އިލެކްޝަންސް ކޮމިޝަން

ބާތިލު ވޯޓު ގިނަވާ މައްސަލައަށް އީސީން ހައްލު ހޯދަނީ

ބާތިލު ވޯޓާ ގުޅޭ މައްސަލަތަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހައްލު ހޯދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެ އެެވެ.

ރިޔާސީ އިންތިހާބު 2023ގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ބާތިލު ވޯޓު ގިނަކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ބާތިލު ވޯޓު ގިނަވުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ކޮމިޝަނުން މިކަމުގެ ހައްލު ހޯދާނެ،" ހަބީބު ވިދާޅުވި އެވެ

އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލު ވޯޓުގެ ގޮތުގައި 4،835 ވޯޓެއް ކަނޑައަޅާފައިވާއިރު ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބާތިލު ވޯޓުގެ އަދަދު 7،374 އަށް އަރަ އެވެ.

މީގެ އިތުރުން ހަބީބު ވަނީ އެއް އިންތިހާބަށްވުރެ އަނެއް އިންތިހާބު ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެއް އިންތިހާބެއްގެ ތަޖްރިބާގެ އަލީގައި އަނެއް އިންތިހާބެއްގައި ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން ކަންތައްތައް ތަރުތީބުކޮށް އިސްލާހު ކުރުމަށް ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް، ބަޖެޓްގެ ތާށިކަމާހުރެ، އެންމެ ފުރިހަމައަށް، އެންމެ ބާރު ސްޕީޑްގައި ކަންތައްތައް ނުވެހުރޭ،" ހަބީބު ފާހަގަކުރެއްވި އެވެ.