މެދުކެނޑުމެއް ނެތި ވާރެ ވެހުމުގެ ސަބަބުން އއ. ރަސްދޫގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
ރޭ މެންދަމުން ފެށިގެން މެދުނުކެނޑި ވާރޭ ވެހުމުންދާތީ ރަސްދޫގެ މަގުތައް ފެންބޮޑުވެ ގެތަކަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
ރަށުގެ ބައެއް ސަރަހައްދުތަކުގެ ފަސްގަނޑު އޮންނަ ގޮތުން ރަސްދޫ އަކީ ބޯކޮށް ވާރޭ ވެހިއްޖެނަމަ ފަސޭހަ އިން އަބަދުވެސް ފެންބޮޑުވާ ރަށެެކެވެ.
ރަސްދޫއަށް ކުރަމުންދާ ވިއްސާރައިގައި ރަށުތެރެއަށް ވުރެ ބަނދަރު އުސްކޮށް އޮތުމުގެ ސަބަބުން، ބަނދަރާ ދިމާލުގައި ހެދޭ ފެންގަނޑު ރަށުތެރެއަށް ފައިބައިގެން ގޮސް، ބޮޑަށް ފެންބޮޑުވެފައިވަނީ ރަށުގެ އުތުރުފަރާތާއި ހުޅަނގު ފަރާތުގައެވެ.
ރަސްދޫގެ ބައެއް ސަރަހައްދުތަކުގައި ބައި ފޫޓަށް ފެންބޮޑުވެ އެ ސަރަހައްދު ތަކުގައި ހުރި ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭތަކެއްޗާއި ކަރަންޓ ސާމާނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.
ރަށުތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން އިއްޔެ ރަށުގެ ކައުންސިލުން ވަނީ ޕަމްޕް ނެރެ ފެންހިނދުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މިއަދު އަނެއްކާވެސް ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބުރާސްފަތި ދުވަހާ ހަމައަށް މޫސުން ގޯސްވާނެ އެވެ. ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ބުނެފައިވެ އެވެ.