އެމްޑީޕީ

އެމްޑީޕީގެ މާލެ ތަސައްވަރު ހުކުރު ދުވަހުގެ ރޭ ހާމަކުރަނީ

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގައި މާލެ ސަރަހައްދަށް ހުށަހަޅާ ތަސައްވަރު ހާމަކުރުމުގެ ޖަލްސާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގަ އެވެ.

މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް މާލޭގައި ބާއްވާ އެމްޑީޕީގެ ފަހު ޖަލްސާ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ދަނީ ރަށްރަށަށް ދަތުރުކުރައްވާ އެމްޑީޕީން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅާ ސިޔާސަތުތަކާއި ޕްލޭންތައް ހާމަކުރައްވަމުންނެވެ.

އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު މިހާތަނަށް ވަނީ ހއ. ށ. ނ. ރ. ބ. އއ. ވ، މ، ދ. ތ. ލ. ގއ. ގދ. އަދި ފުވައްމުލަކަށް ވަޑައިގެންފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވަނީ އެ ކެންޑިޑޭޓުންގެ މާލެ ސަރަހައްދުގެ ތަސައްވަރު ހާމަކޮށްފަ އެވެ.