ފައްޔާޒް އިސްމާއީލް

އެމްޑީޕީއަކީ ގަދަ ކަނޑުގައި ދަތުރުކޮށް ކާމިޔާބު ހޯދާ ޕާޓީ: ފައްޔާޒު

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި އެކު އެމްޑީއޭ އިން ހަދާފައިވާ ކޯލިޝަން އުވާލުމާ ގުޅިގެން އެމްޑީޕީގެ މެންބަރުންނަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަރަށް ބޮޑަށް ހިތްވަރު ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު އެމްޑީއޭގެ އިސް ބޭފުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދުރުވުމަށްފަހު މިރޭ ކުއްލި ގޮތަކަށް ވަނީ ކޯލިޝަން އުވާލި ކަމަށް ނިންމާފަ އެވެ.

އެމްޑީއޭގެ ކައުންސިލްގެ އަގުލަބިއްޔަތުން މިރޭ ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒުއަށް ތާއީދުކުރާށެވެ.

އެމްޑީއޭގެ ނިންމުން އިއުލާންކުރިތާ ކުޑައިރުކޮޅެއް ފަހުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއޭގެ ނިންމުމަށް އިހްތިރާމު ކުރާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމްޑީއޭ އިން ކޮށްދީފައިވާ ބުރަ މަސައްކަތްތަކަށް ފައްޔާޒު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ބަލިކޮށް ނުލެވުނު ހިތްވަރެއް ކަމުގައި ވިދާޅުވި އެވެ.

"[އެމްޑީޕީއަކީ] ގުޑުވާ ނުލެވުނު އަޒުމު. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" އެމްޑީޕީގެ މެންބަރުންނަށް ހިތްވަރު ދެއްވާ ފައްޔާޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101،635 ވޯޓު ހޯއްދެވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،000 ވޯޓެވެ.