނެ: އަދުނާން

ބަދަލު ނަގައިދޭން ކުރާ ހުކުމަކުން އިންސާނެއްގެ ފުރާނައިގެ އަގު ނުދެވޭނެ ކަމަށް ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަދުނާން ހަލީމް ވިދާޅުވެއްޖެ އެވެ.

އަދުނާން މިހެން ވިދާޅުވެފައި މިވަނީ ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާންގެ މަރުގެ މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަނުން ބަދަލުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

އަވަސްގެ ފޭސް ޓު ފޭސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަދުނާން ވިދާޅުވީ ރާއްޖޭގައި މީހުންގެ މަރުގެ ބަދަލު ނަގައި ދެނީ އިސްލާމީ ޝަރީއާ އަށް ރިއާޔަތްކުރުމަށްފަހު ގާނޫނަކުން ކަނޑައަޅާފައިވާ މިންގަނޑުތަކެއްގެ މައްޗަށް ކުރާ ހުކުމެއްގެ ތެރެއިން ކަމަށެވެ.

އަދުނާން ވިދާޅުވީ ކުޑަކުއްޖަކު ބޮޑުވެގެން ތައުލީމު ހާސިލުކޮށްގެން މުޖުތަމައަށް ނިކުމެ އުފައްދާނީ ކިހާވަރެއްގެ ފައިސާއެއްކަން އެ ކުއްޖާ ބޮޑުވުމުގެ ކުރިން ލަފާކޮށްލަން ވެސް ނޭނގޭނެ ކަމަށެވެ. ޖިއާންގެ މަރުގެ މައްސަލައިގައި ކޯޓުން ނަގައިދޭން ހުކުމްކޮށްފައި އެވަނީ އެފަދަ މައްސަލައެއްގައި ނަގައިދެވޭނެ އެންމެ ބޮޑު މިންވަރު ކަމަށް އެ ޖަމިއްޔާއަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ޖިއާންގެ މަރުގެ މައްސަލައާއި ގުޅިގެން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 17.4 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށެވެ. ނަމަވެސް ކޯޓުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުކުމް ކުރީ 4.2 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދެއްކުމަށެވެ.

"އަޅުގަނޑުމެންނަށް އެއީ ފަސޭހަ އަދި އެކަށީގެންވާ ކަމެއް ނޫން އިންސާނާގެ ފުރާނައިގެ އަގު ދިނުމަކީ. އެ ނަޒަރުން ބަލާއިރު އެއްވެސް އެއްޗެއް ނޫން އެއީ. އަޅުގަނޑު އެޔާ ދޭތެރޭ [ހުކުމާ ދޭތެރޭ] ހިތްހަމަޖެހެއޭ ވެސް ދަންނަވަން އުނދަގޫ އަދި ހިތްހަމަނުޖެހެއޭ ވެސް ދަންނަވަން އުނދަގޫ. ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން ކުރަން ޖެހޭ ކަމެއްވީމަ އެއަށް ކުރެވޭނެ މާބޮޑު ކަންތައްތަކެއް ވެސް ނޯންނާނެ. އެހެންވީމަ ކުރައްވާފައި އެއޮތް ހުކުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަގައި ދެވެން އޮތް އެންމެ ބޮޑު ބަދަލު. އެޔާ ދޭތެރޭ އަޅުގަނޑުމެން އިއުތިރާޒް ކުރާނެ ތަނެއް ވެސް ނެތް،" އަދުނާނު ވިދާޅުވި އެވެ.

ހަތް އަހަރުގެ ޖީއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައިވަނީ ޑަބްލިޔު ކޮންސްޓަރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުންނެވެ. ޖިއާން މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.