ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އަލުން އެކުލަވާލައި މާދަމާ އާންމުކުރުމަށްފަހު މިމަހު 14 ވަނަ ދުވަހު ރީރަޖިސްޓްރީވުމަށް އަލުން ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީ އިން ކުރިން ނިންމާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ.
މަޖިލިސް އިންތިހާބު ފަސްކުރަން އީސީ އިން ނިންމީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ ބިލް އޮތްގޮތަށް މަޖިލީހުން ދެވަނަ ފާސްކުރުމާ ގުޅިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މަޖިލިސް އިންތިހާބު ފަސްކުރުމާ ގުޅިގެން 560 މީހަކަށް އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންދާ ކަމަށެވެ. މިބަދަލާ އެކު މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 284،887 މީހުންނަށް އިތުރު ވާނެ އެވެ.
ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓް މާދަމާ އާންމުކުރި ނަމަވެސް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އިންތިހާބު ފަސްކުރުމަށް ވޯޓުލުމުގެ ހައްގު ލިބުނު 560 މީހުންގެ ލިސްޓަށް އެކަންޏެވެ. ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ޒަކަރިއްޔާ ވިދާޅުވީ ރީރަޖިސްޓްރީއަށް ފުރުސަތު ހުޅުވާލީ މިމަހުގެ 14 އިން 17 އަށެވެ. މިމުއްދަތުގައި ރީރަޖިސްޓްރީ ކުރާ އަަދަދުތަކަށް އަންނަަ ބަދަލާ ގުޅިގެން ރާއްޖެ އިން ބޭރުގައި އަދި ބައެއް ރިސޯޓްތަކުގައި އިތުރު ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު އޮތުމުން ވޯޓު ފޮށީގެ ޖުމްލަ އަދަދަށްވެސް ބަދަލު އައުމަކީ ވެދާނެ ކަމެއް ކަމަށް އީސީ އިން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް އަދި މިހާތަނަށް ރީރަޖިސްޓްރީ ކޮށްފައިވަނީ މެލޭޝިއާ އާއި ސްރީލަންކާގައެވެ. ބޭރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ 150 އަށް ވުރެ ގިނަ ދިވެހިން އެ ގައުމެެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމުންނެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ.