ރައީސް މުހައްމަދު ނަޝީދު

ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅޭ ވާހަކަ ނަޝީދު ދިފާއުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އުމުރުފުޅާ ގުޅުވައިގެން އެމަނިކުފާނު ސިއްހީ ހާލުކޮޅާ ގުޅުވައިގެން ދެއްކެވި ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިފާއުކުރައްވައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ތ. ކިނބިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ރައްޔިތުންނަށް ހިދުމަތްކުރުމަށް އިސް ސަފަށް ނިކުމެވަޑައިގަންނަވާ ބޭފުޅުންގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން އަދި އެބޭފުޅުންގެ އުމުރުފުޅާ ގުޅޭގޮތުން ވާހަކަދައްކަވާ ކަމަށެވެ.

"އެއްވެސް ހާލެއްގައި އެއީ އެއްވެސް މީހަކަށް ބަދު ބަހެއް ބުނުމަކަށް ނުވަތަ ދެރަގޮތެއް ވުމަކަށް [ބުނި ބަހެއް] ނޫން." ނަޝީދު ދެއްކެވި ވާހަކަ ދިފާއުކުރައްވާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް ސިއްހީ ހާލުކޮޅާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަދެއްކެވުމާ ގުޅިގެން ބައެއް ބޭފުޅުންނަށް ނުބައި މާނައެއް ނެގި ހިތްބަރު ކުރި ކަމަށެވެ. ނަމަވެސް ޑިމޮކްރެޓިކް އުސޫލުން ކަންކަން ހިނގާ ތަންތަނުގައި އެފަދަ ވާހަކަތައް ދައްކަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިވާހަކަތަކަށްފަހު ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވި ބޭފުޅެއް ކަމަށް ސާބިތުކޮށްދެއްވުމަށެވެ. އެގޮތުން ރައީސް ނަޝީދު ވަނީ އިލްޔާސްގެ ސިއްހީ ހާލުކޮޅު އެނގޭނެ ލިޔުމެއް އާންމުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ޖަވާބުގައި އިލްޔާސް ވަނީ އެކަން ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ރައީސް ސޯލިހްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވި ޑިމޮކްރެޓުންގެ ޖަލްސާއެއްގައެވެ. އަދި ވިދާޅުވީ ރައީސް ސޯލިހް މާބޮޑަށްވެސް މުސްކުޅިވެއްޖެ ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވާލަން އޮތީ، ތިބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓް ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުވަން ޖެހިވަޑައިގަންނަވާ، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ސިއްހީ ހާލުކޮޅު، އެއީ ވިސްނަވަން ޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހްގެ އުމުރުފުޅާއި ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ވާހަކަދައްކަވާއިރު ރައީސް ނަޝީދުގެ އުމުރުފުޅަށް ވުރެ ރައީސް ސޯލިހް ދޮށީ ފަސް އަހަރެވެ. ރައީސް ނަޝީދުގެ އުމުރުފުޅަކީ 54 އަހަރެވެ. ރައީސް ސޯލިހްގެ އުމުރުފުޅަކީ 61 އަހަރެވެ.