ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މެންބަރު އަހްމަދު ރަޝީދު ނަން ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އަހްމަދު ރަޝީދު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވުމަށްފަހު އަނބުރާ ނަން ގެންދަވައިފި އެވެ.

އަހްމަދު ރަޝީދު ނަން ގެންދަވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ޔަގީންކޮށްދެ އެވެ.

އަހްމަދު ނަން ގެންދެވި ވަކި ސަބަބެއް އޭނާވެސް އަދި އޭނާ ނިސްބަތްވާ ދަ ޑިމޮކްރެޓްސް އަކުންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު މިިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ހަމަވިއިރު އިންތިހާބުގައި ވާދަކުރުމަށް 381 ފޯމު ހުށަހަޅާފައިވެ އެވެ. ނަމަވެސް ނުވަ މީހެއްގެ ފޯމު ކޮމިޝަނުން ބަލައިގެންފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ބޭފުޅަކު ފަހުން އަނބުރާ ނަން ގެންގޮސްފައިވާ ކަމަށެވެ. އެއީ އެމްޑީޕީން މުލަކު ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓާއި، ޕީއެންސީ އިން ގައްދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓާއު، ޑިމޮކްރެޓްސް އިން ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި އަހްމަދު ރަޝީދުގެ އިތުރުން އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓެކެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަތް ޕާޓީއަކުން ޖުމްލަ 238 ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ 22 އަންހެނުންނާއި 216 ފިރިހެނުންނެވެ.

މަޖިލިސް 2024 އަށް ކެންޑިޑޭޓުން ކުރިމަތިލި ގޮތް

  • އެމްޑީޕީ: 6 އަންހެން، 84 ފިރިހެން، ޖުމްލަ 90
  • ޕީއެންސީ: 2 އަންހެން، 87 ފިރިހެން، ޖުމްލަ 89
  • ޑިމޮކްރެޓްސް: 12 އަންހެން، 27 ފިރިހެން، ޖުމްލަ 39
  • ޖޭޕީ: 2 އަންހެން، 8 ފިރިހެން، ޖުމްލަ 10
  • އޭޕީ: 4 ފިރިހެން، ޖުމްލަ 4
  • އެމްޑީއޭ: 4 ފިރިހެން، ޖުމްލަ 4
  • އެމްއެންޕީ: 2 ފިރިހެން، ޖުމްލަ 2
  • އަމިއްލަ ގޮތުން: 20 އަންހެން، ފިރިހެން 110، ޖުމްލަ 130

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކޮށްފައިވަނީ 386 ކެންޑިޑޭޓުންނެވެ. އެއީ 43 އަންހެންނާއި 343 ފިރިހެނުންނެވެ. ނަން ނެނގި ބޭފުޅުން ނުލައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަނީ 368 ކެންޑިޑޭޓުންނެވެ. އެއީ 42 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.