ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ފޮށްޓާއި ގުޅޭ ޝަކުވާއަށް ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް ރަޖިސްޓަރީކޮށްފައިވާ ފޮށްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އީސީން ބުނީ މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށީގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.

އީސީން ބުނި ގޮތުގައި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އެވެ.

ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް މެއިލްކޮށްގެން އަދި އިންތިހާބާބެހޭ މަރުކަޒު -- ދަރުބާރުގެއިން ޝަކުވާ ފޯމު ބަލައިގަންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައި ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނު ފަސްކޮށްފަ އެވެ. މިއިސްލާހަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިބިލް ތަސްދީގު ކުރެއްވުމުންނެވެ.