ވިނަރެސް ފްލެޓުތަކަށް ދައްކަން ޖެހޭ ކުއްޔާއި، ޑައުންޕޭމަންޓް ކުޑަކުރައްވާނެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލޭގެ ގަލޮޅުކަންމަތީ ރޭ ބޭއްވި ކެމްޕޭނެ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވި ވިނަރެސް ފްލެޓް ތަކުގެ ކުއްޔާއި، ޑައުންޕޭމަންޓްގެ އަގު ބޮޑުވުމުގެ ސަބަބުން ވިނަރެސް ފްލެޓް ލިބުނު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ލިބިފައިވާތީ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
"އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ހެޔޮ ބަދަލެއް ގެނެސްދޭނަން. އެކަންވެސް އަޅުގަނޑުމެން އިއުލާން ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެމްޕީއެލް ފްލެޓުތަކުގެ ޑައުންޕޭމެންޓާއި ކުލި ބޮޑު ކަމަށް ބުނެ އެތަނުގެ މުވައްޒަަފުންގެ ފަރާތުން ކަންބޮޑުވުންތަކެއް ލިބިފައިވާތީ އެމްޕީއެލް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމެންޓަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް ގައުމީ ޔުނިވާސިޓީ އާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ވެސް އާންމު ކުރާނެ ކަމުގައި ވިދާޅުވި އެވެ.
ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތް މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އާބަންކޯ އިން ވަނީ ހަމަޖައްސައިދީފަ އެވެ. ދިގުމުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުން ޑައުންޕޭމެންޓަށް ދައްކަންޖެހޭ އަދަދުގެ 15 ޕަސަންޓް ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށްވެސް އާބަންކޯ އިން ބުނެފައިވެ އެވެ.
ވިނަރެސް ފްލެޓް އަދި އެހެން މުއައްސަސާތަކުން އަޅައިފައިވާ ފްލެޓް ތަކުގެ ކުލި ކުޑަ ކޮށްދެއްވުމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.