ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ތާއީދުކުރަން ނިންމެވީ ކުރިން އުފެދިފައި ހުރި ޝައްކުތައް ފިލުއްވައިދެއްވާ އިތުރަށްވެސް ކަންކަން ސާފުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ. އަމީން ވިދާޅުވީ އެއްވެސް ޕާޓީއަކާ އެކު މަސައްކަތް ނުކުރަން ޖޭޕީން ނިންމި ނަމަވެސް ރާއްޖޭގައި ކަންކަން ބަދަލުވެގެން އަންނަ ގޮތުން އެއްވެސް ކޮޅަކަށް ބުރަނުވެ ހުންނެވުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
"ކަންކަން ބަދަލުވަމުން އެނބުރެމުން މިއައި އައުމުގައި އަޅުގަނޑަށް ގަބޫލުކުރެވުނީ އަދި މިނޫން ވިސްނުމަކަށް ދާން އެބަޖެހެޔޭ. އަމިއްލަ ހައިސިއްޔަތުން. އަމިއްލަ ފަރުދެއްގެ ގޮތުން. އެ ވިސްނުމުގައި ދުވަސްތަކެއްވެސް ހިނގައްޖެ،" އަމީން ވިދާޅުވި އެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ އޭނާއާ އެކު ރައީސް ސޯލިހަށް ތާއީދުކުރެއްވި ޖޭޕީގެ ގިނަ ބޭފުޅުންނަކީ އިސްލާހު ގެނައުމަށް މަސައްކަތްކުރެއްވި އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރައްވާނެ ބޭފުޅުން ކަމަށެވެ.
"އަޅުގަނޑު ބޭނުންވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި އަޅުގަނޑުމެން މި ދެއްކި ވާހަކަ އަލުން އަނބުރާ ދައްކަން ނުޖެހޭ ފެންވަރަށް އެ ޝަކުވާތައް އަލުން އަނބުރާ ނާންނަ މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ކަށަވަރުކަން ދެއްވުން. މި ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށްދޭނެކަމުގެ ޔަގީންކަން، އެ ކަށަވަރުކަން ދެއްވުން. މިރޭ އެމަނިކުފާނު އެ ކަށަވަރުކަން އެ ދެއްވީ،" ރޭގެ ޖަލްސާގައި ރައީސް ސޯލިހް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ރައީސް ސޯލިހަކީ ގައުމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށާއި، ގައުމުގައި ހުރި މައްސަލަތައް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާތީ ރައީސް ސޯލިހަށް އިތުބާރު އެބައޮތް ކަމަށެވެ. މީގެ ކުރިން ސަރުކާރާ ގުޅޭ ގޮތުން ޖޭޕީން ދައްކާފައިވާ ވާހަކަ ތަކަކީ ޒާތީވެގެން ދެއްކި ވާހަކަތަކެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
އަމީން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީއަށް ލިބުނު ވޯޓަކީ ހަގީގީ އަދަދު ކަމަށް ނުބެއްލެވުން އެދޭ ކަމަށެވެ. ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށްޓަކައި ޖޭޕީގެ ގިނަ ބަޔަކު ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަންވެސް އަމީން ވަނީ ދެއްވާފަ އެވެ.