ވާހަކަ

ގަހަނާ ފޮށި

( 26 ސެޕްޓެމްބަރ 2023 އާ ގުޅޭ )

"އަހަރެން ދައްކަން އޮތީ އާނައަށް އަޑުއަހަން ފަސޭހަވާނެ ވާހަކައެއްނޫން." ހޫދު ބުންޏެވެ. އޭނާގެ މޫނުން ކަމަކާ ގަޔާނުވެފައި ހުރިކަން ފާޅުވެއެވެ.

"ކީއްވެ މޫޑީވީ... ބައްޕަ އެއްޗެއް ބުނީތަ؟." ނުކެރިފައި ހުރި ކަހަލަ ގޮތަކަށް އަހަރެން އަހާލީމެވެ. އަހަރެންނަށް އަޑުއަހަން ފަސޭހަނުވާނެ ވާހަކައަކީ ކޮންކަހަލަ ވާހަކައެއްބާއެވެ.

"ބައްޕައެއްނޫން. އިޓްސް އަބައުޓް ޔޫ... ހައު ކެން ޔޫ... ދެން ނޭނގެ މަށަކަށް. މިގެއިން ނުކުމެވެންދެން މަޑުކުރޭ." ހޫދު ވަރަށް ބޮޑަށް ކަމަކާ ހިތްހަމަނުޖެހިފައި ހުރީ ކަހަލައެވެ. އަހަރެންނަށް އިތުރު ވާހަކައެއް އަހާލާކަށް ނުކެރުނެވެ.

ދަނީ ކޮންތާކަށްތޯ އަހަރެން އަހާލީ ހޫދުއާއެކީ ގެއިން ނުކުތްތާ އިރުކޮޅެއް ފަހުންނެވެ. މިސްރާބު ހުރީ ކޮންދިމާއަކަށް ކަމެއް ނޭނގޭތީއެވެ. މަގުތަކުގައި މީހުން އެހާ ގިނައެވެ. ދުވާރުމަތިން ދެ މީހަކަށް އެއްކޮށް ހިނގާލާފައި ދިއުން ވެސް އޮންނަނީ ދަތިވެފައެވެ. މަގު ހުރިގޮތަށް ދާން ބުނެ ހޫދު ހިނގަމުން އައީ އަހަރެންގެ އެއްފަރާތުން ކުޑަކޮށް ފަހަތަށް ޖެހިލައިގެން ހުރެއެވެ. އަހަރެން އޭނާއާ ނަޒަރު ސީދާ ނުކުރި ކަމުގައި ވިޔަސް ހޫދުގެ ނަޒަރު އަހަރެންނަށް ހުއްޓޭލެއް ގިނަކަން އިޙްސާސް ކުރެވެއެވެ. ހަމައެއާއެކު އޭނާ އިރުއިރުކޮޅުން ހަށިފުރާ ދޫކޮށްލާ ނޭވާގެ އަޑު އަހަރެންނަށް އިވެއެވެ. އައިސްފައި ހުރި ރުޅި މަޑުވޭތޯ ފުންކޮށް ނޭވާލަނީ ނޫންބާއެވެ. އަހަރެން ކުރި ސުވާލަށް އެއްޗެކޭ ނުބުނެ ޖެހިގެން އޮތް މަގަށް އަޅަން ހޫދު ބުނެލިއެވެ. އެއާއެކު އަހަރެންނަށް ޔަގީންވީ އަހަރެމެންނަށް ދެން ނުކުމެވޭނީ ބޭރު މަގަށް ކަމެވެ.

މާލޭގެ ހުޅަނގު ފަރާތުން ބޭރުމަގުގައި ޖަހާފައި ހުރި ރުއްތަކުން ރުކެއްގެ ނިވަލަށް ވާހެން އަހަރެން ގޮވައިގެން ހޫދު އައިސް އިށީނީ މޫދާ ވީ ފަރާތުގައެވެ. ތިރިކޮށް ރަނާފައި ހުރި ތޮށިމަތީ އަހަރެމެން ނޫނަސް މީހުން ތިއްބެވެ. އެހެންވިޔަސް ތިބީ ނިކަން ދުރުގައެވެ. އެއްބަޔަކަށް އަނެއްބަޔަކު ދައްކާ ވާހަކައެއް ލަފާކޮށްލަން ނޭނގޭހާ ދުރުގައެވެ. ހޫދު ވާހަކަދައްކާނޭ އިރަކަށް އަހަރެން ބަހެއް ނުކިޔާ އިނީމެވެ. އޭނާ އެހާ ހިތްހަމަނުޖެހިގެން އުޅޭ ސަބަބެއް އަހަރެންނަށް ބުނަން ނޭނގޭތީއެވެ. އަދި އަހަރެންނަށް ބުނެވޭ އެއްޗަކުން އޭނާ އިތުރަށް ނުރުހުންފާޅުކޮށްފާނެއެވެ. އެގޮތް އަހަރެން ބޭނުމެއްނޫނެވެ.

"ކީއްވެ އަހަރެންނަށް ދޮގު ހެދީ؟." ސީރިއަސް ބެލުމަކުން އަހަރެންނަށް ކަޅި ހުއްޓާލައިގެން އިނދެ ހޫދު ބުންޏެވެ.

"ކޮން ދޮގެއް؟." ހޫދަށް ދޮގެއް ހަދާފައި އޮތްކަމެއް ހަނދާނެއްނުވެއެވެ.

"އާނަ... ވައި..." ހޫދު ބުނެލީ ތަންކޮޅެއް މަޑުމަޑުންނެވެ. އަހަރެންނަށް ވާނުވާ ރެއަކާނުލާތީ ލިބިފައިވާ ހައިރާންކަންވީ އިތުރެވެ. ބުނަންވީ އެއްޗެއް ނޭނގިފައި ހޫދަށް ބަލަން އަހަރެން އިނީމެވެ.

"އަހަރެން ކައިރިވީމަ އާނަ ކަންތައް ކުރިގޮތް ހަނދާން އެބަހުރިތަ؟." ހޫދު ބުންޏެވެ. އެ ހަނދާން ވުމާއެކު އަހަރެންނަށް ދެބުމަ ކައިރިކޮށްލެވުނެވެ.

"ސޮރީ... ކުއްލިއަކަށް އެ ވާހަކަ ތިދެއްކީ ކީއްވެ. އޭރު... ހޫދު..." އަހަރެންނަށް އިތުރަކަށް ނުބުނެވުނެވެ. އެ ހާދިސާ ހިނގިއިރު ރުޅި އާދެވުނަސް ހޫދު ކުރި ކަންތަކަށް އަހަރެން މިހުރީ މަޢާފު ދީގެންނެވެ. އޭރު ހޫދަކީ އަހަރެންނަށް އެއްވެސް މީހަކަށް ނުވިޔަސް މިހާރު އަހަރެންނަށް ޤަބޫލުކުރެވެނީ އަހަރެމެންގެ ދެމެދުގައި ކޮންމެވެސް ސިފައެއްގައި އެކުވެރިކަމެއް އުފެދިއްޖެކަމެވެ. ޚާއްޞަކޮށް ހޫދު އަހަރެންނާ މެދު ބަހައްޓާ ގާތްކަން ފާހަގަކުރެވެން ފަށައިފިއެވެ.

"އޭރު އެއީ އަހަރެންވީމަ. އެހެންނު... އާނަ ބުނެބަލަ. ފައިސަލްއާއެކީ އާނަ އުޅުނީ ކިހިނެއް. ތި ދެމީހުން އެއްކޮޓަރީގައި ނުނިދަންތަ؟. ފައިސަލްއާއެކީ ހުރިހާ އިމެއް ފަހަނައަޅައި ނުދަންތަ؟." ހޫދު ވާހަކަދައްކަނީ މަޑުން ވިޔަސް އެ އަޑުގައިވަނީ ހަރުކަށިކަމެވެ.

"ކީއްވެ އެއްޗެއް ނުބުނީ. ހަޤީޤަތްވީމަތަ... މާލެއަށް ނާންނަނީސް އަހަރެން އާނަ ކައިރީ އެހީން ފައިސަލްއާއެކީ އޮތް ގުޅުމާމެދު. ތި ދެމީހުން ކަމެއްކުރީންތޯ. ޝިފާލީގެ ވީޑިއޯތައް ބެލިއިރު އޭގައި ހުރީ ކޮންކަހަލަގެ ވީޑިއޯއެއްކަން އެނގޭތަ. ޝިފާލީއާއެކު ކޮޓަރިތެރޭގައި ފައިސަލް ހިންގި ހުރިހާ ގުޅުމެއްގެ ވީޑިއޯ... އޭނާ ފާޚާނާގައި ފެންވަރަން ހުރި ވީޑިއޯ... ގައިމު ފާޚާނާގައި ފެންވަރަށް މީހަކު ހުންނާނީ މަތިމަތިން ހެދުން ލައިގެންނެއްނޫން. މިވަރަށް ބުނީމަ އާނިޔާއަށް އެނގޭނެ މިދައްކަނީ ކޮންކަހަލަ ވީޑިއޯތަކެއްގެ ވާހަކަކަން. ޝިފާލީގެ ބަރަހަނާ ވިޑިއޯތަކެއް ހުރިއިރު އަހަރެމެންނަށްވަނީ އާނަ ހުރި ކޮޓަރިން ވެސް ކެމެރާތައް ފެނިފައި." ހޫދު ދައްކަމުންދިޔަ ވާހަކައިން އަހަރެންގެ ހިތަށް އުނދަގޫވޭ މީހާ ފިނިވާންފެށިއެވެ.

"ނޫން... ނުހުންނާނެ... އަހަރެންގެ އެއްވެސް ވީޑިއޯއެއް ނުހުންނާނެ." އަހަރެން އިސްއޮބާލައިގެން އިނދެ ތަކުރާރުކޮށްލީމެވެ.

"އެހެންވީރު އަހަރެންނަށް ފެނުނީ ކޯއްޗެއް." ހޫދު ބުނެލިއެވެ. އެއާއެކު އަހަރެންނަށް ވަގުތުން އޭނާއާ ނަޒަރު ސީދާކޮށްލެވިއްޖެއެވެ.

"ހޫދަށް ފެނުނީއޭ..." އަހަރެންނަށް އަހާލެވުނެވެ.

"އަހަރެން އެކަންޏެއްނޫން. ޝާހިދު ސަރއާއި އެތައް ބައެއް ބަލަން ތިބި." އަހަރެންގެ ދެ ލޮލަށް ސީދާ ބަލަން އިނދެ ހޫދު ބުނެލީ ރިހުން އެކުލެވިގެންވީ އަޑަކުންނެވެ. އަހަރެންގެ އަނގައިން ސިހުމުގެ އާހެއް ނުކުތީ ބޭއިޚްތިޔާރުގައެވެ. ބޯހޫރުވަން އަހަރެން ފެށީމެވެ. އެހެނެއްނުވާނޭ ބުނާށެވެ. އިށީނދެ އިންނަން އުނދަގޫވެގެން އަހަރެން ފުންމައިގެން ތެދުވީމެވެ. އެހިނދު ހޫދު އަހަރެންގެ އަތުކުރީގައި ހިފާލިއެވެ. އަހަރެން ހިނގައިދާނެތީ ކަހަލައެވެ.

"ނުހުންނާނެ... ނުހުންނާނެ އެއްވެސް ވީޑިއޯއެއް." އަހަރެން ބުނަން ފެށީމެވެ. ނަމަވެސް އަހަރެންގެ ޟަމީރު ހިތާއި ސުވާލު ކުރަނީއެވެ. ސިކުނޑި ވެސް އެއްބައިވިއެވެ. ހޫދަށް ފެނުނީ ކޮންއެއްޗެއްބާއެވެ. އަހަރެންގެ ވީޑިއޯ ފައިސަލްގެ ކޮމްޕިއުޓަރުގައި ހުރިކަން އެނގޭނީ ހަމައެކަނި އަހަރެންނަށެވެ. އެއްވެސް މީހަކަށް އެ ވީޑިއޯތައް އަހަރެން ޑިލީޓްކުރިކަމެއް ނޭނގޭނެއެވެ. ނޫނެވެ. އެނގޭނެ އެކަކު އެބަހުއްޓެވެ. އެކަން ކުރި މީހާއެވެ.

"ފައިސަލް ވާހަކަދެއްކީތަ؟." އަހަރެން ކުއްލިއަކަށް އަހާލީމެވެ. އަހަރެންނަށް އަންނަމުންދިޔަ ބަދަލުތަކަށް ހޫދު ބަލަމުންދިޔައީ ފަރުވާތެރިކަމާއެކުކަން އެނގުމުން ވަކިން ބޮޑަށް ހާސްވާގޮތް ވާންފެށިއެވެ.

"އާނަ... މިތާ އިށީނދެބަލަ." އަހަރެންގެ އަތަށް ދަމާލަމުން އިހު އިށީނދެ އިން ތަނަށް ހޫދު ބޮލުން އިޝާރާތްކޮށްލިއެވެ. ނޫނެކޭ ބުނަން އަހަރެން ބޯހޫރާލީ ނިކަން އަވަށެވެ. އަދި އަނެއްކާވެސް ހޫދާ ސުވާލު ކުރީމެވެ. ތަހުގީގުގައި ފައިސަލް އެއްޗެކޭ ބުނީތޯ އެހީމެވެ.

"ފައިސަލް ވާހަކަ ދެއްކިއެކޭ ނޫނެއްނު މިބުނަނީ. ބަލަ ވީޑިއޯގައި ހުރީ އާނިޔާއޭ... ތި އާނިޔާ. ފައިސަލްއާއެކީ އެއްއެނދުގައި ނިދާފައި. ފައިސަލްއާ ދެމީހުން..."

"ނޫން. ނޫނެކޭ... ޤަބޫލެއްނުކުރާނަން... ނުހުންނާނެ އަހަރެންގެ ވީޑިއޯއެއް." ހޫދުގެ ވާހަކަ އަޑު ނާހަން ދެކަންފަތުގައި އަތްއަޅަމުން ވާހަކަދެއްކުނު ކުޑަކޮށް ހަޅޭލަވާ އުސޫލުންނެވެ.

"އާނަ... އާނަ... އޯކޭ. ފައިން... އިހަށް އިށީނދެބަލަ. ޕްލީޒް." ހޫދު ތެދުވެ އަހަރެންގެ ކޮނޑުގައި ހިފާލިއެވެ. ވާހަކަދެއްކީ މަޑުމައިތިރިކަމާއެކީއެވެ. ކުރީން ހުރި ނުރުހުމާއި ހަރުކަށިކަން އޭނާ ދޫކޮށްލިއެވެ. އިށީނުމަށް އެދި އަހަރެންގެ ގާތުން އަދިވެސް އެއްފަހަރު އޭނާ އާދޭސްކޮށްލިއެވެ. އެ އާދޭސް ޤަބޫލުކޮށް އަހަރެން ތޮށިގަނޑު މަތީ އިށީނީމެވެ. އަހަރެންގެ ކައިރީ ކުރީން ވެސް އިންހެން ހޫދު އިށީނދެއްޖެއެވެ. މިފަހަރު އޭނާ އިނީ ތަންކޮޅެއް ބޮޑަށް އަހަރެންނާ ދިމާއަށް އެނބުރިލައިގެންނެވެ.

"ކީއްވެ ވީޑިއޯއެއް ނުހުންނާނެއޭ ތިބުނަނީ. ހާޑްޑްރައިވްތަކުން ފުހެލާ އެއްޗެހި ރިކަވާ ކުރުމަކީ މިހާރު އުނދަގޫކަމެއް. ޚާއްޞަކޮށް ފޮރެންސިކްގެ އެހީގައި އެކަހަލަ ކިތަންމެ ހެއްކެއް ހޯދޭނެ." ހޫދު ބުންޏެވެ.

"އެކަމަކު... އަހަރެން ޑިލީޓް ކުރީމޭ. ހުރިހާ އެއްޗެއް ޑިލީޓް ކުރިން." މިހެން ބުނިއިރު އަހަރެންގެ އަޑު ކުރެހިއްޖެއެވެ. ދެ ލޯ ފެންކަޅިވެއްޖެއެވެ. ދެތުންފަތް ބައްދާލައި ބާރުކޮށްލީމެވެ. ނަމަވެސް ކަރުނައެއް ނުހިފެއްޓުނެވެ. އަހަރެންނަށް ކުރެވުނީ ބޭކާރުކަމެކެވެ. އެކަން މިއެނގުނީ އަދިކިރިޔާއެވެ.

"ހޭއި..." އަހަރެންނަށް ރޮވެންފެށުނު ހިނދު ހޫދު ގޮވާލިއެވެ. އަހަރެންގެ ދެއަތުގައި ހިފާލިއެވެ. ނަމަވެސް އެ ދެއަތުގެ ތެރެއިން އަތް ނެގުމާއެކު އަހަރެންގެ މޫނު ދެ އަތުން ނިވާކޮށްލީމެވެ.

"ހުރިހާ ވީޑިއޯއެއް ރިކަވަރއެއް ނުވޭ. ފައިލްތައް ހުރީ ކޮރަޕްޓްވެފައި... ކިރިޔާ ބަލާލެވޭވަރުވީ ދެ ވީޑިއޯ. އެކަމަކު އެވެސް އެއްކޮށެއްނޫން. ތަންތަންކޮޅުން ފެންނަވަރަށް ލިބުނީ. އެއްވީޑިއޯގައި ފެނުނީ ދެމީހުން ނިކަން ގައިގޯޅިވެގެން އުޅެނިކޮށާއި ނިދާފައި ތިބިތަން. އަނެއް ވީޑިއޯގައި އާނަ ހެދުން ލާން ހުރީ... އަރާފައި ހުރީ ފުރަގަހުން." ހޫދުގެ އަޑު އިހުނަށްވުރެ ވެސް މަޑުވިއެވެ.

އަހަރެންގެ ރުއިން ގިސްލުމަކަށް ބަދަލުވިއެވެ. ހޫދުގެ ޠަބީޢަތަށް އައި ބަދަލު މިހާރު އަހަރެންނަށް ވިސްނިއްޖެއެވެ. އަހަރެންގެ ޢަމަލުތަކާމެދު އިންތިހާއަށް ދެރަވެ ލަދުގެންފައިވީމެވެ. ހޫދު މަޑުމަޑުން އަހަރެންނަށް ގޮވާލިއެވެ.

"އަހަރެންނަށް އެނގުނީ މާފަހުން... އެއްވެސް މީހަކަށް ފެންނާކަށް ބޭނުމެއްނޫން." ގިސްލަމުން އަހަރެން ވާހަކަދެއްކީމެވެ.

"އާނަ އަހަރެން ކައިރީ ކުރީބައިގައި ބުނިނަމަ. ސީންއިން ނަގައިގެން ގެންދާ އެފަދަ އެއްޗެހި ޗެކުކުރާނެ. ހޯދެން ހުރި ގޮތަކަށް ހޯދަން މަސައްކަތްކުރާނެ. ނަސީބެއް ހުރިހާ ވީޑިއޯއެއް ފެންނަގޮތް ނުވިކަން... އެހެންވިޔަސް ތި ދެ މީހުންގެ ގުޅުން އޮތީ ކިހިނެއްކަން ބުނަން އެ ފެނުނު ކުޑަ މަންޒަރުކޮޅު ވެސް ފުދޭ. އާނަ އެހިސާބަށް ގުޅުން ގެންދާނޭ އަހަރެން ހިތަށް ނާރާ... އައި ވޯޒް ނޮޓް އެކްސްޕެކްޓިން ދެޓް... އިޓް ހާޓްސް މީ. ލަދުވެސް ގަތް... ވަރަށް ދެރަ ވެސް ވީ. އަހަރެންނަށް މަނާކުރުމަށްފަހު އެ ދަރަޖައަށް ފައިސަލްއާއެކު ދާން އާނައަށް އޯކޭވީމަ. ހަމަ އެހާ ލޯބިވީތަ އޭނާދެކެ." ހޫދު ބުންޏެވެ. އޭނާގެ އެ ވާހަކައިން އަހަރެން ވަކިން ބޮޑަށް ދެރަވިއެވެ. ރުއިން ވެސް ގަދަވިއެވެ. އެހެންވިޔަސް ހޫދަށް އެބުނެވުނީ މުޅިއަކުން ތެދެއްނޫނޭ ބުނާން އަހަރެން ދެ ފަރާތަށް ބޯހޫރާލީމެވެ. އަހަރެން ފައިސަލްދެކެ ހަޤީޤީ ލޯބިވެވުނުނަމަ އޭނާއާ ދުރަށްދާން ޖެހުމުގެ ހިތާމަ ކޮންމެވެސް ސިފައެއްގައި އަހަރެން ކުރާނެއެވެ. އެއީ ނުވާކަމަށް ހަދައި އެމީހާގެ މަތިން ހަނދާންނައްތާލަން އަހަރެންނަށް ފަސޭހައެއް ވެސް ނުވީހެވެ. މިވަގުތު ވެސް އަހަރެން ހިތް ރޮމުންދިޔައީ ފައިސަލްއަށް ޓަކައެއް ނޫނެވެ. ހިތަށް މިލިބޭ ދަތިކަމުގެ އަސްލު ގުޅިފައިވަނީ ހޫދާއެވެ.

އަހަރެން ކައިރީ ނުރޯށޭ ހޫދު ނުބުނެއެވެ. އަހަރެން އަމިއްލައަށް ހުއްޓާލަންދެކަށް އޭނާ ހިމޭންކަމުގައި އިނީއެވެ. ނަފްސު ހަމައަކަށް އެޅުމުން އަހަރެން މޫނު ފުހެލާފައި ދެ އަތް ތިރިކޮށްލީމެވެ. ހޫދާ ނަޒަރު ސީދާކޮށްލާކަށް ނުކެރުނެވެ.

"ސޮރީ." އިސްއުފުލާލަން ނުކެރި އިނދެ އަހަރެން ބުނީމެވެ. ހޫދު ވަކިއެއްޗެއް ނުބުންޏެވެ.

"ދެން... ދެން ކިހިނެއްވާނީ..." އަހަރެން އަހާލީމެވެ.

"އާނިޔާއަށް ނޭނގިކޮށްފައި ހުރިކަމެއް ކަމުގައި ނިންމާނީ." ހޫދު ބުންޏެވެ.

"ލީކުވާނެތަ." އަހަރެންނަށް އަހާލެވުނެވެ. ހިތުގައި އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ އެއީއެވެ.

"އާނިޔާ މިކަން ހިނގި ގޮތް އެއްކޮށް ކިޔާނުދޭކަން އަހަރެންނަށް އެނގޭ. ކޮންމެވެސް ކަމެއް ސިއްރު ކުރި... އަހަރެންނަށް ހަމަ އިތުބާރު ނުކުރެވެނީތަ؟." ހޫދު އަހާލިއެވެ. އަހަރެން ދެ ފަރާތަށް ބޯހޫރާލީމެވެ.

"އިތުބާރު ކުރެވޭ." އަހަރެން ބުނީމެވެ.

"އެހެންވީރު ކިޔާދީ. ހުރިހާކަމެއް ހިނގައިދިޔަ ގޮތް... މީ ދެ ރަޚުމަތްތެރީންގެ ދެމެދުގައި ބަދަލުކުރެވޭ ވާހަކައެއް. މިވަގުތު އަހަރެން މިހެން މިއަހަނީ ފުލުހެއްވީމައެއްނޫން. އަހަރެން ބޭނުން އާނަގެ ސަބަބުތައް އަންޑަސްޓޭންޑްވާން. އެކަމަކު ފުލް ސްޓޯރީ ނޭނގި ބްލައިންޑްލީ ޓްރަސްޓް ކުރާނީ ކިހިނެއް. އައި ވިލް ޕްރޮކްޓް ޔޫ. އައި ވިލް އޯލްވޭސް ޕްރޮކެޓް ޔޫ. އާނަ އަހަރެންނަށް އިތުބާރުކޮށްފިނަމަ އެ އިތުބާރު ދުވަހަކުވެސް ގެއްލުނަކަ ނުދޭނަން." ހޫދު ބުންޏެވެ.

(ނުނިމޭ)