( 21 ސެޕްޓެމްބަރ 2023 އާ ގުޅޭ )
"ކާކު؟." ފާޚާނާއިން ނުކުމެގެން އައިސް އެނދުގައި ހަމަޖެހިލި ހިނދު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނީއެވެ. މީހަކު އަނގައިންނެއް ނުބުންޏެވެ. އެހެންވެ އަހަރެން އެނދުން ފައިބައިގެން އައިސް ދޮރު ކައިރީ ހުއްޓިލައި އަނެއްކާ ވެސް ކާކުތޯ ތަކުރާރުކޮށްލީމެވެ.
"ހުޅުވާލަފާނަންތަ؟." އިވުނީ ހޫދުގެ އަޑެވެ.
* * * * *
އެނދު އަރިމަތީ އަހަރެން އިނީ ވިސްނާށެވެ. ހޫދު ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަހަރެން ހިތާއި ސިކުނޑިއަށް އެތައް ސުވާލުތަކެއް އަރާ ފައިބަމުންދިޔައެވެ. ކުށުގެ އިޙްސާސުން ނަފްސު ފޯވަމުންދާ ފަދައެވެ. ދޮގު ހެދުމަކީ އަހަރެން ކުރާހިތްވާކަމެއް ނޫނެވެ. އާދަވެފައިވާ ކަމެއް ވެސް ނޫނެވެ. އެކަމަކު ހޫދުގެ ކުރިމަތީ އަހަރެން ކިތައް ދޮގު ހަދައިފިން ހެއްޔެވެ.
"އަހަރެން ކުށެއް ނުކުރާކަމަކަށްނުވާނެ... ހޫދުގެ ކުރިމަތީ އަހަރެން ކިތަންމެ ރަނގަޅުވާން މަސައްކަތް ކުރިޔަސް ހަޤީޤަތް ބަދަލެއްނުވާނެ. އަބުރު ވެއްޔާ މޮޑެވި ހިނގައްޖެ. ފިރިހެނަކާއެކު އެ ދަރަޖައަށް އަހަރެންގެ ޢަމަލުތައް ހިނގައިދާނޭކަމަށް އަހަރެންނަށް ވެސް ޤަބޫލެއްނުކުރެވޭ. އެހެންވިޔަސް އެޔޮތީ ހުރިހާކަމެއްވެ ނިމިފައި. ލަދުވެތިކަން އޭރު ނެތިފައި މިހާރު އަހަރެން އެކަން ފޮރުވަން ކުރެވެން އޮތް ހުރިހާކަމެއް މިކުރަނީ... ކުރީން ނުވިސްނި، މިހާރު ވިސްނުނުއިރު މިވަނީ ވަގުތު ފާއިތުވެފައި. ޒިޔާނަށް ބްލޭމްކުރާން ބޭނުންވިޔަސް ހަޤީޤީ ކުށްވެރިއަކީ އޭނާއެއްނޫން. ބަލިކަށިވީ އަހަރެންގެ އަޒުމް. އެހެންނޫންނަމަ ކައިވެނީގެ ކުރީން އެއްވެސް ފިރިހެނަކަށް އަހަރެން އެ ފުރުޞަތެއް ނުދިނީސް... ދެން ނަމަނަމައަކުން ވާނީ ކޮންކަމެއް. ގެއްލިފައިބާ އަބުރާއި އިއްޒަތް ދުނިޔެއަށް ސިއްރުކުރަން އުޅޭ މީހަކުހެން އަހަރެން މިއުޅެނީ... ނޫން. ދުނިޔެއަކަށްނޫން... ހޫދަށް. އަހަރެންގެ އެ ޢަމަލުތައް ހޫދަށް އެނގެން ބޭނުންނޫނީ." އަމިއްލަ ނަފްސާ އަހަރެންގެ ހިތް ވާހަކަދައްކަމުން ދިޔައެވެ. އަހަރެން ފައިސަލްއާއެކީ އުޅުނު ވިޔާނުދާ މިނިވަން ދިރިއުޅުމުގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ހޫދަށް އެނގޭން ހިތެއް ނޭދެއެވެ. އެކަމަކު އެއީ ކީއްވެކަމެއް ބުނާކަށް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނާ މެދު އޭނާ ދެކޭ ގޮތް މުހިންމުކަމަކަށް ޤަބޫލެއްނުކުރެވެއެވެ. ވީއިރު އެކަމާ މިހާރު އަހަރެންނަށް މިވިސްނެނީ ކީއްވެ ހެއްޔެވެ.
އަހަރެން ކޮޓަރީގެ ދޮރު ހުޅުވީ ހޫދު އައި ބޭނުމެއް އޮޅުންފިލުވާށެވެ. އޭރު އެންމެން ނިދަން ކޮޓަރިތަކަށް ވަދެއްޖެކަން އަހަރެން ދެނަ ހުރީމެވެ. އެހެންވިޔަސް އަހަރެން އިނީ ހޫދުގެ ކޮޓަރީގައެވެ. އޭނާގެ ހުރިހާ އެއްޗެއް ހުރީ އެ ކޮޓަރީގައެވެ. އޭނާ ބޭނުންވާކަމެއް އޮޅުންފިލުވަން ނިންމީ އެހެންވެއެވެ.
"ކަމަކުތަ؟." އަހަރެން ދޮރު ހުޅުވުމުން ވެސް ހޫދު އެއްޗެކޭ ނުބުނެ ބަލަން ހުރީތީ އަހާލީމެވެ.
"ވަންނަންތަ؟." ހޫދު އަހާލިއެވެ.
"މިގަޑީގަ... އެއްޗެއް ބޭނުންވީތަ؟." ހޫދާއި އަހަރެން އެކަނި އެ ދަންވަރު ކޮޓަރީގައި ތިބުން ރަނގަޅު ކަމެއްކަމުގައި ނުފެންނާތީ ބުނީމެވެ.
"އާނައާ ވަކިން ދައްކާލަން ބޭނުންވާ ވާހަކައެއް އޮތީމަ." ހޫދު ބުންޏެވެ.
ކޮޓަރީގައި ދިއްލާފައި ހުރި ފަނޑު ނިދާބޮކި ނިވާލައި ހުދުއަލީގެ ބޮކި ޖައްސާލުމާއެކު ކޮޓަރީގެ ދޮރު ބޮޑަށް ހުޅުވާލީމެވެ. އަދި ހޫދު ކައިރީ އެތެރެއަށް ވަނަސް އެންމެ ރަނގަޅުކަމުގައި ބުނީމެވެ. މީހަކަށް ގޯސް ހީވުމެއް ހީވާނޭ ފުރުޞަތެއް ނުދޭން ކޮޓަރީގެ ދޮރު ބެހެއްޓީ ހުޅުވާފައެވެ. އަހަރެން އައިސް އެނދުގައި އިށީނީމެވެ. ކޮންވާހަކައެއްތޯ ހޫދު ކައިރީ އަހާލީމެވެ.
"ފައިސަލްއަށް އާނަ އިތުބާރުކުރީ ކީއްވެ؟. އޭނާ ނޫނީ އާނަ ލޯބިވާނެ މީހަކު ނުވީތަ؟." ހޫދު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ނަމަވެސް އެ އަޑުގައި ނުރުހުން ވިއެވެ. އެ ދެ ލޮލުން އަހަރެންނަށް ރިހުމެއްގެ އަސަރު ފެނެއެވެ. ކޮންކަމަކާ ގުޅިގެންކަމެއް ނޭނގެއެވެ.
"ތީ އަހަރެން ދައްކަން ބޭނުން ވާހަކައެއްނޫން." އަހަރެން ބުނީމެވެ. ފައިސަލްއަކީ އަހަރެންނަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އަމިއްލަ ނަފްސަށް ވެވުނު އިހުމާލެކެވެ. އެކަމަކުގެ ވާހަކަ ތަކުރާރުކޮށް ދެއްކުމަކުން ހެދުނު ގޯސް ރަނގަޅު ވެދާނެ ހެއްޔެވެ. އެޔަށްވުރެ އެކަން މާޒީއަށް ދޫކޮށްލައި ދެން އެފަދަ މަޅިއެއްގައި ނުޖެހުމަށް ސަމާލުވުން މުހިންމެއް ނޫން ހެއްޔެވެ. އަހަރެންނަށް މިކަމުން ރަނގަޅު ފިލާވަޅެއް ގައިމު ވެސް ލިބިއްޖެއެވެ. ލިބުނު ހިތްދަތިކަން ހޫދާ ޚިއްޞާ ކުރުމަކީ އަހަރެން ނުކުރާނެކަމެވެ.
"އެނގޭތަ އާނަ ހުރި ކޮޓަރީގައި ކެމެރާ ހުރިކަން." އިރުކޮޅަކު އަހަރެންނަށް ބަލަން އިނދެފައި ހޫދު ބުންޏެވެ.
އެބުނީ އަހަރެންނަށް ނޭނގޭކަމެއްގެ ވާހަކައެއްނޫނެވެ. އަހަރެންގެ ކޮންމެ ހަރަކާތެއް ފައިސަލް އައީ ބަލަމުންކަން އެނގެއެވެ. އެހެންވިޔަސް އެއީ މިހާރު އަހަރެން ހާސްވެ ކަންބޮޑުވާންޖެހޭވަރު ކަމެއްނޫނެވެ. ފައިސަލްގެ އަތުން އަހަރެންގެ ވީޑިއޯއެއް ނުފެންނާނެއެވެ. އެ ހުރިހާ ފައިލެއް އަހަރެންވާނީ ފުހެލާފައެވެ.
"އާނަ... ފައިސަލްއާއެކީ... އައި މީން... ތި ދެ މީހުން." ހޫދަށް ބުނަން އުނދަގޫވީއެވެ. އަހަރެންނަށް އޭނާ ބުނަން އުޅުނު އެއްޗެއް ނަގައިގަންނާކަށް ދައްޗެއް ނުވިއެވެ. ހިތުގެ ތެޅުން ބަދަލުވެލިއެވެ. ހޫދަށް ޖަވާބު ދޭން ވަގުތުކޮޅެއް ނެގިއެވެ.
"ނޫން." އަހަރެން ބުނީމެވެ. އަހަރެންނާއި ފައިސަލްއާ ދެމެދު އޮތް ގުޅުން އެނގޭނީ ވީޑިއޯތައް ހުރިނަމައެވެ. އެޔެއް ނުފެންނާނެއެވެ. ވީއިރު އެފަދަ ލަދުވެތި ވާހަކައެއް ހޫދަށް އެނގުން މުހިންމެއްނޫނެވެ. ސިއްރުކުރީ އެހެންވެއެވެ. ތެދަށް ބުނާނަމަ އެއީ ނުވާކަމެއްކަމުގައިވާން އަހަރެން ވެސް ބޭނުންވެއެވެ.
"ޝިފާލީއާއެކު އޭނާ ބޭއްވީ ވަރަށް ގާތް ގުޅުމެއް. އަންހެންކުއްޖަކާ އެގޮތަށް ކައިރިވެފައި ހުރި މީހަކު ހަޔާތަށް ގެންނަ ކޮންމެ އަންހެންކުއްޖާއެކީ އެކަހަލަ ގުޅުމެއް ބާއްވަން ބޭނުންވާނެ." ހޫދު މިހެންބުނީ އަހަރެންނަށް ނަޒަރު ސީދާކޮށްލައިގެން އިނދެއެވެ. އެކަމުން އަހަރެންނަށް އުނދަގޫވިއެވެ. އިތުރަށް އެ ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ. ޚާއްޞަކޮށް ހޫދުގެ ދުލުން އެވާހަކަތައް އިވުމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ގޮތެއްވަނީއެވެ. މާބޮޑަށް ދެރަވާގޮތްވެއެވެ.
"ތީތަ ހޫދު ދައްކަން އައި ވާހަކައަކީ. ތި ވާހަކަތައް އަހަރެންނަށް މުހިންމެއްނޫން... ވަރަށް ލަސްވެއްޖެ. ވަރަށް ހެނދުނާ ތެދުވަންޖެހޭނެ. ކުޑަކޮށް ވިޔަސް ނިދާލަން ބޭނުން. އިތުރު ވާހަކައެއް ނެތިއްޔާ ހޫދު ދާންވީނު." އަހަރެން ބުނީމެވެ.
އިރުކޮޅަކު ހޫދު އަހަރެންނަށް ބަލަން އިނެވެ. އޭނާ ދައްކަން އައި ހުރިހާ ވާހަކައެއް އަދި ނުބުނެވެއޭ ހީވާ ކަހަލައެވެ. އެހެންވިޔަސް ފުންނޭވާއެއް ދޫކޮށްލުމާއެކު ނިތްކުރިއާއެކު އިސްތަށިގަނޑުގައި ދެ އަތް ހިންގާލާފައި އޭނާ ތެދުވެއްޖެއެވެ.
"އާނަ ޝެއަރކުރަން ބޭނުންވެއްޖެނަމަ އަހަރެން އަޑު އަހާނަން. ކޮންމެ ވާހަކައެއްވިޔަސް. އަހަރެންގެ ހެލްޕެއް ބޭނުންވެއްޖެނަމަ ހެލްޕް ވެސް ވާނަން. ހަނދާނުގައި ބަހައްޓައްޗޭ." ހޫދު ބުންޏެވެ. އަހަރެން ހަމައެކަނި ބޯޖަހާލީއެވެ. އެއާއެކު ހޫދު ގޮސް ކޮޓަރިން ނުކުމެ ދޮރު ލައްޕާލައިފިއެވެ.
ފިކުރުތަކުގައި އަހަރެންނަށް ނުނިދި އެނދުގައި އޮތީމެވެ. ޝިފާލީ ގޮވާލި އަޑު އިވުނީ ދެނެވެ. އަހަރެންނަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. އެ މަހުލޫޤުގެ ކިބައިން އަހަރެންނަށް ސަލާމަތްވެވިދާނެބާއޭ ހިތާ ސުވާލުކޮށްލެވުނެވެ. އަހަރެންގެ އަނގައިން ނުބުނުމުން ދެވަނަ ފަހަރަށް ވެސް އަހަރެންގެ ނަމުން އޭނާ ގޮވާލައިފިއެވެ. އަހަރެން ބޯ ހިއްލާލިއިރު އޭނާ ހުރީ ކޮޓަރި ތެރޭގައެވެ. ތެދުވެ ހެޑްބޯޑުގައި ޖެހިލައިގެން އެނދުގައި އިށީނީމެވެ. ކޮޓަރީގައި ހުރި އަލި ފަނޑު ނަމަވެސް ސާފުކޮށް ކޮޓަރިތެރެ ފެނެއެވެ. އޭނާ އަދިވެސް ފެންނަނީ ޝިފާލީގެ ސޫރައިގައެވެ. އެކަމާ ސުވާލު ކުރާކަށް ވެސް ބޭނުމެއްނޫނެވެ.
"މާދަމާ މި ރަށުން ފުރަން ދޯ ތިއުޅެނީ." އޭނާ ބުންޏެވެ.
"ކަލޭ ބޭނުންވި ކަންތައް ވެއްޖެއެއްނު. އަހަރެން ކައިރިޔަށް އައުން ހުއްޓާލާނީ ކޮންއިރަކުން." އަހަރެން ބުނީމެވެ.
"އެވާހަކަ ބުނަން މިއައީ. މީ އާނިޔާއަށް އަހަރެން ފެންނާނޭ އެންމެ ފަހު ފަހަރު. ދެން އުނދަގުލެއް ނުކުރާނަން." އޭނާ ޝިފާލީގެ އަޑުން ވާހަކަދެއްކިއެވެ.
"ޔަގީންތަ؟." އަހަރެން އެހީމެވެ.
"އަމިއްލައަށް ރައްކާތެރިވެވޭނެ ގޮތް އޮވޭ. އެގޮތަށް ޢަމަލުތައް ބަހައްޓާނަމަ އެންމެ ފުރަތަމަ ދުވަހު ވެސް އަހަރެންނަށް ކައިރިވާނެ ފުރުޞަތެއް ނުލިބުނީސް. އާނިޔާ އަހަރެންނަށް އެހީވިކަން ހަނދާންނައްތައެއްނުލާނަން. އެހެންވެ މިބުނީ. ދެން އަހަރެންގެ އުނދަގުލެއް ދުވަހަކުވެސް އާނިޔާއަކަށް ނުފޯރާނެ. ޔަގީން ނުވިޔަސް އަހަރެން މިބުނީ ހައްޤު ތެދު." ޝިފާލީ ބުންޏެވެ. ޔަގީންނުވިޔަސް އޭނާގެ ވާހަކަ ޤަބޫލުކުރަން އަހަރެން ބޭނުންވިއެވެ.
"ފައިސަލް ދުށީންތަ؟." އަހަރެން އަހާލީމެވެ.
"އޭނާ ނުފެންނަ ހިސާބަށް އަހަރެން ދިޔައީ ކޮންއިރަކު؟. އާނިޔާ އެކަމާ ނުވިސްނާ... މުޅި އުމުރަށް އަހަރެން ދެން ހުންނާނީ އޭނާގެ ކައިރީގައި." މިހެންބުނެ އެ މަހުލޫޤު ހީނގަތެވެ. އެ ހުނުމުގައިވާ އަސަރުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތަށް ބިރުވެރިކަންވަނެވެ. ކުރިޔަކުން އޭނާ އެގޮތަކަށް ނުހެއެވެ. ހުނުން ހުއްޓާލާފައި އޭނާ ދަނީކަމުގައި ބުންޏެވެ. ދެން އަހަރެން ބަލަން އިންދާ ޣައިބުވެއްޖެއެވެ. ލޯ ހުޅުވައިގެން އިންއިރު ވެސް އެވީގޮތެއް ނޭނގުނެވެ. ހީވީ އެސްފިޔަ ޖަހާލެވުނު ހިނދު ލޯ މަތިން ފެންނަމުންދިޔަ މަންޒަރެއް ގެއްލުނު ހެންނެވެ.
"ފައިސަލްއަށް ކިހިނެއްބާވާނީ." އަހަރެންގެ ހިތަށް އެރިއެވެ. އެ މަހުލޫގުގެ ހަޤީޤީ މަޤްޞަދު ސާފުނުވާތީއެވެ. އޭނާ ފައިސަލްއާމެދު ކަންތައް ކުރާން ނިންމާފައިވަނީ ކިހިނެއްކަމެއް އެއްފަހަރު ވެސް ނުބުނެއެވެ. ހަމައެކަނި އަހަރެންގެ ފަރާތުން އޭނާ ބޭނުންވީ ފައިސަލް ޖަލަށް ފޮނުވާލުމެވެ. ހުރިހާ ހެއްކެއް ހުރުމާއެކު އޭނާ އެވަނީ ދެ ފުރާނަ އެހާމެ އަނިޔާވެރިކަމާއެކު ދުއްވާލާފައެވެ. ވީއިރު އޭނާގެ މައްޗަށް އަންނާނީ އުމުރު ދުވަހުގެ ހުކުމެއްކަން ހޫދު ވެސް ވަނީ ބުނެފައެވެ.
* * * * *
ފާލަމާ ކައިރިކޮށްފައި އޮތް ލާންޗަށް އަރަން އައިއިރު އަހަރެންގެ ކުރިޔަށް ހުރެ ހޫދު ހިނގަމުން ދިޔައެވެ. އޭނާގެ ކޮނޑުގައި އޮތް ދަބަހުގެ އިތުރުން އަހަރެންގެ ފޮށި ވެސް ހިފައިގެން ހުރީ އޭނާއެވެ. އިތޫއާއި ޒަފަރު އަހަރެންނާއެކީ އައެވެ. އަޅާފައި އޮތް ލާންޗު ކައިރީ އަހަރެންނާއެކީ އެމީހުން ވެސް މަޑުކޮށްލައިގެން ތިއްބެވެ. ފުރަތަމަ ލާންޗަށް އެރީ ހޫދުގެ ވެރިމީހާ ޝާހިދެވެ. އެއަށްފަހު އަހަރެންގެ ފޮށި ލާންޗުގައި ހުރި ކުއްޖަކަށް ދިއްކޮށްލުމަށްފަހު ލާންޗަށް ހޫދު އަރައިފިއެވެ. ދެން އޭނާ އަހަރެންނަށް ބަލާލީ އަރާށޭ ބުނާ ފަދައިންނެވެ. އަހަރެން ލާންޗަށް އަރަން އުޅުނު ހިނދު ހޫދު އަތްދިއްކޮށްލިއެވެ. އޭނާގެ އެހީއަކަށް ބޭނުންނުވި ނަމަވެސް އެ އަތުގައި އަހަރެން ހިފީމެވެ.
"ގުޅައްޗޭ މާލެ ދެވުނީމަ." އިތޫ ބުންޏެވެ. އަހަރެން ބޯޖަހާލާފައި އޭގެ ދެމަފިރިންނަށް ވަދާޢުގެ ސަލާމެއްގެ ގޮތުން ކަނާއަތް ހޫރާލީމެވެ.
ލާންޗުގައި އަހަރެން އިނީ އެކަންޏެވެ. ހޫދާއި ޝާހިދު ތިބީ އަނެއް ފަރާތުގައި ހުރި ގޮނޑީގައެވެ. އެމީހުންގެ އަމިއްލަ ވާހަކައިގައެވެ. އުޑުމަތި ބަނަކޮށް އޮތަސް ވާރޭއެއް ނުވެހެއެވެ. އެހެންވިޔަސް ކަނޑު ގަދައެވެ. ރާޅުތަކުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އަހަރެން އިނީ މާލެއާ ހަމައަށް ފޯރާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. ފަތިސް ނަމާދަށް ތެދުވާގޮތަށް މަންމަ ހޭލާ އުޅޭނެކަން އެނގޭތީ ހެނދުނުހެނދުނާ މަންމައަށް ގުޅީމެވެ. މާލެ އަންނަނީކަން ބުނީމެވެ. އިތޫގެ ބޭބެއަކާއެކީ ލާންޗުގައިކަން ވެސް ބުނީމެވެ. މާލެއާ ކައިރިވުމުން ގުޅަން މަންމަ ބުނެލީ އަހަރެން ބަލާ ބައްޕަ ފޮނުވަންވެގެންނެވެ. ހޫދާއެކު ގެއާ ހަމައަށް ދިއުމަށްވުރެ އަހަރެންނަށް އެގޮތް މާ ރަނގަޅެވެ. އެހެންވެ މަންމައަށް ގުޅާނަންކަމުގައި އެއްބަސްވީމެވެ.
މާލޭގެ މަލަމަތި ފެންނަން ފެށުމާއެކު ހޫދު އިންތަނުން ތެދުވިއެވެ. އޭނާ އަހަރެންގެ ކައިރިޔަށް އައެވެ. ގެއަށް އަންގައިފިންތޯ އަހަރެން ކައިރީ އަހާލިއެވެ. އަހަރެން ބަލާ ބައްޕަ އައިސް ހުންނާނޭކަން ބުނީމެވެ.
"ގެއާ ހަމައަށް އަހަރެން ގޮސްދާނެތީތަ؟." ހޫދު އަހާލިއެވެ. ހައިރާންކަން އަހަރެންނަށް ލިބުނީ ހޫދު އެހާ ފަސޭހައިން ދެނެގަތީމައެވެ.
"ނޮޓް ލައިކް ދެޓް... އެހެން ފަހަރަކުން ހޫދަށް އިންވައިޓް ކުރާނަން." އަހަރެން ބުނީމެވެ.
"ތިގެއަށް ނުގެންދިޔަސް އަހަރެން ގުޅީމަ ފޯނު ނަގައްޗޭ." ހޫދު ބުންޏެވެ.
"ބުނީމެންނު ކޯލަށް އާންސާ ކުރާނަމޭ." އަހަރެން ބުނީމެވެ.
ހޫދު އެއްޗެކޭ ނުބުނެ ތެދުވީއެވެ. އެހެންވިޔަސް އޭނާ އަހަރެންނަށް ފުރަގަސް ދިނުމުގެ ކުރީން އެތުންފަތް ދެމިލިތަން ދުށީމެވެ. ހޫދުގެ ސިކުނޑީގައި ހިނގަނީ ކޮންކަހަލަ ޝުޢޫރެއްކަން ބުނަން ދަތިވިއެވެ. ފައިސަލް ހައްޔަރުކުރި ފަހުން ހޫދުގެ މޫނުން ފަނޑު ނަމަވެސް ހިނިތުންވުމެއް މިފެނުނީ އަދިކިރިޔާއެވެ. އޭނާ ގޮސް އިހު އިންހެން ޝާހިދުގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.
ރިންގުވަމުންދިޔަ ފޯނަށް ބަލާލާފައި ފޯނުކޯލަށް ޖަވާބުދިނީމެވެ. ފަޅަށްވަން ލާންޗު ފެނިގެން ގުޅީ ބައްޕައެވެ. އެ ފެނުނީ އަހަރެމެންގެ ލާންޗުކަން ބުނީމެވެ. ބައްޕަ ހުރީ ވާޓަރުމަތީ އަހަރެންގެ އިންތިޒާރުގައެވެ.
ލާންޗު ކައިރިކޮށްލުމާއެކު ވާ އައްސަންދެން އެންމެން މަޑުކޮށްގެން ތިއްބެވެ. ޝާހިދު ފޭބުމުން އަހަރެން ގޮވައިގެން ފައިބަން ހޫދު ހިނގައިގަތެވެ. އޭރު ލާންޗުގައި އުޅުނު ފަޅުވެރި ކުއްޖާ އަހަރެންގެ ލަގެޖާއި ހަދިޔާ ފޮށިގަނޑުތައް ތޮށިގަނޑު މައްޗަށް އަރުވައިފިއެވެ. ހޫދުގެ އަތުގައި ހިފައިގެން އަހަރެން ފޭބިއިރު އަވިގަނޑުގައި ހުރި ބައްޕަ ފެނިއްޖެއެވެ. އަހަރެން ފެނުމާއެކު ލޮލުގައިވީ އަވިއައިނު ނަގައިފިއެވެ. ހަލުވި ފިޔަވަޅުގައި އަހަރެންގެ ގާތަށް އައެވެ.
"ބޮލަށް ކިހިނެއް ހަދާފައި ތިހުރީ." ކައިރީ މަޑުކޮށްލި ބައްޕަ ހާސްވެފައި ސުވާލުކުރިއެވެ.
"ބައްޕާ. އައި އޭމް އޯކޭ... މިހުރީ އިތޫގެ ބޭބެ." އަހަރެންގެ ކައިރީ ހުރި ހޫދު އަވަހަށް ދައްކާލީމެވެ. ކަންބޮޑުވުމުގެ އަސަރު މޫނުމަތިން ފިލުވާލަމުން ހޫދަށް ބައްޕަ ބަލާލިއެވެ. އަދި ސަލާމަށް އަތްދިއްކޮށްލިއެވެ. ބައްޕަގެ އަތުގައި ހިފާލަމުން ހޫދު އަމިއްލަ ނަން ބުނެލިއެވެ.
"ކޮންތާކު ހުންނަނީ؟." ބައްދަލުވީމަ އުފާވެއްޖެކަމުގައި ބުނުމަށްފަހު ހޫދު ކައިރީ ބައްޕަ އަހާލިއެވެ.
"ހޫދު އޮފީސްކަމެއްގައި އެއައީ. ޕޮލިހެއް އެއީ." އަހަރެން ބައްޕަ ކައިރީ ބުނީމެވެ.
"އެހެންތަ. އެކަމަކު ފުރުމުގެ ކުރީން ވަގުތެއް ހޯދާލައިގެން އަންނަންވާނެ އަހަރެމެން ގެއަށް." ބައްޕަ ބުންޏެވެ. ހޫދު ހަމައެކަނި ބޯޖަހާލީއެވެ. ދެން ދަނީއޭ ބުނެލާފައި އަހަރެންނަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. ދުރުގައި ޝާހިދު މަޑުކޮށްލައިގެން ހުއްޓެވެ. ހޫދު ގޮސް އޭނާއާ އަރާ ހަމަކުރުމާއެކު ހިނގައިގަތެވެ.
ޓެކްސީއެއްގައި އަހަރެން ގޮވައިގެން ބައްޕަ ދަތުރު ފެށީ ގެއަށެވެ. ބައްޕަގެ ހަރަކާތްތަކުން އެއްޗެކޭ ނުބުނެ އެ މަޑުކުރަނީ ގެއަށް ދެވެންދެންކަން އަހަރެންނަށް އެނގެއެވެ. އެއީ ބައްޕަގެ ގޮތެވެ. ބޭރުގައި ނުދަންނަ މީހުންގެ ތެރޭގައި އަމިއްލަ އެއްވެސް ވާހަކައެއް ނުދައްކާނެއެވެ. ދަރީންގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ފެނުނަސް ނަޞޭޙަތް ދޭނީ ގޭގައި ބައްޕަގެ ކައިރީ ބައިންދައިގެންނެވެ. ހެދުނު ގޯހާއި ރަނގަޅުކުރަންވީ ގޮތް ކިޔާދޭނެއެވެ. އަހަރެންގެ ހިތް އަވަސްވެފައިވީ ބީރައްޓެހި ރަށަކަށް ގޮސް ބޮނޑިއެއް ބޮއެގެންކަން އައީ މައިންބަފައިން ގާތު ބުނާނޭ ގޮތަކާމެދުއެވެ.
"ރައިހާނާ. އެމަންޖެ ގޮވައިގެން މިއައީ." ހުޅުވާލި ދޮރުން އެތެރެއަށް އަހަރެންގެ ފޮށްޓާއި ކަރުދާސްފޮށިގަނޑުތައް ވައްދަމުން ބައްޕަ ގޮވާލިއެވެ. އަޑުއިވޭ ހިސާބު ސޯފާގައި އިނދެފައި ތެދުވިގޮތަށް މަންމަ އަންނާތީ ފެނުނެވެ.
"ސުބްޙާނައްﷲ... ކޮން ބޭސްގަނޑެއް ތިއޮތީ." މަންމައަށް އަހަރެން ފެންނައިރަށް ބައްޕައެކޭ އެއްފަދައިން ކަންބޮޑުވުން ފާޅުކޮށްލިއެވެ. މަންމަ ވަގުތުން އައިސް އަހަރެންގެ ބޯ ބަލަން ފެށިއެވެ.
"އެމަންޖެ ތަނެއްގައި ބައިންދަބަލަ." ބައްޕަ ބުނެލިއެވެ.
"މިވަރުކަމެއްވީއިރު މަންމަ ކައިރީ ނުވެސް ބުނޭ. ކޮންއިރަކު ވީކަމެއް މީ." އަހަރެން ގޮވައިގެން ސޯފާތަކާ ދިމާއަށް ހިނގައިގަންނަމުން މަންމަ ބުންޏެވެ.
"މަންމާ. އިހަށް އިށީންނަމާ... ބައްޕަ ވެސް އާދެބަލަ." އަހަރެން ބުނީމެވެ.
(ނުނިމޭ)