ޕީޕީއެމް

ޕީޕީއެމް ޕީއެންސީ ސަރުކާރު ތަފާތު ދައްކާނެ: މުއިއްޒު

ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް މިސަރުކާރާ އަޅާބަލާއިރު އުނޑާއި ބިމާހާ ތަފާތުވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަނގޮޅެތީމުގައި މިއަދު އޮތް ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތް ކުރާނީ ގައުމާއި ރައްޔިތުން އިސްކޮށްގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަން ދޭންޖެހޭ ހިދުމަތް ދުވަހުން ދުވަހަށް ދެވޭނެ ގޮތަށް ނިޒާމު ފުރިހަމައަށް އެކުލަވާލައި ކަންކަން ފުރިހަމައަށް އިންތިޒާމު ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހުރިހާ ކަމެއްވެސް ނިންމާނީ ރައްޔިތުންނާ ވާހަކަދައްކާ މަޝްވަރާ ހޯދައިގެން ކަމަށާއި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ރައްޔިތުންނަކީ ވަރަށް މުހިއްމު ބައެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.

ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ ލޯކަލް ކައުންސިލްތައް ކަމަށްވާތީ ކައުންސިލްތަކަށް ދޭންޖެހޭ ފުރިހަމަ ބާރާއި އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން ގެންދާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.

"އުނޑާއި ބިމާހާ ތަފާތުވާނެ އަޅުގަޑުމެންގެ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް. ތަފާތުވާނެ،"މުއިއްޒު ވިދާޅުވި އެވެ.

އޭނާގެ ވެރިކަމެއްގައި ރ. އަނގޮޅިތީމަށް ކޮށްދެއްވާނެ ބައެއް ކަންކަންވެސް މުއިއްޒު ހިއްސާކުރެއްވި އެވެ. އެގޮތުން ރަށުގެ ވަށައިގެން ދުއްވޭ ގޮތަށް ބޮޑު މަގާއި ރަށުގެ ބޮޑެތި އެހެން މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދިނުމަށާއި ސުކޫލުގެ ޖާގައިތުރުކޮށް މަލްޓިޕާޕަސް ހޯލެއް ހަދައިދީ ސިއްހީ މަރުކަޒަށް ބޭނުންވާ ލެބޯޓްރީ ގާއިމުކޮށްދެއއްވާނެ ކަމަށް ވިދާޅުވި އެވެ. އަނގޮޅިތީމުގެ ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު ރައްޔިތުން މޫދަށް އެރެމަށް ހާއްސަ ތަނެއް ހަދައިދީ އަދި ޕޮލިސް ސްޓޭޝަނެއް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.