ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބު ރޯދަ ފަހަށް ފަސްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސްގެން ރޯދަ މަސް ނިމުމުން އެ ދުވަހުން ފެށިގެން އޭގެ 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ފަސްކުރުމަށް މިމަހުގެ 11 ވަނަ ދުވަހު މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ނުކުރައްވާ އެ އިސްލާހާ މެދު މެންބަރުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އިސްލާހު އެ އޮތްގޮތަށް މަޖިލީހުން މިއަދު ފާސްކޮށްގެންނެވެ.

ރޯދަ ފަހުން އިންތިހާބު ފާސްކުރުމަށް މަޖިލީހުން ކުރިން ފާސްކުރި އިސްލާހު އެ އޮތްގޮތަށް ފާސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. މިހުށަހެޅުން ފާސްވީ މަޖިލީހުގެ 47 މެންބަރުންގެ ތާއީދާ އެކު އެވެ.

މަޖިލީހުން މިއިސްލާހު މިއަދު ދެވަނަ ފަހަރަށް ފާސްކުރުމާ ގުޅިގެން މި އިސްލާހު ގެޒެޓް ކުރަން ލާޒިމުވާނެ އެވެ. އަދި އިންތިހާބު ބާއްވާނެ އާ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރަން މަޖުބޫރުވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން އިންތިހާބު ބާއްވަން ނިންމާފައި އޮތީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ.