ހަބަރު

އިދިކޮޅު ފަރާތްތައް އެއްވެގެން މަޝްވަރާތަކެއް ފަށަނީ

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކުރުމަށް އިދިކޮޅު ޕާޓީތަކުގެ މެދުގައި މަޝްވަރާތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

ވެރިކަން ކުރާ ޕީޕީއެމް ފިޔަވާ އެހެން ޕާޓީތަކުން ބައިވެރިވާ، އެ މަޝްވަރާތައް ފަށަނީ އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީގެ އިސްނެގުމަކަށެވެ. އެ މަޝްވަރާތަކުގައި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ޑީއާރުޕީ ބައިވެރިވާނެ އެވެ.

އެމްޑީޕީން ބުނީ އެ މަޝްވަރާތަކުގެ މަގުސަދަކީ ރާއްޖޭގެ މަސްރަހު ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކުގެ ސަބަބުން ހަލަބޮލިވެފައި މިވާ ދަނޑިވަޅުގައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައި ވާހަކަ ދައްކައިގެން ރާއްޖެއަށް އޮތް އެންމެ ރަގަނޅު ގޮތަކީ ކޮބައިތޯ ބެލުމާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ކުރެވޭނީ ކޮންކޮން ކަންކަމެއްތޯ ބެލުން ކަމަށެވެ.

އެ މަޝްވަރާތަކުގައި އެމް.ޑީ.ޕީން ބައިވެރިވަނީ ޕާޓީގެ ޗެއާރޕާރސަން އަލީ ވަހީދު، އާއި ޕާރލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހް އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މާރިޔާ އަޙުމަދު ދީދީ އާއި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދު އަދި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބެވެ. އެ މަޝްވަރާތަކާ ގުޅޭ ގޮތުން ޕީޕީއެމް އިން ބުނީ އެފަދަ މަޝްވަރާތަކެއް ބާއްވާކަން އަދި އެނގިފައި ނެތް ކަމަށެވެ.