އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅަށް އަރަން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

Sep 25, 2023

އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ނުހޯދާ ބަޔަކު އަރަން އުޅުނު މައްސަލަ އެމްއެންޑީފުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ އުތުރުތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްގީކުރަމުން އަންނަ ސަރަހައްދު ފިޔަވައި ފަޅުގެ ބާކީ ސަރަހައްދުތައް ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ހާމަކުރުމުން އިއްޔެގެ ވަގުތެއްގައި ދިޔަރެސް ނޫހުގެ ނޫސްވެރިން ލޯންޗެއްގައި ގޮސް ހުއްދަނެތި ސިފައިންގެ ބަނދަރު ތެރެއަށް ވަދެ ވީޑިއޯކޯށް ހުއްދަނެތި އެރަށަށް އެރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަނެތި ވަނުންމަނާ ތަންތަންކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

"ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް އަސްކަރިއްޔާގެ މަރުކަޒުތަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތްކޮށްފިނަމަ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ އެފަދަ މަރުކަޒަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުންކުރުންވެސް ހުއްދަކުރެވިފައިވާކަން ފާހަގަކުރަން،" އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފްގެ ހުއްދަނެތި އެމްއެންޑީއެފްގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ޒިންމާދާރުކަން ކުޑަ އަދި ސީރިއަސް މައްސަލައެއް ކަމުގައި ދެކޭތީ އެ މީހުންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅައިދިނުމަށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.