( 24 ސެޕްޓެމްބަރ 2023 އާ ގުޅޭ )
"މިވަރުކަމެއްވީއިރު މަންމަ ކައިރީ ނުވެސް ބުނޭ. ކޮންއިރަކު ވީކަމެއް މީ." އަހަރެން ގޮވައިގެން ސޯފާތަކާ ދިމާއަށް ހިނގައިގަންނަމުން މަންމަ ބުންޏެވެ.
"މަންމާ. އިހަށް އިށީންނަމާ... ބައްޕަ ވެސް އާދެބަލަ." އަހަރެން ބުނީމެވެ.
އަހަރެންގެ ހަރަކާތްތަކުން މަންމައާއި ބައްޕަ އިތުރަށް ހައިރާންވީކަން ދެނަހުރީމެވެ. އެހެންވިޔަސް އަހަރެންނާއެކީ ސޯފާތަކުގައި އެމީހުން ވެސް އައިސް އިށީނެވެ. މަންމަ އިށީނީ އަހަރެންގެ ކައިރީގައެވެ. ބައްޕަ އިނީ އަހަރެމެން ދެމައިންނަށް ބަލަން ވަކިން ހުރި ގޮނޑީގައެވެ. ފުރަތަމަ ވެސް އަހަރެން އެމީހުންނަށް ބަލާލާފައި މަޢާފަށް އެދުނީމެވެ. މަންމައާއި ބައްޕައަށް އޮޅުވާލާފައި އޮތީމައެވެ. މަންމަގެ ދެ ލޯ ބޮޑުވެގެން އައިއިރު އެ ބެލުމުގައިވަނީ ސުވާލެވެ. އަހަރެން ސިއްރުކުރީ ކޮންކަމެއްތޯ ބުނާށޭ ބުނާ ކަހަލައެވެ. ބައްޕަ އިނީ ކެތްތެރިވެގެންނެވެ. ހިމޭންކަމާއެކު އަހަރެންނަށް ވާހަކަދައްކަން ފުރުޞަތު ދީގެން އިންހެނެވެ.
"އާނިޔާ..." އަހަރެން ހުރީ އިތޫމެން ގެއަކުނޫންކަން ބުނި ހިނދު އަހަރެންގެ ނަމުން މަންމަ ގޮވާލިއެވެ. އެ ގޮވާލުމުގައި އެތައް މާނައެއް އެކުލެވިގެންވެއެވެ. އަހަރެން ކުރީ މީގެ ކުރީން ދުވަހަކުވެސް ނުކުރާ ކަމެކެވެ. މަންމައާއި ބައްޕަގެ ތިބީ ހުސް އަންހެން ދަރީންނެވެ. މަންމައާ ޚިއްޞާ ނުކުރެވޭ ވާހަކައެއް އަހަރެމެންގެ ނޯވެއެވެ. އެއްކުއްޖެއް އަނެއްކުއްޖާ ޚިއްޞާ ނުކުރިޔަސް މަންމައަށް ކިޔާދޭނެއެވެ. އަހަރެމެން އަންހެން ދަރީންނަށް ވިޔަސް ބައްޕަގެ ލަފާ ނުލިބޭ ދާއިރާއެއް ނޯވެއެވެ. މިނިވަންކަމާއި ޢާއިލީ ލޯތްބާއި ގާތްކަން އަހަރެމެންގެ ތެރޭގައި އެބައޮތެވެ.
ކަންތައްވީގޮތް އަހަރެން ތެދަށް ކިޔާދިނީމެވެ. ފުރައިގެން ދިޔަ މަޤްޞަދެވެ. ފުރުމުގެ ކުރީން ވެސް ގޭތެރޭގެ ހާލަތު ހުރި ގޮތް އިތޫ ކިޔާދިން ކަމެވެ. އަހަރެން އެ ވާހަކަތައް މަންމަމެންނާ ޚިއްޞާ ނުކުރީ އަހަރެން އެކަނި ގޮސް ތަނެއްގައި ހުންނަން ޤަބޫލުނުވެދާނެތީކަން ބުނީމެވެ. ގެސްޓްހައުސްގެ ގޯތީތެރެ ހުރި ގޮތުގެ ފޮޓޯތައް ވެސް އަހަރެން ޢާއިލާ ގުރޫޕަށް ފޮނުވާފައި ހުންނާނެއެވެ. މަންމަ ބަރާބަރަށް އަހަރެން ފޮނުވާ ފޮޓޯތައް ބަލާކަން އެނގެއެވެ. އަހަރެން ހުރި ގެސްޓްހައުސް ސިފަކުރަން މަންމައަށް އެހާ ފަސޭހައިން އެނގުނީ އެހެންވެއެވެ. އެތަން ހިންގަނީ އިތޫ ކައިވެނި ކުރި ޒަފަރުގެ ރަޙުމަތްތެރިއެއްގެ ޢާއިލާއިންކަން އަހަރެން ބުނީމެވެ. އެތަނުގައި އަހަރެންގެ ހުރުން ހަމަޖެހުނު ގޮތް ވެސް އެމީހުންނަށް އޮޅުންފިލުވާ ދިނީމެވެ. އަދި އެތަނުގައި ހުރީ އަހަރެން އެކަނިކަމެވެ. ގިނަ ދުވަސް ދުވަހު ދުވާލު އެއްކޮށް އިތޫމެން ގޭގައި އުޅެފައި ރޭގަނޑު ނިދަންވީމާ އެނބުރި ގެސްޓްހައުސްއަށް އަންނަނީކަން ބުނީމެވެ.
"ތިބުނާ ގެސްޓްހައުސްގެ ވާހަކަ ހުރިހާ ނޫހެއްގައި އެ އޮތީ. ޢީދަށް އެ ރަށަށް ދިޔަ އަންހެންކުއްޖަކު ގެއްލުނުއިރު އޭނާ ހުރީ އެ ގެސްޓްހައުސްގައޭ... ޚަބަރުތަކުގައި ލިޔެފައި ހުރި އެއްޗެއް ކިޔާފައި މީހަކަށް ހަމަނިދި ނުލިބޭނެ." މަންމައަށް ނީނދެވިގެން ވާހަކަދެއްކިއެވެ.
"ރައިހާނާ. އެމަންޖެ ވާހަކަދައްކަން ފުރުޞަތު ދީބަލަ... އާނަ. ކިހިނެއް ބޮލަށް ލިބިފައި ހުރި އަނިޔާއެއް ތީ. މިހާރު ބައްޕައަށް އެބަހީވޭ ތީ އެތަނުގައި ހުރީތީ ލިބުނު އަނިޔާއެކޭ. ރަނގަޅަށްތަ މި ހީކުރެވެނީ." ބައްޕަ ބުންޏެވެ. ނުތަނަވަސްކަމާއެކު މަންމަގެ ދެ ބުމަ ކައިރިކޮށްލައިގެން އަހަރެންނަށް ބަލަން އިނެވެ. ބައްޕަ ބުނީތީ ހިމޭންވެގެންނެވެ.
އަހަރެން ގަސްދުގައި ނުރައްކަލުގެ ތެރެއަށް ނަފްސު ހުށަހެޅީކީ ނޫންކަން މަންމައާއި ބައްޕައަށް ވިސްނައިދިނީމެވެ. ފައިސަލްގެ ވާހަކަ ކިޔާދޭން އަހަރެން ފެށީ ދެނެވެ. އަހަރެމެން ދިމާވި ގޮތާއި ދެމެދުގައި އެކުވެރިކަން އުފެދުނު ގޮތް ވެސް ކިޔާދިނީމެވެ. އޭނާ ރައްޓެހިވާން އެހުމުން އެއްބަސްވީ ޒިޔާންގެ މަތިން އަވަހަށް ހަނދާންނެތޭނޭ ހީކޮށްގެންކަން ބުނީމެވެ. ހަޤީޤަތުގައި އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އަހަރެންނާއި ފައިސަލްއާ ދެމެދުގައި އޮތް ގުޅުން ބަދަހިވެގެން ދިޔައީ އެހެންވެކަން ބުނީމެވެ. އެހެން އެވީ ޒިޔާން ދެކެ ވެވުނު ލޯތްބާއި އޭނާގެ ބޭވަފާތެރިކަމުން ލިބުނު ހިތްދަތިކަމުން އަރައިގަންނަން ބޭނުންވެފައި ހުރިވަރުންނެވެ. އެ ޖަޒުބާތުތަކުން މިންޖުވުމަށް ޓަކައި އަހަރެން ޚިޔާރުކުރި މަގު ގޯސްކަން ވިސްނުނީ އަދިކިރިޔާއެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭ ފައިސަލް ދެކެ އެ ވެވުނީ ލޯބިކަމުގައި އަހަރެންނަށް މިހާރު ޤަބޫލެއް ނުކުރެވެއެވެ.
ފައިސަލްގެ ހަޤީޤަތް އަހަރެންނަށް ފަޅާއެރުމާއެކު އަހަރެން އިތޫގެ ކުޑަބެ ކަމަށްވާ ހޫދުގެ އެހީތެރިކަން ހޯދި ގޮތް މަންމަމެންނަށް ކިޔާދިނީމެވެ. ހޫދަކީ ފުލުހަކަށްވެފައި އޭނާގެ ލަފާގެ މަތިން ކަންތައް ކުރިކަން ބުނީމެވެ.
"ހޫދު... އެއީ މިއަދު ދިމާވި ހޫދުތަ. އާނައާއެކު ލޯންޗުން ފޭބިއެއްނު." ބައްޕަ އަހާލިއެވެ.
"އާން. އެ ހޫދު. އަހަރެމެން ކުރީން ފިރިހެނަކު ލޯނޗުން ފޭބިއެއްނު. އެއީ ހޫދުގެ ބޮސް ޝާހިދު. އެމީހުން މާލެ އެ އައީ ފައިސަލްގެ ކޭސްއާ ގުޅިގެން." އަހަރެން ބުނީމެވެ.
ފައިސަލްއާ ދިމާވެގެން އަހަރެންގެ ބޮލަށް ލިބިފައިވާ އަނިޔާއާ ހަމައަށް ކަންތައް ހިނގައިދިޔަ ގޮތް މަންމައާއި ބައްޕައަށް ކިޔާދިނީމެވެ. މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމާލީއެވެ. އަހަރެން ސަލަމާތުން އެނބުރި އައީތީ އެމީހުން އެކަމާ ޝުކުރުވެރިވާކަން ހާމަކުރިއެވެ. އެހެންވިޔަސް މަންމަގެ ލެކްޗަރެއް އަހަރެންނާ ކުރިމަތިނުވެ ނުދިޔައެވެ. މަންމައަށްވުރެ ވެސް ބައްޕަ އަހަރެންނަށް އިތުބާރުކުރާކަން އެނގެއެވެ. އަހަރެން މީގެ ކުރީން ހުރަސް ނުކުރާ ރޮނގެއް ހުރަސްކޮށްފައިކަން އައިސް މިހުރީ އެމީހުންނަށް އެނގުމުން ދެރަވާނޭވަރު އެނގެއެވެ. އެވާހަކަތައް ސިއްރުކުރީ އެހެންވެއެވެ.
"ބައްޕަ ބޭނުން ހޫދުއާ ވާހަކަދައްކާލަން." ބައްޕަ ބުންޏެވެ.
"މިގެއަށް އަންނަން ބުނަންވީނު." މަންމަ ވެސް އަހަރެންނަށް ބަލާލާފައި ބުނެލިއެވެ.
"އޭނާ ގެންނަނީ ކީއްކުރަން." އަހަރެންނަށް އަހާލެވުނެވެ.
"މިކަމާ ހޫދުއާ ވާހަކަދައްކާލަން ބޭނުމީ. މައްސަލަ ކުރިޔަށް ދާގޮތަކާއި އާނައަށް މިކަމުން ދެރައެއް ލިބިދާނެތޯ. ބައްޕަ ނޭދެން އާނަގެ ނަން ނޫހަކުން ފެންނާކަށް." ބައްޕަގެ ނުތަނަވަސްކަން ގުޅިފައިވަނީ ކޮންކަމަކާކަން ހާމަކުރިއެވެ.
"މާދަން ގުޅާލާފައި އަހާލާނަން ހޫދަށް ވަގުތުވާނީ ކޮންއިރަކުންތޯ. ނޫނީ ބައްޕައަށް ނަންބަރު ދޭންވީތަ؟." އަހަރެން ބުނީމެވެ.
"ދަރިފުޅު އޭނާއާ ވާހަކަދައްކައިގެން އާދެވޭނެ ވަގުތެއް ހަމަޖައްސާފައި ބައްޕަމެން ކައިރީ ބުނެލިޔަސް އެންމެ ރަނގަޅު. ބޮޑަށް ރަނގަޅީ ރޭގަނޑު އޭނާއަށް އާދެވޭނަމަ. އިޝާގެ ފަހުން." ބައްޕަ ބުންޏެވެ. ޖަވާބެއްގެ ގޮތުން އަހަރެން ބޯޖަހާލީމެވެ.
ކޮޓަރިއަށް ވަދެ އެނދަށް އެރިގޮތަށް އަހަރެން އޮތީ ކަމެއް ކުރާހިތް ނެތިފައެވެ. ކާހިތް ނުވެގެން މަންމަ ގޮވީމާ ވެސް މެންދުރު ނުކަމެވެ. ހުރިހާކަމެއް ނިމިއްޖެކަން އެނގޭއިރު ވެސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ވިސްނާ ފިކުރުކުރެވެންވީ ކީއްވެކަމެއް ނޭނގެއެވެ. ދެ އަތަށް ފުރޮޅިފުރޮޅި އޮއްވާ ކޮޓަރީގައި ޓަކި ޖަހާލުމާއެކު އަހަރެންގެ ނަމުން މަންމަ ގޮވާލައިފިއެވެ. ދެން ފެނުނީ ދޮރު ހުޅުވާލައި މަންމަ ބޯދިންތަނެވެ.
"ކީއްވެފައި ތިއޮންނަނީ. އަސުރުން ފަސްވީމަ ނުނިދައްޗޭ ބުނަމެންނު... ދެން ތެދުވޭ... ތެދުވެގެން އާދޭ މަންމައާއެކީ އެއްޗެއް ކާލަން. އަދި އައިގޮތަށް އެއްވެސް އެއްޗެއް ނުކައި ތިއޮންނަނީ... ކޮފީތަށްޓެއް ގިރައިދެންތަ؟." މަންމަ އައިސް އަހަރެންގެ މަގަތުން އެނދުގައި އިށީނެވެ.
"ބޮލަށް ތަދުވަނީތަ؟. މިރޭ ޑަކްޓަރަށް ދައްކާލަން ދަމާ." އަހަރެންގެ ފުށުން އިޝާރާތެއް ނުވުމުން އަނެއްކާ ވެސް މަންމަ ވާހަކަދެއްކިއެވެ.
"އެކޮޅުން ޑަކްޓަރު ދިން ލިޔުން އެބައޮތް. ސާދަ ދުވަސް ފަހުން ބަލާފައި ރޮދި ކޮށާނެކަމަށް ބުނީ." އެނދުން ތެދުވެލަމުން އަހަރެން ވާހަކަދެއްކީމެވެ. އަހަރެންނަށް މިވާ ގޮތެއް ޚުދު އަހަރެންނަށް ވެސް ނޭނގެއެވެ. ނުތެދުވެ އޮވެއްޖެނަމަ މަންމަގެ ސުވާލުތައް ވާނީ ގިނައެވެ. އެހެންވެ ތެދުވީއެވެ.
"މިކޮޅުން ޑަކްޓަރަކަށް ދައްކާލަން މަންމައަށް ފެނޭ. މާދަމާ ހިނގާ އޭޑީކޭއަށް ދަމާ." މަންމަ ބުންޏެވެ. އެންމެ ފަސޭހައިން ރެކިލެވޭނީ އާނއެކޭ ބުނެގެން ކަމަށް ވާތީ އެއްބަސްވީމެވެ. ފެންވަރައިގެން ސައިބޯން ދާނަންކަން ބުނުމުން ކޮޓަރިން ނުކުންނަން މަންމަ ތެދުވިއެވެ.
އެރޭ އަހަރެންނަށް ނިދަން އުނދަގޫވިއެވެ. ހިތަށް އެކިކަހަލަ ވަސްވާސްތައް ވަންނަނީއެވެ. މަންމަމެން ގާތަށް އެނބުރި އައުމުން އަހަރެން ގޮސް ރަށުގައި ފައިސަލްއާއެކު އުޅެވުނު ވިޔާނުދާ ގޮތް ހިތަށް އަރާފައި މާބޮޑަށް އެކަމާ ވިސްނި ފިކުރެވެނީއެވެ. އެންމެފަހު ވަގުތު ޝިފާލީ ދެއްކި ވާހަކަ މަތިން ވެސް ހަނދާންވަނީއެވެ. ހިތަށް އަރަނީއެވެ. އަހަރެންގެ މުސްތަޤްބަލަށް ވާނީ ކިހިނެއް ހެއްޔެވެ. ހަޔާތަށް ބައިވެރިއަކު އަޔަސް އަހަރެންނަކީ އިއްފަތްތެރި އަންހެނަކަށް ނުވާނެއެވެ. ދެގޮތެއްނުވެ ހިފަހައްޓަމުން އައި އަހަރެންގެ އަމިއްލަ އުސޫލުތަކަށްވީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ސިކުނޑިއާ ކުޅެލަން ފައިސަލް ކުޅަދާނައީ ހެއްޔެވެ. ނޫނީ އަހަރެންގެ އެއްވެސް އާރެއްނެތީ ހެއްޔެވެ. އަހަރެންނަކީ އަދިވެސް އިފްތެރި އަންހެނެއްކަން ދެއްކުމަށް ޓަކައި ދޮގު ހަދަން މަޖުބޫރުވެއްޖެއެވެ. ޚިޔާލުތައް ކުރިފަޅަމުން ދިޔަވަރަކަށް އަހަރެންގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. އަމިއްލަ ނަފްސު ކުށުގެ ހިސާރެއްގައި ހައްޔަރުވަމުންދިޔައިރު ހިތަށް ދަތިވަމުން ދިޔައެވެ. އަހަރެންގެ ޟަމީރު އަހަރެންނަށް މަލާމާތްކުރާ ކަހަލައެވެ. މަންމައާއި ބައްޕަގެ އިތުރުން އަހަރެންގެ ދޮށްޓަށް ތިބި ދެ ދައްތައަކީ ވެސް ރިވެތި އަޚުލާގުގެ ނަމޫނާއެކެވެ. ވީއިރު އެމީހުން ފަދައިން އަހަރެން ނުވީ ކީއްވެބާއެވެ. މާ އަވަހަށް ރުޅި އައުމާއި އެހާމެ އަވަހަށް ކެތްތެރިކަން ގެއްލިގެން ދިއުން ފަދަ ކަމުނުދާ ސިފަތަކެއް އަހަރެންނަށް ލިބުނީ ކީއްވެ ހެއްޔެވެ. ދީނާ މެދު އެމީހުން ބަހައްޓާ ފަރުވާތެރިކަމާއި ހިތުގައި އެކަމަށް އޮތް ލޯބި އަހަރެންގެ ނެތީ ކީއްވެ ހެއްޔެވެ. ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ކެތްނުވެގެން ބާލީހުގައި މޫނު ފޮރުވާލައިގެން އޮވެ އެތައް އިރަކު އަހަރެން ރުއީމެވެ. ދިރިއުޅުން ރާވާ ގޮތަށް ކުރިޔަށް ނުދިޔައީތީ އެކަމުގެ ޝަކުވާ ހިތުގައިވިއެވެ. ރޭގެ ވަގުތުތައް ފާއިތުވެ ފަތިސްވީއިރު ވެސް އަހަރެން އޮތީ ހޭލައެވެ.
ހެނދުނު ހަތެއް ޖަހަނީއެވެ. ފޯނު ރިންގުވާން ފެށުމުން ކުރުއަތް މައްޗަށް ތެދުވެ ސައިޑްކަބަޑު މަތީ އޮތް ފޯނު ނެގީމެވެ. އަހަރެންނަށް ގުޅަނީ ހޫދެވެ. ފޯނު ނަގާހިތެއް ނުވިއެވެ. ނަމަވެސް އޭނާ ގުޅައިފިއްޔާ ފޯނުކޯލަށް ޖަވާބުދޭން އަހަރެން ވަޢުދުވެފައިވާތީ އެ ކޯލު ނެގީމެވެ. އަހަރެން ހެލޯއޭ ބުނެލާއިރަށް ބާއްޖަވެރި ހެނދުނެއްގެ ތަހުނިޔާ އިނގިރޭސި ބަހުން އޭނާ ކިޔާލައިފިއެވެ.
"ރޯގާ ޖެހުނީތަ؟." ހޫދު އަހާލިއެވެ. ރޭގައި އެވަރަށް ރުއިމުގެ ސަބަބުން އަހަރެންގެ އަޑު ހުރީ ބަދަލުވެފައެވެ. ނޭފަތް ވެސް ބެދޭގޮތް ވެފައެވެ. ކަންފަސޭހައަކަށް އަހަރެން ހޫން ލައްވާލީމެވެ.
"ހޫނުފެންކޮޅެއް ނޫނީ ޖިންޖަރ ލެމަން ޓީއެއް ބޯލަނިކޮށް ފަސޭހަވާނެ." ގޭގައި ކުރެވިދާނެ ފަރުވާއެއްގެ ލަފާ ހޫދު ދިނެވެ.
"ކިހިނެއްވީ ތިގުޅީ." އަހަރެން އަހާލީމެވެ.
"ހާލު ބަލާލަން... ތި އަޑު އަހާލަން އެއީތާ ދެއްކޭނެ ބަހަނާއަކީ." ހޫދު މިހެންބުނެ ހީނލި އަޑު އިވުނެވެ.
"ބައްޕަ ބޭނުންވޭ ހޫދުއާ މީޓުކޮށްލަން." އަހަރެން ހޫދު ދެއްކި ވާހަކައަށް ސަމާލުކަން ދޭން ބޭނުންނުވީ އެވެ. އަދި ބައްޕަގެ އެދުން ހޫދަށް ހާމަކުރީމެވެ. އިޝާ ނަމާދުން ފައިބައިގެން އަހަރެންގެ ގެއަށް އޭނާ އަންނާނަން ކަމުގައި ބުންޏެވެ.
"މިގެ ހުންނަތަން އެނގޭތަ." ހޫދުގެ ވާހަކަ ހުރި ގޮތުން އަހަރެން އަހާލީމެވެ. އެއާއެކު އޭނާ ޖަހާލީ ހިނިގަނޑެކެވެ. އޭނާއަށް އަހަރެން އުޅޭ އެޑްރެސް އެނގޭކަން އަންގާލިއެވެ. ފުލުހެއްވީމައެވެ. ފައިސަލްގެ މައްސަލާގައި އަހަރެންގެ މަޢުލޫމާތު ވެސް އެމީހުން ވަނީ ހޯދާފައެވެ.
ފައިސަލްއަށް މުއްދަތު އިތުރުކުރި ވާހަކަ ހޫދު ބުންޏެވެ. އަދި ޖަލުގައި ބަހައްޓާފައި ހުރިކަން ބުންޏެވެ. އޭނާއާ ސުވާލުކޮށްކޮށް އެއްވެސް ވާހަކައެއް ނުދައްކާކަން ހޫދު ބުންޏެވެ. އަދި ފައިސަލްގެ ކޮމްޕިއުޓަރުގައި ހުރި ޑްރައިވްތަކުން ހުރިހާ ޑޭޓާއެއް އެއްކުރެވިފައިވާ ކަމާއި ލިބިފައިވާ ހެކިތައް ބަލަމުންދާއިރު އެތަނުގައި ހޫދާއި ޝާހިދު ވެސް ތިބޭނެކަން ބުންޏެވެ. ޝިފާލީގެ ގަހަނާ ފޮށްޓާ ގުޅިގެން އޭނާގެ ޢާއިލާއަށް އެކަން އަންގާފައިވާކަމާއި އެ ޢާއިލާއިން އެއީ ޝިފާލީގެ ގަހަނާ ފޮށިތޯ ޔަގީން ކުރަން އަންނާނޭކަން ވެސް ހޫދު ބުންޏެވެ. ފައިސަލްގެ ކޭސްއާ ގުޅިގެން ތަހުގީގުގެ މަރުހަލާ ކުރިޔަށް ގޮސްފައި އޮތް ހިސާބުގެ ތަފްސީލު އަހަރެންނަށް ހޫދު ކިޔާދީފިއެވެ. އަހަރެމެންގެ ކޯލު ކުރުކޮށްލީ ދެނެވެ. ފޯނުކޯލު ކަނޑާލިއިރު އަހަރެންނަށް ހޫދު ނުފެނުނު ކަމުގައި ވިޔަސް އޭނާ ހުރީ އަދިވެސް ވާހަކަދައްކާ ހިތުންކަން އަހަރެން ދެނަހުރީމެވެ. ނަމަވެސް އޭނާއާ ދައްކާނޭ ވާހަކައެއް އަހަރެންގެ ނެތެވެ. އޭނާ ކުރާ ސަމާސާތަކަށް ރައްދުދޭނޭ ގޮތެއް ނޭނގެނީއެވެ. ރައްދު ދިނުން ރަނގަޅުކަމަކަށް ވެދާނޭބާއޭ ސުވާލު އުފެދެނީއެވެ.
* * * * *
އިރުއޮއްސި ދުނިޔެ މަތި އަނދިރިވަމުން އައެވެ. އަހަރެންނަށް ނުގުޅިގެން އުޅެނިކޮށް އިތޫ ގުޅައިފިއެވެ. އޭނާގެ ފޯނުކޯލު ނިންމާލި ގޮތަށް އަހަރެން ހުރީ ބެލްކަނީގެ ރެއިލިންގައި ދެ އަތް އަޅުވާލައިގެން ދުނިޔެ ތެރެއަށް ގެއްލިފައެވެ. އެހެން ހުއްޓާ މަންމަ އައިސް ގޮވާލައިފިއެވެ. އަސުރު ނަމާދު ކުރަންބުނެ އެކަން ނުކުރެވިގެން އުޅެނިކޮށް މިހާރު މަޣްރިބު ނަމާދަށް ގޮވަން ތައްޔާރުވީއެވެ. މަންމަ ކުދިކިޔައިގަތެވެ. އަހަރެންނަށް ލިބިފައި ހުރި ގަބުކަން ނަމާދުކޮށްލަނިކޮށް ފިލާފާނޭ ކިޔާ ބަނދިވަރެއް ކިޔައިގަތެވެ. މިސްކިތަށް ދާން ކޮޓަރިން ވުޟޫކޮށްގެން ނުކުތް ބައްޕައަށް މަންމަގެ އަޑު އިވި އަހަރެންނަށް ގޮވާލިއެވެ. ނިކަން މަޑުމައިތިރިކަމާއި ލޯތްބާއެކު ބައްޕަ ވާހަކަދެއްކިއެވެ. މަންމަ ރުޅިނާރުވައި ބަސްއަހަން ބުންޏެވެ. ބައްޕަ އެނބުރި އަންނަންވާއިރަށް މަންމައާއެކީ ގޮސް ނަމާދުކޮށްލައިގެން ހުންނާށޭ ބުނެލިއެވެ. އެއްފަހަރު ވެސް އެފަދަ ކަންކަމަށް އަމުރުކުރުމުން ނޫނެކޭ އަހަރެން ނުބުނަމެވެ. އެހެންވެ މިފަހަރު ވެސް ކުރާނަމޭ ބުނެ ބޯޖަހާލީމެވެ.
"އާނަ. އިރުއޮއްސޭ ވަގުތު ތިތާ ބެލްކަންޏަށް ނުކުމެ ހުންނާނެކަމެއްނެތް. ނަމާދަކީ މަންމައަށް ކޮށްދޭ ކަމެއްނޫން. ދަރިފުޅަށް އެކަމުން ފައިދާވާނީ. ހިތްހަމަޖެހުމާއި ކާމިޔާބުވަނީ ނަމާދުގައޭ ބުނެވުނު އަދަދު ވެސް މަންމައަށް ނޭނގޭ. ދިރުމެއްނެތިފައި މުޅި ދުވަހު މީހާ ތިހުންނަނީ. ރޭގައި ރަނގަޅަށް ނުވެސް ނިދައޭ މަންމަގެ ހިތް ބުނަނީ... ނަމާދުކޮށްލަނިކޮށް ހުރިހާ ބުރަކަމެއް ފިލައިފާނެ. ދޭ ވުޟޫކޮށްލައިގެން އަންނަން. މަންމަ މަޑުކުރާނަން." މިފަހަރު މަންމަގެ އަޑު މަޑެވެ. ކުލުނާއި އޯގާތެރިކަންވިއެވެ.
"ސުންނަތްކާއެކީ މަންމަ ކުރާނީ. އަހަރެންނަކަށް ނޭނގޭ އެހެން ކުރާކަށް." އަހަރެން ބުނެލީމެވެ. އަޑުގައި ފަރުވާކުޑަކަންވީ ގަސްދުގައެއްނޫނެވެ.
"މަންމައާއެކީ ކުރަން ފެށީމާ ދަސްވެދާނެ. މަންމަ ކިޔާ ވެސް ދޭނަން. އެއީ ތި ހީކުރާހާ އުނދަގޫކަމެއްނޫނޭ... ކޮބާ. އެ ގޮވީ ބަންގި. އަނގަގަދަ ނުކޮށް އަވަހަށް ވުޟޫކޮށްގެން އާދޭ... އަވަސްކުރޭ." އަހަރެންގެ ބުރަކަށީގައި އަޅައި ކޮޓަރިއާ ދިމާއަށް މަންމަ ކޮށްޕަންފެށިއެވެ. އޭރު މުޅި ގޭތެރޭގައި ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓީވީއިން ބަންގީގެ އަޑު ގުގުމާލައިފިއެވެ.
އެހާވަރުން މަންމަ އުޅުނީތީ އަހަރެންނަށް މަޣްރިބާއި އިޝާ ކުރެވިއްޖެއެވެ. ދެން ޖެހުނު މައްސަލައަކީ ހޫދު އަންނަން އުޅޭއިރު ޓީޝާޓުގަނޑެއްގައި އަހަރެން ހުރުމެވެ. ރީތިވެލައިގެން ނުކުމެ ހުންނަން މަންމަ ކިޔަންފެށިއެވެ. މަންމަގެ އަނގަ ހުއްޓުވަން އަހަރެން އެކަން ވެސް ކުރީމެވެ. މަޑުމަޑު ނޫކުލައެއްގެ ގަމީހާއެކު ގަދަ ނޫކުލައިގެ ޖިންސެއް ލައިގެން އަހަރެން ނުކުތީ އިސްތަށިގަނޑު ވެސް އޮމާންކޮށް ފަހަތަށް އައްސާލައިގެންނެވެ. ހޫދު އައުމުގެ ކުރީން އަހަރެންނަށް ގުޅައިފިއެވެ.
"އާނަ ބިޒީވާނެތަ މިރޭ." ހޫދު އަހާލިއެވެ.
"މިރޭ ނާދެވެނީތަ." އަހަރެންނަށް ވިސްނުނީ މުޅީން އެހެން އެއްޗެކެވެ.
"މިދަނީ ތިކޮޅަށް. ޓެކްސީގައި މިއިނީ. އާނައާ ވަކިން ވާހަކަދައްކާލަން އެބަޖެހޭ. ވަރަށް މުހިންމު ކަމަކު." ހޫދު ބުންޏެވެ. އަހަރެން ހައިރާންވިއެވެ. މުހިންމު ކޮންކަމެއް ޖެހުނީބާއެވެ. ގެއަށް އައީމާ އަހަރެމެން ދިމާވާނެއެވެ.
"މިކޮޅަށް އައީމަ މީޓުވާނެއެއްނު." އަހަރެންގެ ހިތަށް އެރިގޮތް ހާމަކޮށްލީމެވެ.
"ވަކިން މީޓުކޮށްލަން ބޭނުމީ. އެންމެންގެ ތެރެއަކު އެ ވާހަކައެއް ނުދެއްކޭނެ... ދައްކަން އަހަރެން ބޭނުން ނޫނީ." ހޫދުގެ އަޑުގައި ހުރީ ސީރިއަސްކަމެވެ. އޭނާ ސަމާސާ ކުރަނީކީނޫންކަން އަހަރެންގެ ހިތް ދެނެގަތެވެ.
"އޯކޭ. އެކަމަކު އެހާ ލަސްކޮށްފައި ނުނިކުމެވޭނެ." އަހަރެން ބުނީމެވެ.
ހަތްގަޑި ސާޅީސްފަހެއް ވާން އުޅެނިކޮށް އެޕާޓްމެންޓްގެ ބެލް އަޅާލި އަޑަށް ދޮރު ހުޅުވަން މަންމަ ހިނގައިގަތެވެ. ސޯފާއަށް ދެފައި އަރުވައިގެން ވެއްޓިގަނެގެން އޮވެފައި އަހަރެން ވެސް އަވަހަށް ތެދުވެލީމެވެ. އެ އައީ ހޫދުކަން އެނގޭތީއެވެ. ބައްޕަނަމަ ބެލެއް ނުޖަހާނެއެވެ. ދޮރުހުޅުވައިގެން ވަންނާނީއެވެ. މަންމަ ދޮރު ހުޅުވާލި ހިނދު، ހޫދު ސަލާމް ގޮވާލި އަޑު އިވުނެވެ. މަންމަގެ ތުންފަތް އެއްކޮޅުން އަނެއްކޮޅަށް ދެމިލީ ދަތްއުނގުޅާ ބޭސް އިސްތިހާރެއް ފަދައިންނެވެ. ނިކަން ހިނިއައިސްފައި ހުރެ ސަލާމް ބަލައިގަނެ އެތެރެއަށް ވަންނަން ހޫދު ކައިރިން މަންމަ އެދުނެވެ. ހޫދު ގޮވައިގެން ސޯފާތަށް ކައިރިއަށް އަންނަމުން ބައްޕައަށް އަދި ނާދެވޭކަން މަންމަ ބުނެލިއެވެ. ދެން އިތޫގެ ވާހަކަ މަންމަ ފެށިއެވެ. އެގޭގައި ހައްދާފައި ހުރި ގަސްތައް ފެނި މަންމަ މޮޔަވާވަރުވީއެވެ. މާލޭގައި ބުރިބުރިއަށް ގެ ނަގައިގެން އުޅޭއިރު އެފަދަ ހިތްހަމަޖެހުމެއް ނުލިބޭކަން މަންމަ ކިޔެވެ. ހޫދުގެ ނަޒަރު އެއްފަހަރު ވެސް އަހަރެންނަށް ނުހުއްޓެއެވެ. މަންމަގެ ވާހަކަ ޝައުގުވެރިކަމާއެކު އޭނާ އަޑުއަހަމުންދާ ކަހަލައެވެ. މުލައްދަނޑި ހާމަވާވަރަށް އޮޅާލާފައިވާ އަތްދިގު ގަމީސް ހުރީ ދަށަށް ޖަހާލާފައެވެ. ހޫދުގެ އިސްތަށިގަނޑު ވަނީ ރީތިކޮށް އޮމާންކުރެވިފައެވެ. ހީވަނީ ރަސްމީކަމެއްގައި އުޅެފައި ހަމަ ދެންމެ ނުކުމެގެން އައީ ހެންނެވެ.
"މިއޮއް އައީނު... ހަމީދު ހާދަ ލަސްވީ." އަހަރެން ކައިރިން ސޯފާއިން ތެދުވަމުން މަންމަ ވާހަކަދެއްކިއެވެ.
"ފުރުޣާން މިސްކިތަށް ދިޔައީ. ތަންކޮޅެއް ދިގުކޮށް ކިޔެވީ... ހޫދު. ކިހިނެއްތަ؟." މަންމައަށް ޖަވާބުދީފައި ބައްޕަގެ ސަމާލުކަން ހޫދަށް ހުއްޓާލިއެވެ. ސޯފާގައި އިށީނުމުގެ ކުރީން ހޫދާ ސަލާމްކޮށްލިއެވެ.
"އިހަށް ކާނީ. ކައިގެން ވާހަކަދައްކާލަން ތިބޭނީ." ބައްޕަ ބުންޏެވެ. ހޫދު ހަމައެކަނި ބޯޖަހާލީއެވެ.
"އާނަ. މަންމަ ކަމެއް ބޭނުންވެދާނެ. ދޭބަލަ ބަލާލަން." އަހަރެން ކައިރީ ބައްޕަ ބުނެލިއެވެ. އަހަރެން ފޮނުވާލަން ބޭނުންވީ ކަންނޭނގެއެވެ. ބައްޕަ ބުނީމާ ނުގޮސް ނުކެރޭނެއެވެ. މަންމައެކޭ ހަ އަތް އޮންނަ މީހެކޭ ތަފާތެއްނުވާނެއެވެ. އަހަރެން ކަމެއްކޮށްދޭންވާއިރަށް މަންމަ ހުރިހާކަމެއްކޮށް ނިންމާލާނެއެވެ. އަދި އެވެސް އަހަރެންނަށްވުރެ މާ ފުރިހަމައަށެވެ.
"މި ނިމުނީ. ބައްޕައަށް ގޮވާ. ހޫދު ގޮވައިގެން އަންނާށޭ ބުނޭ." އަހަރެން ބަދިގެއަށް ވަންނައިރަށް މަންމަ ބުނެފިއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ހޫދު ގޮވައިގެން ބައްޕަ ވަނީ ސްޓަޑީއަށެވެ. އެމީހުން ދެއްކީ ކޮންވާހަކައެއްކަން އަހަރެންނަށް އަޑު ނީވުނީ އެހެންވެއެވެ. އެވީ ވަގުތުކޮޅުގައި މަންމަ ފެށީ ހޫދުގެ ވާހަކައެވެ. އޭނާއާ އަހަރެން ދިމާވިކަން އެއީ ނަސީބެއްކަމުގައި މަންމަ ފާހަގަކުރިއެވެ.
"މަންމާ. ހޫދު ބުނި ކަމެއްގައި މިރޭ ބޭރަށް ގޮސްލަން އެބަޖެހޭ. ބައްޕަގެ މީޓިން ނިމުނީމަ." އަހަރެން ބުނެލީމެވެ.
"ކޮންކަމަކު." މަންމަގެ އަޑު ކުއްލިއަކަށް ބަދަލުވެލިއެވެ.
"މި މައްސަލަގަނޑާ ގުޅިގެން." އަހަރެން ބުނީމެވެ.
"ބައްޕަ ކައިރީ ބުނެފައި އެނގޭނީ." މަންމަ ބުންޏެވެ.
ބައްޕައާއި ހޫދު ނުކުންނާނޭ އިރެއްގެ އިންތިޒާރުގައި މަންމައާ ދެ މީހުން ސޯފާގައި ތިބީމެވެ. އެމީހުންގެ ވާހަކަ ނިންމާފައި ނުކުމެގެން ސިޓިންރޫމަށް އައެވެ. މަންމައާއި އަހަރެންނަށް ބައްޕަ ބަލާލިއެވެ. ހޫދާއެކީ އަހަރެން ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބައްޕަ ބުންޏެވެ. ހައިރާންކަމާއެކު އަޖައިބުވެފައި އަހަރެންނަށް ބަލާލެވުނީ ހޫދަށެވެ. އަހަރެންނަށްވުރެ ކުރީން އޭނާ ބައްޕަގެ ރުހުން ހޯދި ގޮތަކާމެދު ސުވާލު އުފެދުނެވެ.
"ގެއާ ހަމައަށް އާނަ ގެނެސްދޭންވާނެ." ބައްޕަ ހޫދަށް ބަލާލާފައި ބުންޏެވެ. އެއާއެކު އޭނާ ލައްބައޭ ބުނެފިއެވެ.
"އާނަ." ހޫދު އަހަރެންނަށް ގޮވާލިއެވެ. ހިނގާށޭ އިޝާރާތްކުރާ ފަދައަކުންނެވެ.
އަތުގައި އޮތް ފޯނު ޖީބަށް ޖަހާލަމުން ހޫދުގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ. މަންމައާއި ބައްޕަ ކައިރީ ލަސްނުވެ އަންނާނަމޭ ބުނެލީމެވެ. އަހަރެމެން ނުކުންނަންދެން ދޮރުކައިރީ މަންމަ ހުއްޓެވެ.
"ކީކޭ ބައްޕަ ކައިރީ ބުނީ." އަހަރެމެން ވަނުމުން ލިފްޓުގެ ދޮރުފަތް ލެއްޕުނު ހިނދު ނިކަން އަވަހަށް ހޫދާ ދިމާއަށް އެނބުރިލައި އަހަރެން އެހީމެވެ.
"އަހަރެން ދައްކަން އޮތީ އާނައަށް އަޑުއަހަން ފަސޭހަވާނެ ވާހަކައެއްނޫން." ހޫދު ބުންޏެވެ. އޭނާގެ މޫނުން ކަމަކާ ގަޔާނުވެފައި ހުރިކަން ފާޅުވެއެވެ.
"ކީއްވެ މޫޑީވީ... ބައްޕަ އެއްޗެއް ބުނީތަ؟." ނުކެރިފައި ހުރި ކަހަލަ ގޮތަކަށް އަހަރެން އަހާލީމެވެ. އަހަރެންނަށް އަޑުއަހަން ފަސޭހަނުވާނެ ވާހަކައަކީ ކޮންކަހަލަ ވާހަކައެއްބާއެވެ.
"ބައްޕައެއްނޫން. އިޓްސް އަބައުޓް ޔޫ... ހައު ކެން ޔޫ... ދެން ނޭނގެ މަށަކަށް. މިގެއިން ނުކުމެވެންދެން މަޑުކުރޭ." ހޫދު ވަރަށް ބޮޑަށް ކަމަކާ ހިތްހަމަނުޖެހިފައި ހުރީ ކަހަލައެވެ. އަހަރެންނަށް އިތުރު ވާހަކައެއް އަހާލާކަށް ނުކެރުނެވެ.
(ނުނިމޭ)