ވާހަކަ

ގަހަނާ ފޮށި

( 28 ސެޕްޓެމްބަރ 2023 އާ ގުޅޭ )

"އިތުބާރު ކުރެވޭ." އަހަރެން ބުނީމެވެ.

"އެހެންވީރު ކިޔާދީ. ހުރިހާކަމެއް ހިނގައިދިޔަ ގޮތް... މީ ދެ ރަޚުމަތްތެރީންގެ ދެމެދުގައި ބަދަލުކުރެވޭ ވާހަކައެއް. މިވަގުތު އަހަރެން މިހެން މިއަހަނީ ފުލުހެއްވީމައެއްނޫން. އަހަރެން ބޭނުން އާނަގެ ސަބަބުތައް އަންޑަސްޓޭންޑްވާން. އެކަމަކު ފުލް ސްޓޯރީ ނޭނގި ބްލައިންޑްލީ ޓްރަސްޓް ކުރާނީ ކިހިނެއް. އައި ވިލް ޕްރޮކްޓް ޔޫ. އައި ވިލް އޯލްވޭސް ޕްރޮކެޓް ޔޫ. އާނަ އަހަރެންނަށް އިތުބާރުކޮށްފިނަމަ އެ އިތުބާރު ދުވަހަކުވެސް ގެއްލުނަކަ ނުދޭނަން." ހޫދު ބުންޏެވެ.

އަހަރެން ދައްކާ ވާހަކަތައް ހޫދު ޤަބޫލުކުރުމާއި ނުކުރުން ބުނާކަށް އަހަރެންނަކަށް ނޭނގެއެވެ. އޭނާއަށް އިތުރަށް ސިއްރުކުރާނެ ސަބަބެއް ވެސް މިހާރަކު ނެތެވެ. ފައިސަލް ރިކޯޑުކުރި ވީޑިއޯތަކުގައި އަހަރެންގެ ބަރަހަނާ މަންޒަރުތައް ހުއްޓެވެ. ހުރިހާ ވީޑިއޯއެއް ނައްތާލަން އަހަރެން އެހާ ބޮޑަށް ބޭނުންވީ އެހެންވެއެވެ. ފައިސަލްދެކެ އިންތިހާއަށް ޖެހިލުންވެ ބިރުގެންފައި ހުރެ ވެސް އަހަރެން އެ ފުރުޞަތު ހޯދީ އެ ސަބަބާ ހުރެއެވެ. އެކަމަކު އަހަރެންގެ އެ މަސައްކަތް މިވީ ބޭކާރު ކަމަށެވެ. ވީއިރު ހަޤީޤަތަށް ކަންވީގޮތް ހާމަނުކުރަންވީ ކީއްވެ ހެއްޔެވެ.

އިސް އޮބާލައިގެން އިނދެ އަހަރެން ހުރިހާ ވާހަކައެއް ހޫދަށް ކިޔާދިނީމެވެ. ޝިފާލީގެ ސޫރައިގައި ހުރި މަހުލޫގުގެ ވާހަކަ ވެސް މެއެވެ. އެ މަހުލޫގާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ އޭނާއަކީ އިންސާނާ އުފަންވާ ވަގުތުން ފެށިގެން އެ އިންސާނާއާއެކީ އުޅޭ ރޫހާނީ މަހުލޫގެއް ކަމެވެ. އެމީހުންނަށް "ޤަރީން"އޭ ކިޔާކަމެވެ. ފައިސަލްގެ ހަޤީޤަތް އަހަރެންނަށް ކިޔާދިނީ އެ މަހުލޫގުކަން ބުނީމެވެ. އަދި އަހަރެންނަށް އިރުޝާދު ދިނީ ވެސް އޭނާކަމެވެ. އަހަރެން ކައިރީ ފައިސަލްގެ ހަޤީޤަތް އޭނާ ހާމަކުރީ ކޮންމަޤްޞަދެއްގައި ކަންވެސް ބުނީމެވެ. އެ މަހުލޫގު ދެއްކި މަންޒަރުތަކުން ޝިފާލީ މަރާލާފައި ފައިސަލްވަނީ ކިހިނެއްކަން ކިޔާދިނީމެވެ. އަދި މަރާލުމަށްފަހު ޝިފާލީގެ ހަށިގަނޑާމެދު އޭނާ ޢަމަލުކުރި ގޮތް ވެސް ކިޔާދިނީމެވެ.

އަހަރެންގެ ވާހަކަ އަޑުއަހާފައި ހޫދު ހަށިގަނޑު ތެދުކޮށްލިއެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލުމާއެކު އޭނާ ބޮލުގައި އިނގިލިތައް ހިންގާލިއެވެ. ދެން ނިތްކުރީގައި އިނގިލިތަކުގެ ކޮޅުން އޮބާލިއެވެ. ކޮންމެ އިންސާނަކަށް އަހަރެން ދެއްކި ވާހަކަ ޤަބޫލުކުރާކަށް ފަސޭހައެއްނުވާނެއެވެ. އަހަރެންގެ ބުއްދި އެވަރު އަހަރެންނަށް އަންގައިދިނެވެ. އެހެންވިޔަސް އަހަރެން ބަހެއް ނުކިޔާ ހިމޭނުން އިނީ ހޫދު ނިންމާނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ. އޭނާ ބުނާނޭ އެއްޗެއްގެ އިންތިޒާރުގައެވެ.

"ހަށިގަނޑު ނުފެނުނީ އެހެންވީމަތާ... މާލެ އައިފަހުން އާނައަށް އެއްވެސް ކަހަލަ އުނދަގުލެއްވޭތަ؟. އޭނާ އަދިވެސް ފެނޭތަ؟." ހޫދު އަހާލިއެވެ. އޭނާގެ ސުވާލުތަކަށް ޖަވާބު ދިނުމަށް އަހަރެން ބޯ ހޫރާލީމެވެ.

"އަހަރެން ޖިންނި މޮޔައެއްނުވޭ. އެންމެފަހުން ފެނުނީ މާލެ ފުރަން އޮތް ރޭ. އެރޭ އައިސްފައި ބުނީ ދެން ދުވަހަކުވެސް ނުފެންނާނެއޭ." އަހަރެން ބުނީމެވެ. ފައިސަލް ހައްޔަރުވުމާއެކު އެ މަހުލޫގަށް އަހަރެންގެ ބޭނުން ނެތުނީކަން އެނގެއެވެ. ރަށުގައި ހުރިއިރު އަހަރެންނަށް އަބަދުވެސް ކައިރީގައި މީހަކު އުޅޭހެން ހީވެއެވެ. އެކަމަކު މާލެ އައުމާއެކު އެ އުނދަގޫ އިޙްސާސްތައް މުޅީން ފިލައިފިއެވެ.

"ރަށުކޮޅުން ކަންތައް ހިނގައިދިޔަ ގޮތް އެނގެން އާނަ ބައްޕަ ބޭނުންވީ. ދެން މައްސަލަ ކުރިޔަށް ދާނޭ ގޮތެއް އެހީ... އާނަގެ ބައްޕަ ކައިރީ އަހަރެން ބުނިން ވީޑިއޯތަކެއް ލިބިފައި ހުރިކަން... އަހަރެން ނުބުންޏަސް އެނގޭނެތީވެ ކިޔާދިނީ. އެކަމަކު އަހަރެން ބުނިން އެއީ އާނައަށް ނޭނގި ސިއްރުން ފައިސަލް ކޮށްފައި ހުރިކަމެކޭ. ކޮޓަރި ބަލާ ފާސްކުރުމުގައިކަން އެނގުނީ އެތަނުގައި ސްޕައި ކެމެރާސް ހަރުކޮށްފައި ހުރިކަން." ހޫދު ބުންޏެވެ.

އަހަރެންނަށް ތިރީ ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނެވެ. މައިންބަފައިންގެ ކުރިމަތީގައި ވެސް އަހަރެންގެ އަބުރު ވެއްޔާ މޮޑެވިއްޖެކަމުގެ ރިހުން ހިތާއި ރޫހަށް ލިބިގެން ދިޔައެވެ. އެ ވާހަކަ ދެއްކީތީއޭ ކިޔާފައި އަހަރެންނަށް ހޫދު ކުށްވެރި ކުރެވޭކަށް ނެތެވެ. ދެން އޮތީ ހޫދަށް ހަޤީޤަތް ހާމަކުރި ފަދައިން މަންމައާއި ބައްޕައަށް ވެސް ކަންތައް ހިނގައިދިޔަ ގޮތް ކިޔާދިނުމެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ ވެސް އެހެންވެކަމަށް ވެދާނެއެވެ. ކަންތައްތައް ހިތުގައި ސިއްރުކޮށްގެން ހުންނަންވީމައެވެ.

"ހިނގާ ދާން." އަތުކުރީ ގަޑިއަށް ބަލާލާފައި ހޫދު ބުންޏެވެ.

ބަހެއް ނުކިޔާ އަހަރެން ތެދުވީމެވެ. ހަޤީޤަތް އެނގުމަށް ފަހު އަހަރެންނާމެދު ހޫދު ދުށީ ކިހިނެއްކަމެއް އޭނާ ނުބުނެއެވެ. އޭނާ ހަމައެކަނި ކަންބޮޑުވުން ފާޅުކުރީ ރޫހާނީކަމެއް އަހަރެންނާ ކުރިމަތިވީތީއެވެ. ގެއިން ނުކުމެގެން އައި މަގުތަކުން އެނބުރި ގެއާ ދިމާއަށް އަހަރެމެން ހިނގަމުން އައީމެވެ.

"އަހަރެން ވަދޭތަ؟." ގޭގެ ދޮރޯށި ކައިރީ މަޑުކޮށްލި ގޮތަށް ހޫދު އަހާލިއެވެ.

"ނުވަނަސް އޯކޭ." އަހަރެން ބުނީމެވެ. އަހަރެންނާއެކީ ގޭތެރެއަށް ވަންނަން ހޫދު ބޭނުންނުވީހެން ހީވެއެވެ. މިހާރު އޭނާ އަހަރެންނާ ގާތްކަން ބާއްވަން ބޭނުންނޫނީ ކަންނޭނގެއެވެ. ފައިސަލްއާއެކީ އަހަރެން އުޅުނީ ކިހިނެއްކަން އެނގުނީމައެވެ. ފައިސަލްގެ މައްޗަށް ހުކުމް ކުރަންދެން ހޫދުއާ ދޭތެރެއަކުން ވާހަކަދައްކަން ޖެހޭނެއެވެ. އެއަށްފަހު އަހަރެންނާއި ހޫދުގެ ދެމެދުގައި އެއްވެސް ގުޅުމެއް ނޯންނާނެއެވެ. އެންމެ ރަނގަޅުވާނީ އެގޮތް ކަންނޭނގެއެވެ. ޚިޔާލުތަކުގައި ހުރެ އަމިއްލައަށް ގޮތް ނިންނަމުން ގޭތެރެއަށް ވަނީމެވެ. އަހަރެން ދޮރޯށި ލައްޕާލަން އުޅުނު އިރު ވެސް ހޫދު ހުރި ފިޔަވަޅުމަތީ އަހަރެންނަށް ބަލަން ހުއްޓެވެ.

"ގުޑްނައިޓް." ހޫދު ބަލަން ހުރި ގޮތުން ދޮރުލައްޕަން ނުކެރިގެން އަހަރެން ބުނީމެވެ. ހިތުގައި އޮތް އެއްޗެއް އަހަރެންނަށް އެނގޭނީ އޭނާ ބުނީމާތާއެވެ.

"ގުޑްނައިޓް." ހޫދު ބުނެލިއެވެ. އަދި ފަޓުލޫނުގެ އަރިމަތީ ޖީބުން ފޯނު ނެގުމާއެކު އޭނާ އެނބުރިލައިފިއެވެ. ދޮރަށް ފުރަގަސްދިނީއެވެ. ދޮރޯށި ލައްޕާފައި ގޭތެރެއަށް އަހަރެން ވަނީ ދެނެވެ.

އަހަރެންގެ ޢާއިލާ ދިރިއުޅޭ ފަންގިފިލާއަށް ހުއްޓުނު ލިފްޓުން ނުކުތީމެވެ. ދޮރުގެ ކޯޑު ޖަހާލުމާއެކު އެތެރެއަށް ވަންއިރު ސިޓިންރޫމު ސޯފާގައި މަންމަ އިނެވެ. ނިދަން ނުގޮސް އެ އިންނަނީ އަހަރެން ނާންނާތީއެވެ. ދޮރުން ވަނީ އަހަރެންކަން އެނގުމާއެކު ވަގުތުން މަންމަ ގޮވާލައިފިއެވެ. ހޫދުއާއެކީ ދިޔަ ކަންތައް ކިހިނެއްތޯވީ މަންމަ ސުވާލު ކުރިއެވެ. ރަނގަޅުކަމުގައި ބުނެ އަހަރެން ނުހުއްޓި އައީ ކޮޓަރިއާ ދިމާއަށެވެ. ޚިޔާލުތަކާއި އިޙްސާސްތައް ހަމައަކަށް އެޅުވުމަށް ޓަކައި އެކަނިވެލަން އަހަރެން ހުރީ ބޭނުންވެފައެވެ. ހޫދުގެ ކުރިމަތީ އަހަރެންގެ ހިތްވަރު ގެއްލުނުއިރު މަންމަމެންގެ ކުރިމަތީ އަހަރެންނަށް ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ.

އެއްކަމެއް ވެސް ނުކޮށް އެނދުގެ މަގަތު އަރުމަތީ އިށީނދެލައިގެން އަހަރެން އިނީމެވެ. އެގޮތުގައި ފާއިތުވެގެން ދިޔައީ ކިހާ އިރެއްކަމެއް ބުނާކަށް އަހަރެންނަކަށް ނޭނގެއެވެ. ބޭނުންވިޔަސް މީހާ ހަމައަކަށް ނޭޅުނެވެ. ޚިޔާލުތަކުން މިންޖެއްނުވެވުނެވެ. ދެ ލޮލުގައި ހިފެހެއްޓިފައިވަނީ ކަރުނައެވެ. އެހާލުގައި އަހަރެން ވަނިކޮށް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. ކޮޓަރިއަށް ވަނީ މަންމައެވެ. ފަހަތުން ދޮރު ލައްޕާލާފައި އައިސް އަހަރެން ކައިރީ އެނދުގައި މަންމަ އިށީނެވެ. އިސްއުފުލައި މަންމައަށް މޫނު ދައްކާލަން ވެސް އަހަރެންނަށް ނުކެރުނެވެ. ލަދުންނެވެ. މަންމަ އަހަރެންނަށް ބަލާލީ ނިކަން ފަރުވާތެރި ބެލުމަކުންކަން އިޙްސާސް ކުރެވުނެވެ. ނުތަނަވަސްވަމުންދިޔަ ހިތް އިތުރަށް އަވަސްވީ ސަބަބަކަށް އެކަންވިއެވެ. ހެދުން ބަދަލުނުކޮށް ކީއްވެފައިތޯ އަހަރެން އިނީ މަންމަ އަހާލިއެވެ. އަހަރެންނަށް ޖަވާބެއް ނުދެވުނެވެ. ހަޤީޤަތުގައި ވެސް ވާހަކަދައްކަން އުނދަގޫވީއެވެ. އަރުތެރެއިން އަޑު ނެރެން އުނދަގޫވީ ކަހަލައެވެ.

"ބައްޕަ ގާތު ހޫދު ވާހަކައެއް ބުނެފި." މިހެންބުނެ މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމާލީއެވެ.

"އަހަރެންނަށް ވަރަށް ބޮޑު ފާފައެއް ކުރެވިއްޖެ... ދެން ކިހިނެއް ހަދާނީ މަންމާ." ފެންކަޅިވެފައިވާ ދެ ލޮލުން ކަރުނަ ފައިބައިގަތީ މަންމައާ ނަޒަރު ސީދާކޮށްލި ހިނދުއެވެ.

"އެކަމުގައި އާނަގެ ކުށެއްކޮބާ. ސިއްރު ކެމެރާ ހުންނާނޭ ކާކު ހިތަށް ވެސް އަރާނީ." މަންމަ ބުންޏެވެ. އެ ވާހަކައިން މަންމައަށް ދޭހަވީ މުޅީން އެހެން އެއްޗެއްކަން އެނގުނެވެ. އަހަރެންނާ ކައިރިޔަށް އޮތް މަންމަގެ ވައަތުގައި ދެ އަތުން ހިފާލީމެވެ. އަހަރެން ބުނަން މިއުޅޭ ވާހަކައަށް ސަމާލުކަން ދޭށޭ އިޝާރާތްކުރާ ފަދައަކުންނެވެ.

"މަންމާ... އަހަރެން... އަހަރެންނަށްވަނީ... ކައިވެނީގެ ކުރީން ބާއްވައިގެން ނުވާނެ ދަރަޖައަށް... އަހަރެންނަށް ވަނީ ފައިސަލްއާ ގާތްވެވިފައި." ދެރަވެ ލަދުގަނެފައި އިނދެ އަހަރެން ބުނީމެވެ. މަންމަގެ ހަރަކާތެއްކޮށްލީ ހިނދުކޮޅެއް ފަހުންނެވެ. އަހަރެން ބުނި އެއްޗެއް މަންމަގެ ސިކުނޑިއަށް ނަގައިގަންނަން ވަގުތު ނެގީއެވެ. ހާސްވެފައިވާ ބެލުމަކުން ދެ ލޯ ބޮޑުކޮށްލައިގެން މަންމަ ބަލަން އިނެވެ. ބުނާނޭ އެއްޗެއް ދުލަށް ނައީ ކަހަލައެވެ. ނޫނީ ދުލުން ހާމަކުރާން ދަތިވީއެވެ.

"ގަސްދުގައެއްނޫން މަންމާ... ހަމަތެދެއް މިބުނީ..." ރޮމުން ލޮލުން ފައިބާ ކަރުނަ ދެ އަތުން ފުހެމުން އަހަރެން ވާހަކަދެއްކީމެވެ. އެހާލުގައި މަންމަގެ ކުރިމަތީ ހުރިހާ ކަމެއް ހާމަކުރީމެވެ. އެއާއެކު މަންމަގެ މޫނުގައިވީ ނުތަނަވަސްކަން އިތުރުވީތީ ދުށީމެވެ.

"އާން... ތި އަރައިގަނެވުނީ ނުބައިގެންވީ ބޮޑު ފާފައަކަށް. އާނިޔާއަށް މަންމަ ނަޞޭޙަތް ނުދެޔެކޭ ނުބުނެވޭ. ހެވާއިނުބައި ބުނެދިނިން." މަންމަ ވާހަކަދެއްކީ މަޑުމަޑުންނެވެ.

"އައި ނޯ މަންމާ. އަހަރެންނަށް ގޯސް ހެދުނީ... އެކަމާ ވަރަށް ބޮޑަށް ދެރަވޭ." އަހަރެން ބުނީމެވެ.

"އާނިޔާ އިނީ ކިހިނެއްކަން އެނގޭތަ؟. ޕީރިއަޑް ވެއްޖެތަ؟." މަންމަ އަހާލިއެވެ. ކުއްލިއަކަށް އަހަރެންގެ ނަފްސު ފުން ކަނޑެއްގެ މެދަށް ގެނބިގެން ދިޔަ ފަދައެވެ. މަންމަ އެ ސުވާލު ކުރީ ކޮންކަމަކާކަން އަހަރެންނަށް އެނގިފައެވެ. އެއީ އަހަރެން ވިސްނާފައިވާ ކަމެއްނޫންވީމައެވެ. އެކަމަކު އެއީ އަހަރެން އެންމެ ފުރަތަމަ ވިސްނަން ޖެހޭނެ ކަންތަކެވެ. އެހާ މުހިންމު ކަމެއްގެ މަތިން އަހަރެން ހަނދާންނެތުނީ ވެސް އަޖައިބުވެއެވެ. އަހަރެން ވިސްނާލީމެވެ.

"މި މަހު އަދި ދުވަސް ނުޖެހޭ." އަހަރެން ބުނީމެވެ.

"އާނިޔާއަށް އެނގޭތަ. ދީނީ ކަންކަމާ ފަރުވާކުޑަވެއްޖެނަމަ ދެރަ ކަންކަމާ ދިމާވާނީ. ފާފަތަކަށް އަރައިގަނެވެނީ ވެސް އެހެންވެ. ހިތުގައި ހެއްދެވި ފަރާތާމެދު އޮންނަންޖެހޭ ބިރު ފިލާދަނީ މީހާ ޖާހިލުވީމަ... ކިހާ ވަރަކަށް މަންމަ ކިޔަނީ އާނިޔާ ކައިރީ ނަމާދު ކުރާށޭ. ވަގުތަކީ ހޯދީމާ ލިބޭނެ އެއްޗެއް. އާނިޔާއަށް އެހެން ކަންކަމުގައި އުޅޭނޭ ވަގުތުވޭ. ވަގުތު ނުވަނީ ނަމާދު ކުރަންވީމަ. އެންމެ ފަހުން ޤުރުއާން އަކުރެއް ކިޔާލަން ހަތިމުގައި އަތްލީ ހަނދާނެއް ވޭތަ. ހަތިމުގައި އަތް ނުލިޔަސް އަތުގައި އަބަދު ފޯނު އޮވޭ. މިހާރު ފޯނުން ވެސް ކިޔަވާލެވޭނެ." ހަރުކަށިކަމެއް ވީނަމަވެސް މަންމަ އެއްފަހަރު ވެސް އަހަރެންނާ ދިމާއަށް ހަޅޭކެއް ނުލަވައެވެ. ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. މަންމަ އެ އިނީ ދެރަވެފައިކަން ބުނަން އަހަރެންނަށް އެނގެއެވެ.

"އައި އޭމް ސޮރީ މަންމާ. ޕްލީޒް... އަހަރެންނަށް މަޢާފްކޮށްދީ." މަންމަގެ ކޮނޑުގައި އަހަރެން ބޯއަޅާލީމެވެ.

"އާނިޔާ. ދަރިފުޅު މަޢާފަށް އެދެންވީ މަންމަގެ ގާތުންނެއްނޫން. އަވަހަށް ތަޢުބާވޭ... ﷲއަށް ދަންނަވާ. ދަރިފުޅުގެ ދިރިއުޅުން އިތުރަށް ހަލާކުގެ ތެރެއަށް ވެއްޓިގެން ނުދަނީސް ސަލާމަތައް އެދި ދަންނަވާ. މިހާރު ތި އިން ގޮތަށް އިނދެ ބަލިވެ އިނދެފިއްޔާ ކަންތައްތައް ބަދަލުވެގެންދާނޭ ގޮތް މަންމަ ނުބުންޏަސް އާނައަށް ވިސްނޭނެ. ދެން އަލުން ދުވަހަކުވެސް އެފަދަ ބޮޑު ފާފައަކަށް އަރައި ނުގަތުމަށް އަޒުމް ކަނޑައަޅާ. ދަރިފުޅާއި ﷲއާ ދެމެދުގައިވީ ގުޅުން ގާތް ކުރެވޭތޯ މަސައްކަތް ފަށަންވީ... މަންމައާއި ބައްޕަ ވެސް ޤަބޫލުކުރަން އާނިޔާއަކީ ގޮތެއްފޮތެއްނެތި ވިޔާނުދާވެގެން އުޅޭ ދަރިއެއްނޫންކަން. އެހެންވީމަ އަވަސްކުރޭ. ތަޢުބާއަށް އަވަސްވެގަންނަ އިންސާނާދެކެ ﷲ ލޯބިވެވޮޑިގެންވޭ. ކުރެވުނު ކަންތަކާ ދެރަވެ ރޮއެ ހިތާމަކުރުމަކުން ފާއިތުވެގެން އެދިޔަ ވަގުތު އަނބުރައެއް ނުލިބޭނެ. ތެދުވޭ... ފާޚާނާއަށް ވަދެ ފެންވަރައި ވުޟޫކޮށްގެން ނުކުމެވޭ." މަންމައާ ދުރުކޮށްލާފައި އަހަރެންގެ މުލައްދަނޑީގައި ހިފައިގެން ތެދުވިއެވެ.

ފުރިހަމަ ތަޢުބާއަކުން އަހަރެން ތަޢުބާވީމެވެ. އެކަން ކުރާނީ ކިހިނެއްކަން ކިޔައިދޭން މަންމަ އަހަރެންގެ ގާތުގައި ހުއްޓެވެ. އެރޭ މަންމަ އަހަރެންގެ ގާތުން ކަމަކަށް ވަޢުދު ކުރުވިއެވެ. އެއީ ހިތްވަރުކޮށްފައި ނަމާދު ކުރުމެވެ. އަދި ރައްކާތެރިކަން ހޯދުމަށް ޓަކައި ކިޔަންޖެހޭ ދުޢާތަކާއި ޒިކުރުތައް ކިޔަންފެށުމެވެ. ރޭގަނޑު ނިދުމުގެ ކުރީން ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔަވާލުމަށެވެ. އަހަރެންގެ ޢަމަލުތައް އެފަދައިން ބަހައްޓައިފިނަމަ ދިރިއުޅުމަށް ހެޔޮ ބަދަލު އަންނާތީ ފާހަގަވާނޭކަން ބުންޏެވެ. އަދި އަހަރެންނަށް ހިތްވަރުދީ މަގުދައްކައިދޭން މަންމަ ހުރީ ވަރަށް ގާތުގައިކަން ބުންޏެވެ. އެހެންވީމާ މާޔޫސްނުވުމަށް ބުންޏެވެ.

* * * * *

އަހަރެން މާލެ އައިތާ ހަފްތާއެއް ވާން އުޅެނިކޮށް ހަވީރު ގެއަށް އައިތަން ފެނުނީ ޒިޔާނުގެ މަންމަ ނާޒިމާއެވެ. އޭނާ އައީ އަހަރެން މާލެގައި ހުރިކަން އެނގިގެނެއް ނޫނެވެ. އެހެންނަމަވެސް މަންމަގެ ގާތުގައި އަހަރެންނާއި ޒިޔާންގެ ވާހަކަ ދައްކާށެވެ. އެކަމަށް އަހަރެން ނިމުން ގެނައީމެވެ. ޒިޔާންގެ މަންމައާ ވާހަކަދެއްކި އިރު އަހަރެންގެ ކައިރީ މަންމަ ވެސް އިނެވެ. ނާޒިމާ އަދިވެސް ބޭނުމީ އޭނާގެ ޅީދަރިއަކަށް އަހަރެން ހެދުމަށެވެ. ޒިޔާނު ވެސް އަހަރެންނާ ކައިވެނި ކުރަން ތައްޔާރަށް ހުރިކަން ބުންޏެވެ. ކުރެވުނު ކަންތަކާ ޒިޔާނު ދެރަވެ ދެން އެފަދަ ކަމެއް ތަކުރާރު ނުވާނޭކަމުގެ ޔަގީންކަން ނާޒީމާ ދިނެވެ. ނަމަވެސް އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. ސާފު އިބާރާތުން އަހަރެން ނިންމާފައިވަނީ ކިހިނެއްކަން ބުނީމެވެ. މީގެ ކުރީން އެފަދައިން ކަންތައް ނުކުރާތީ ޒިޔާނާއި އޭނާގެ މަންމަ ވެސް ހީވެފައި އޮތީ އަދިވެސް އިހު އޮތް ގުޅުމައިގެން ކުރިޔަށް ދެވިދާނޭ އެވެ. އަހަރެން ޒިޔާނަށް މަޢާފުކޮށްފީމެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ޓަކައެވެ. އޭގެ މާނައަކީ އަހަރެން އަލުން ޒިޔާނަށް ފުރުޞަތެއް ދޭން ނިންމީއެއްނޫންކަން ބުނީމެވެ. އަހަރެންގެ ވާހަކަ ނިމުމުން ނާޒީމާ ކައިރިން މަންމަ އެދުނީ އިތުރަށް އަހަރެމެން ގުޅުވަން މަސައްކަތް ނުކުރުމަށެވެ. މިހިސާބުން މިކަން ދެން ނިންމާލަންވެއްޖެކަމެވެ. ނާޒިމާ ހަމައެކަނި ބޯޖަހާލީއެވެ. އެވަރުން އަހަރެން ހިތްހަމަޖެހުނެވެ

ހުކުރު ދުވަހެވެ. މެންދުރު ކައިގެން އައިސް އަހަރެން އުޅުނީ ކޮޓަރި ސާފުކުރާށެވެ. ވެކިއުމް ނިއްވާލީ އަހަރެންގެ ފޯނު ރިންގުވާހެން ހީވެގެންނެވެ. ރީތިވާ މޭޒުމަތިން އޮތް ފޯނު ނަގަން އުޅުނު ހިނދު އިސްކުރީނަށް އަރާފައިވާ ހޫދުގެ ނަން ފެނި ހަރަކާތްތައް މަޑުޖެހުނެވެ. ހުރިހާކަމެއް ކިޔާދިން ރޭ އަހަރެން ގެނެސް ގެއަށް ލީ ފަހުން ހޫދުގެ ޚަބަރެއް އެވީ އަދިކިރިޔާއެވެ. ފިނިވާގޮތްވިއެވެ. އެހެންވިޔަސް ކަންފަތަށް އެއަރޕޮޑްސް ހެޔޮވަރުކޮށްލާފައި ފޯނުކޯލު ނެގީމެވެ. އިސް އެއްޗެކޭ ބުނަން ނުކެރިފައި އަހަރެން ހުރީމެވެ. ހޫދު ހެލޯއޭ ބުނީ އަހަރެން އެއްޗެއް ބުނޭތޯ މަޑުކޮށްލާފައެވެ. އޭނާ ހެލޯއޭ ބުނުމުން އަހަރެން ވެސް ގޮވާލައިފީމެވެ. މިހާ ދުވަހު ނުގުޅާ ހުރެފައި ގުޅީމާ އަހަރެން ހީކުރީ ހޫދު އެ ގުޅީ ފައިސަލްގެ ޚަބަރެއް ދޭންކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި އަހަރެންނަށް ހީވި ހީވުމެކެވެ. އެހެންޏާ ހޫދު އަބަދު ހުންނާނީ ސަމާސާކުރާ މިޒާޖެއްގައެވެ. މިފަހަރު އަހަރެންނަށް ފާހަގަވީ އޭނާއަށް ވާހަކަދައްކަން ވަގުތު ބޭނުންވީކަމެވެ. އަހަރެންގެ ހާލު އޮޅުންފިލުވިއެވެ. ކުރަނީ ކީއްތޯ ވެސް އެއްސެވެ. ދުރުދުރުން އެފަދަ ވާހަކަތަކެއް އޭނާ ދައްކަމުން ގޮސްފައި އެއްޗެއް ނުބުނެ ހިމޭންވިއެވެ.

"ސޮރީ." ހޫދުގެ ނަމުން އަހަރެން ގޮވާލުމުން ބުނެލިއެވެ.

"ކޮންކަމަކާ." އަހަރެން އަހާލީމެވެ. އަހަރެންގެ ނަޒަރުގައި ހޫދު ސޮރީ ބުނަންޖެހޭ ފަދަ ކަމެއް މިފަހަކުންވެފައި ނެތެވެ. އަދި އަހަރެންގެ ހިތުގައި އެއްވެސް ސިފައެއްގައި އޭނާގެ މައްޗަށް ދެކޮޅުވެރިކަމެއް ވެސް ނުވެއެވެ.

"މާބޮޑަށް ރުޅިއާދެވުނީމަ... އާނައަށް ބްލޭމްކޮށް ދެރަކޮށްލެވުނީމަ." ހޫދު ބުންޏެވެ.

"މިހާރު ރުޅި މަޑުވީތަ." އަހަރެން އަހާލީމެވެ. އެއާއެކު ހޫދު ހޫން ލައްވާލިއެވެ.

"އެކަމާ އަޅާނުލާ. އަހަރެންގެ ޝަކުވާއެއްނެތް. ހޫދު ވާހަކަދެއްކީ ކަންއޮތް ގޮތަށް." އަހަރެން ބުނީމެވެ.

"އާނަ އިނީ ވަރަށް ހިތުގައިޖެހިފައިކަން އެނގޭ. އާނައަށް އެހެން އެވީ ކީއްވެކަން..." ހޫދު ބުނަން އުޅުނު އެއްޗެއް ފުރިހަމަ ކުރާނޭ ފުރުޞަތެއް އަހަރެން ނުދިނީމެވެ.

"އެވީކަމެއްވީ. އަހަރެންނަށް މިސްޓޭކެއް ހެދުނީ... އަބަދު އެ ވިސްނުމުގައި ހުންނާކަށް އަހަރެން ބޭނުމެއްނޫން. ދެން އިރާދަކުރެއްވިއްޔާ އަހަރެން އެކަހަލަ ގޯހެއް ނުހަދާނަން. އެހެންވީމަ... ހޫދު ވެސް އަހަރެންނަށް މާޒީގައި ހެދުނު ގޯހެއްގެ މަތިން ހަނދާންކޮށްދިނުން ހުއްޓާލަ ދެވިދާނެތަ." ބަރު ހިތަކާއެކު އަހަރެން ބުނީމެވެ.

"ދެން ނުދައްކާނަން. ޕްރޮމިސް... އާނަގެ ހާލު ބަލާލާ ހިތުން ކެތްނުވެގެން މިގުޅީ. ހިޔެއްނުކުރަން ފޯނު ނަގާނެކަމަށް." ހޫދުގެ ފަނޑުވެފައިވާ އަޑަށް މަޑުމަޑުން ދިރުން އައިކަން އަހަރެންނަށް ފާހަގަވިއެވެ.

"މިހާރު ހާލު ކިހިނެއްކަން އެނގިއްޖެއެއްނު. ހޫދު ގުޅީމަ ފޯނު ވެސް ނެގީމެންނު." އަހަރެން ބުނެލީމެވެ. ދުވަސްތަކެއް ކޮށްފައި ވިޔަސް ހޫދު ގުޅީމާ އަހަރެންނަށް ބުނެދޭންނޭނގޭ ހިތްހަމަޖެހުމެއް ލިބުނުކަން އިޙްސާސް ކުރެވުނެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަމެއް ފިލައިގެން ދިޔަ ކަހަލައެވެ. ފޯނުކޯލު ކުރުކޮށްލުމުގެ ބަދަލުގައި މިފަހަރު އަހަރެން އައިސް އެނދުގައި އިށީނީ ހޫދުއަށް ވަގުތުދީގެންނެވެ. އޭނާ ބޭނުން ހުރިހާ ވާހަކައެއް ދައްކަން އަހަރެން ފުރުޞަތު ދިނީމެވެ.

"ތީ ހަމަ އާނަތަ؟." ހޫދު އަހާލިއެވެ. އަހަރެންނަށް ހީނލެވުނެވެ.

"ކީއްވީ. އަޑު ތަފާތީތަ؟." އަހަރެން އަހާލީމެވެ.

"ނޫން. ތީ ހަމަ އަހަރެންގެ އާނަގެ އަޑު... އެކަމަކު އެކުއްޖާއަކީ ނިކަން ޒާތެއްގެ އެޓިޓިއުޑެއް ގެންގުޅޭ ކުއްޖެއް. ތިހާ ރީތިކޮށް އަހަރެންނާ ވާހަކަދައްކާނޭ ހީނުވަނީ." ހޫދު ބުންޏެވެ.

"އަހަރެންގެ އާނައޭ." އަހަރެންނަށް ފާހަގަވެއްޖެކަން އަންގާލީމެވެ.

"އެހެންތަ ބުނެވުނީ." ހިންޏެއް އައިސްފައި ހުރި މީހަކު ފަދައިން ހޫދު ބުންޏެވެ.

(ނުނިމޭ)