ޑރ. މުހައްމަދު މުއިއްޒު

އިސްކުރަންވީ ޕާޓީއެއް ނޫން، ގައުމަށް އެންމެ ރަނގަޅު ގޮތް: މުއިއްޒު

ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު އަމިއްލަ ޕާޓީއަށް ވުރެ ގައުމަށް އެންމެ ރަނގަޅު ގޮތް އިސްކުރުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ފެންނާނީ ރައްޔިތުންގެ ބޭނުންތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވޯޓް ދީފައިވާ ގޮތާއި ރައްޔިތު މީހާ ނިސްބަތްވާ ޕާޓީއަށް ނުބައްލަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ފެނިގެންދާނީ ރައްޔިތުންނަން ހަމަހަމަކަމާއެކު ހިދުމަތްކޮށްދޭ ސަރުކާރެއްގެ ގޮތުގައި،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރެއްގައި ކައުންސިލްތައް ހިންގާނީ ލާމަރުކަޒީ ގާނޫނުގައިވާ ބާރުތައް ދީގެން ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތައް ނުހުއްޓި ބާރަށް ކުރިއަށް ގެންދެވޭ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަޝްރޫއުތައް ހިންގާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި މިހާރު ހިނގަމުންދާ މަޝްރޫއުތަކަށްވެސް ބަދަލެއް ގެންނަން ރައްޔިތުން ބޭނުންވާނަމަ އެ ބަދަލެއް ގެނެވޭނެ ގޮތްތައް ބަލައި ގެނެވެން އޮތް ބަދަލެއް ގެންނާނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ލިބޭނެ ފުރުސަތުތައް އިތުރުކޮށްދީ މުޖުތަމައު ބާރުވެރިކުރުުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ގައުމުގެ ކަންކަން އިސްކުރަންވީ. ޕާޓީއެއް ނޫން ވިސްނަންވީ. ގައުމީ ރޫހު އިސްކުރަންވީ. ގައުމަށް އެންމެ ފައިދާ ބޮޑީ ކޮންގޮތަކުންތޯ ވިސްނަންވީ. ދެ ޗޮއިސް އޮތީމަ ވިސްނާކަށް އިތުރު ޗޮއިސްއެއް ނެތް. އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނެ ޗޮއިސްއެއް،" ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.