ރައްޔިތުންގެ މަޖިލިސް

އިންތިހާބު ފަސްކުރާ ބިލު ތަސްދީގުކުރުން އަވަސްކުރަން ގޮވާލާ ކުއްލި މައްސަލައެއް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހާ ދިމާވާތީ އެ އިންތިހާބު ފަސްކުރުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ތަސްދީގުކުރުން އަވަސްކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 23 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ.

އިންތިހާބު ފަސްކުރަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

އެ ބިލު ތަސްދީގުކުރަން މިމަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ކަމަށް މެންބަރު މުހައްމަދު ވަހީދު ވިދާޅުވި އެވެ.

"މި ބިލު ފޮނުވިތާ މިޙާރު ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މި ބިލު ތަސްދީގުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް މިއަދާ ހަމައަށްވެސް ރައްޔިތުންނަށް ލިބިފައިނުވޭ،" ވަހީދު ވިދާޅުވި އެވެ.

ބިލު ތަސްދީގުކުރަން ފޮނުވާފައިވަނިކޮށް އައްޑޫސިޓީ ހުޅުމީދޫގައި މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ވަހީދު ފާހަގަކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ނ. ގެ ދަށުން ބިލު ތަސްދީގުނުކޮށް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާނުލައްވާ ވަގުތު ބޭކާރުކޮށް ބިލު ހިފަހައްޓަވައިގެން ހުންނަވަނީ ސަރުކާރުން ބޭނުންވާ ގޮތަށް މާޗްމަހުގެ 17 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ބެލެވޭ،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މަޖިލިސް އިންތިހާބު ރޯދަމަހާ ދިމާވާތީ ރޯދައިގެ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ފާސްކުރީ ރޯދަ މަހު އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ހައްލު ހޯދުމަށް ކަަމަށެވެ.