ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ރައީސް ސޯލިހާ އެކު އެމަނިކުފާނު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދުގެ ތާއީދު ދެއްވުމަށް އެދިވަޑައިގެންފައި ވާނެ ކަމަށް ރައީސް ސޯލިހް މިއަދު ނޫސްވެރިންނަށް ވިދާޅުވެފައި ވަނިކޮށެވެ.
ނަމަވެސް މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ދެ ބޭފުޅުން މިއަދު ކުރިއަށް ގެންދެވި ބައްދަލުވުމުގައި ރައީސް ސޯލިހަށް ތާއީދުކޮށްދެއްވުމަށް އެެދިވަޑައިގެންފައި ނުވާ ކަމަށެވެ.
"ވަރަށް ސާފުކޮށް ދަންވައިފިން ނޫން، ނޭދޭ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް އިން ރިޔާސީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ޕާޓީގެ ނިންމުން ސާފު ކަމުގައިވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދު ތާއީދުކުރައްވަނީ ކޮން ކެންޑިޑޭޓަކަށްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރެއްވުމުން ވެސް ރައީސް ނަޝީދު ވިދާޅުވީ އޭނާ ތާއީދު ކުރައްވަނީ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބަށް ކަމަށެވެ. ދެވަނަ ބުރަށް އިލްޔާސް ވަޑައިނުގެންނެވި ނަމަވެސް އިލްޔާސްއަށް ތާއީދުކުރައްވަނީ ގާނޫނުއަސާސީގެ 111 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ވިދާޅުވި އެވެ.
"ގާނޫނީ ހުއްޖަތެއް ނެތް ވާހަކައެއް ނޫން އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑު ތާއީދުކުރާނީ އިލްޔާސް ލަބީބަށް. އަދި އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީއަށް ވެސް ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ހަމަ އަޅުގަނޑު ހިފަހައްޓައިގެން މިހުރި ހުރުން. 111 ވަނަ މާއްދާ ބައްލަވާ. އަޅުގަނޑު ތާއީދުކުރާނީ އިލްޔާސް ލަބީބަށް،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 111 ވަނަ މާއްދާގެ އަރިމަތީ ސުރުހީގައި ލިޔެފައިވަނީ "ރިޔާސީ އިންތިހާބު" އެވެ. އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު، އެއްވެސް ސަބަބަކާ ހުރެ އިންތިހާބުން ވަކިވެއްޖެނަމަ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށް އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެވޭނެ އެވެ.