ފޮރިން މިނިސްޓްރީ

ގަޔާނާއަށް ވިސާ ނުލައި ދެވޭގޮތް ހަމަޖައްސައިފި

ކުރިން ވިސާ ނެގުމަކާ ނުލައި ގަޔާނާއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. ގަޔާނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން އެފެއާޒް އެންޑް އިންޓާނެޝަނަލް ކޯޕަރޭޝަން މިނިސްޓަރު ހޫ ހިލްޓަލް ޓޮޑް އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށްވެސް މިއަދުން ފެށިގެން ވިސާއާ ނުލައި އެއް ގައުމުން އަނެއް ގައުމަށް 30 ދުވަހަށް ދަތުރުކުރެވޭނެ ކަމަށެވެ.

ގަޔާނާގައި ވަޒީފާ އަދާކުރުމަށާއި ކިޔެވުމަށާއި ދިގު މުއްދަތަކަށް ތިބުމަށް ދާނަމަ އަދިވެސް ވިސާ ބޭނުންވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ދެކުނު އެމެރިކާއަށް ނިސްބަތްވާ ގަޔާނާއާ އެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރީ އޭޕްރިލް 13، 1994 ގައެވެ.