( 1 އޮކްޓޯބަރު 2023 އާ ގުޅޭ )
"ނޫން. ތީ ހަމަ އަހަރެންގެ އާނަގެ އަޑު... އެކަމަކު އެކުއްޖާއަކީ ނިކަން ޒާތެއްގެ އެޓިޓިއުޑެއް ގެންގުޅޭ ކުއްޖެއް. ތިހާ ރީތިކޮށް އަހަރެންނާ ވާހަކަދައްކާނޭ ހީނުވަނީ." ހޫދު ބުންޏެވެ.
"އަހަރެންގެ އާނައޭ." އަހަރެންނަށް ފާހަގަވެއްޖެކަން އަންގާލީމެވެ.
"އެހެންތަ ބުނެވުނީ." ހިންޏެއް އައިސްފައި ހުރި މީހަކު ފަދައިން ހޫދު ބުންޏެވެ.
ފޯނުގައި ގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރު އެހާއިރު ވެދާނޭ ހިޔެއްނުކުރެވެއެވެ. އެހެންވިޔަސް ފޯނުކޯލު ކުރުކޮށްލަން އަހަރެން ބޭނުންވީއެވެ. އަހަރެންގެ އަމިއްލަ ހިތަށް ޔަޤީންކަން ނުލިބެނީސް ހޫދު އޮޅުމެއްގެ ތެރޭގައި ހުރެދާނޭތީއެވެ. އަސުރުގެ ކުރީން އަހަރެން ކުރަން ހުރި މަސައްކަތްތައް ނިންމުމުގެ ބަހަނާގައި ފޯނުކޯލު ނިންމާލީމެވެ.
ހުކުރު ދުވަހަށްވީތީ ހަވީރަށް ދޮންދައްތަ، އާފިޔާ ދަރީންކޮޅު ގޮވައިގެން ގެއަށް އައެވެ. ރަށުކޮޅުގައި ހިނގައިދިޔަ ކަންތައް އޭނާއަށް އެނގުނީ އެހިސާބުންނެވެ. އަހަރެންނާ ގުޅިފައިވި ލަދުވެތި އެއްވެސް ވާހަކައެއް މަންމަ ކިޔައެއްނުދެއެވެ. މަންމައާ ހުރިހާ ކަމެއް ޚިއްޞާކުރެވޭ ސަބަބަކީ ވެސް އެއީއެވެ. ބައެއް ކަހަލަ ވާހަކަތަކަކީ މަންމައާއި އަހަރެންނާ ދެމެދު ސިއްރުކުރެވެންޖެހޭ ވާހަކަތައްކަން މަންމައަށް އެނގެއެވެ.
ހަފްތާ ފެށި، އާދިއްތަ ދުވަހު އަހަރެން އޮފީހަށް ނުކުތީމެވެ. އެކީގައި މަސައްކަތް ކުރާ އެންމެން އަހަރެން ކާނުލީ ކިރިޔާއެވެ. އޮފީސް ގުރޫޕުގައި އަހަރެން ވާހަކަނުދައްކާ އެންމެންނަށް ސިއްރުން ކޮންތާކު އުޅެފައިތޯ އައީ އެއްސެވެ. އެއްބަޔަކު ތިބީ އަހަރެންނާއި ޒިޔާނުގެ ކައިވެނި ކެންސެލްވީ ސަބަބު އޮޅުންފިލުވަން ބޭނުންވެފައެވެ. އެންމެންގެ ކުރިމަތީ ޒިޔާނު ބޭޒާރު ކުރުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. އެތަނުގައި އަހަރެންގެ ގާތް، އަހަރެންނަށް ހެޔޮ އެދޭ މީހަކު ނެތްކަން އެނގޭތީއެވެ. ކޮންމެ މީހަކު ވެސް އެ އުޅެނީ ވާހަކަ ހޯދަންކަން ދެނަހުރީމެވެ. މީހުންގެ ޒާތީ ދިރިއުޅުމާ ގުޅިފައި ހުންނަ ކަންކަން އޮޅުންފިލުވަން ބައެއް މީހުން ނިކަން ފޯރި ހުރެއެވެ. އޮފީސް ތެރޭގައި އެކަހަލަ ކިތަންމެ ވާހަކައެއް އަހަރެންނަށް ހުރީ އަޑު އިވިފައެވެ. އަހަރެން ޗުއްޓީ ނަގައިގެން ކުރި ކަންތައްތައް އެންމެންނަށް އެނގުން މުހިންމެއްނޫނެވެ. އެކަން އެނގެން ޖެހޭ މީހުންނަށް އެއްވެސް ކަމެއް ސިއްރުވެފައެއް ނޯންނާނެއެވެ. އަހަރެންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ބައެއް ކުދީން އަމިއްލައަށް ވާހަކަތައް ހަދަންފެށިއެވެ. އޮފީހުގައި އަހަރެންގެ ފުރަގަހުގައި ވެސް ބައެއް ވާހަކަތައް ދެކެވުނުކަން އެނގެއެވެ. އެކަމަކު އަހަރެމެންގެ ޑިޕާޓްމެންޓުގައި އުޅޭ ފަރުސީނާ ވަރެއް އެކަކުވެސް ނުވާނެއެވެ. އޭނާ ކިރިޔާ ގަޔާނުވާ މީހަކާ ދިމާވިޔަސް ހަތްދެވި އަވަލުމަށްވުރެ އެމީހަކަށް ބިރުބޮޑުވާނެއެވެ. އޮފީހުގައި ގިނަދުވަސްވީ އެންމެންވެސް ތިބޭނީ ސަމާލުވެއެވެ. އޭނާގެ ގޮތް އެނގޭތީއެވެ. އޭނާ ގޮސް މީހުންގެ މަސްކެއުމަށްފަހު އެނބުރި އެމީހުން ކައިރިޔަށް އައިސް ދެންތިބި މީހުންގެ މަސްކައި އަނެކާއަށް ވެސް ކާންދޭން މަސައްކަތް ކުރެއެވެ. ނުބެހޭކަމެއް ނޯންނާނެއެވެ. އަހަރެން އަބަދުވެސް ބަލަނީ އޭނާ އަންނައިރަށް ކޮންމެވެސް ބަހަނާއެއްގައި ރެކިލެވޭތޯއެވެ. އުމުރުން ސާޅީހަށްވުރެ މައްޗަށް ގޮސްފައިވާއިރު ދެ ކައިވެނިކޮށް ތިން ދަރީން ލިބި އެކުދީން ބޮޑެތި މީހުންނަށް ވެފައިވާއިރު ވެސް އޭނާގެ މަސައްކަތަކީ ރަންތަބަކުގައި ނިކަން ފެންވަރުގައި މީހުންގެ މަސް އުފުލުމެވެ. ދުނިޔެއަކީ ފިތުނަވެރި ތަނަކަށް ވުމުގައި އެންމެ ކުރީގައި އުޅެނީ މިފަދަ މީހުންކަން ގައިމެވެ. އޭނާއަކީ ޒިޔާނު އަހަރެންނާ ރައްޓެހިވެގެން އުޅޭތާ ތިން އަހަރުވީއިރު ޒިޔާނު އަހަންނަކާ ނީންނާނޭ އޮފީސް ތެރޭގައި ކީ މީހެކެވެ. އެންމެފަހުން މިވީ އެހެންނޫން ހެއްޔެވެ. މީހުންގެ ދުލުގެ ނުބައިކަމުން ރައްކާތެރިވާން ޖެހެނީ މިހެންވެއެވެ.
* * * * *
ފައިސަލް ހައްޔަރު ކުރެވުނުތާ 6 މަސްފަހުން އަހަރެންނަށް ކޯޓަށް ހާޟިރުވާން ޖެހުނެވެ. އަހަރެންނާއެކު ބައްޕަ ހުއްޓެވެ. ފުލުހުންގެ ފަރާތުން ހަރަކާތްތެރިވާ ޓީމުގައި ހޫދާއި ޝާހިދު ތިއްބެވެ. މައްސަލައާ ގުޅިގެން އަހަރެން ހާޟިރު ކުރީ "ސިއްރު ވިޓްނެސް"އެއްގެ ގޮތުގައެވެ. ފައިސަލްއާ ކުރިމަތިލާން އަހަރެން ބޭނުންނުވާއިރު އަހަރެންގެ ޢާއިލާއިންވަނީ މީޑިއާގެ ނަޒަރުތަކުން އަހަރެން ސަލާމްކުރާން ބޭނުންވެފައެވެ. އެކަމުގައި ހޫދާއި ޝާހިދު އަހަރެމެންނަށް އެއްބާރުލުންދީ އެފަދައިން އިންތިޒާމުތައް ހަމަޖައްސައިދިނެވެ. އަހަރެން އިނީ ދުރުގައި ނަމަވެސް އަހަރެންނަށް މައްސަލަ ބަލަމުންދިޔަ މަޖިލިސްގައި ހިނގަމުންދިޔަ ހުރިހާކަމެއް ފެންނަމުންދިޔައެވެ. ފައިސަލްގެ ސޫރަ ފެނުމުން އަހަރެންގެ މެޔަށް ފިނިވެލިއެވެ. އެހާމެ އަޖައިބު ވެސް ވިއެވެ. އޭނާގެ ސޫރައަށް ހުރީ ބޮޑު ބަދަލެއް އައިސްފައެވެ. މީހާ އަނަރޫފަވެފައެވެ. މޫނާއި ދެ ލޮލުގައިވަނީ ވަރުބަލިކަމެވެ. ދެ ލޯ ކައިރި ނިކަން ކަޅުވެފައެވެ. އޭނަގެ ރީތިކަން މުޅިން ގެއްލިފައެވެ. ހައްޔަރުގައި ހުރި މީހަކަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އޭނާއާމެދު ބަޔަކު އަނިޔާވެރިވަނީބާއޭ ވެސް ހިތަށް އެރިއެވެ. ގައިމު ވެސް ހޫދު އެފަދަ ވާހަކައެއް އަހަރެން ކައިރީ ބުނެފައެއް ނެތެވެ.
އެތައް ދުވަސްތަކަކަށްފަހު ޝިފާލީގެ ގަހަނާ ފޮށި އަލުން އަހަރެންނަށް ފެނުނެވެ. އޭގައިވީ ގަހަނާތަކުން އަހަރެންނަށް ފައިސަލް ދީފައިވާ ގަހަނާތައް ވަކި ކުރެވިފައި ހުރީތީ ދުށީމެވެ. އެ ދުވަހު ކޯޓުގައި އަލުން އެ ނުރައްކާތެރި ހާދިސާގެ ވާހަކަ ދައްކަން ޖެހުނެވެ.
ފައިސަލް ހަނުހުއްޓެއްކަމަކު މަޑުޖެހުމެއްނެތި މައްސަލަ އައީ ބަލަމުންނެވެ. އޭނާގެ މައްޗަށް ދަޢުވާކޮށް ކުށް ސާބިތުކުރެވޭހާ ހެކި ދަޢުލަތަށް ލިބިފައި ހުރީމައެވެ. ނަމަވެސް އެންމެ ފަހުވަގުތު ފައިސަލް ހިމޭންކަން ދޫކޮށްލިއެވެ. މަރަށްމަރުގެ ހުކުމްކަން އަންނާނީ އެނގުމުންނެވެ. އޭނާގެ ފަރާތުން ވަކާލާތު ކުރާނޭ ވަކީލަކު ޢާއިލާއިން ހަމަޖައްސާފައި ހުއްޓެވެ. ދިވެހިރާއްޖޭގައި މަރަށްމަރު ނުހިފާތީ އުމުރު ދުވަހަށް ޖަލަށްލާނީއެވެ. އެހިސާބުން އަޖަލު ހަމަވަންދެން މީހާގެ މުޅި ދިރިއުޅުން ހަތަރުފާރުގެ ތެރޭ ހައްޔަރުވީއެވެ. މިނިވަންކަން އެއްކޮށް ގެއްލުނީއެވެ. އިހު އުޅުނު އުފާވެރި ހަޔާތުން ބާކީވީއެވެ. ފައިސަލްއަށް އެކަން އިޙްސާސްވީ ކަންނޭނގެއެވެ. އޭނާ އެއްވެސް މީހަކު ނުމަރަންކަމަށް ކޯޓުގައި ބުންޏެވެ. އެބަހުގައި އޭނާ ހިފެހެއްޓިއެވެ. ނަމަވެސް އޭނާގެ ބަހަށްވުރެ ހޯދިފައިވާ ހެކިތަކުގެ ބާރުގަދައެވެ.
ކޯޓުގެ އަޑުއެހުމުގައި ބައިވެރިވެ ތިބި މީހުންގެ ތެރޭގައި ޝިފާލީގެ ޢާއިލާ ތިބިތަން އަހަރެންނަށް ފެނުނެވެ. އަހަރެންނާ އެމީހުން ދުވަހަކުވެސް ބައްދަލުވެފައެއްނެތެވެ. ނަމަވެސް އަހަރެންނަށް އެމީހުން ފާހަގަކުރާން އެނގިއްޖެއެވެ. ޝިފާލީގެ ސޫރައިގައި ހުރި މަހުލޫގު އަހަރެންނަށް ޝިފާލީގެ ކަންކަން ކިޔާ ދިނުމަށް ދައްކާފައިވާ މަންޒަރުތަކުގެ ސަބަބުންނެވެ. އެ މަންޒަރުތަކާއި އެ ހާދިސާއެއް ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެން ނުދާނެއެވެ.
* * * * *
1 އަހަރު ފަސް.
ފަތިސް ނަމާދުކޮށް ނިމިގެން މުސައްލަ މަތީ އަހަރެން މަޑުކޮށްލީ ޤުރުއާން ކިޔަވާލާށެވެ. ފޯނުން ކިޔަވާލާފައި ހައެއް ޖަހަން ކައިރިވުމުން ތެދުވީ މަންމަ ކޮޓަރިން ނުކުމެ އުޅޭނޭކަން އެނގޭތީއެވެ. ނަމާދުކުރާ އެއްޗެހި ހުންނަންވާ ތަނުގައި ބަހައްޓާފައި ބޯމާންކޮށްލައިގެން އަހަރެން ކޮޓަރިން ނުކުތީމެވެ. ގޭތެރެއިން ޤުރުއާނުގެ އަޑު އިވެއެވެ. އެއީ ބަދިގޭގައި ހުންނަ މަންމަގެ ރޭޑިއޯގެ އަޑެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ. ހީވީ ވަރަށް ކުރީގެ އިވިފަރިތަވެފައި އަޑެއް ކަންފަތުގައި ޖެހުނު ހެންނެވެ.
"ރޯދަމަސް އަންނަން ދެ މަސް އެބައޮތް." ބަދިގެއަށް ވަންއިރު ކޮފީ ހަދަން އުޅުނު މަންމަ ފެނި އަހަރެން ބުނެލީމެވެ.
"އޭތި އަދިވެސް މަސައްކަތް ކުރޭތޯ ބަލާލީ. ރޯދައަށް ގަންނަން ވިޔަސް އެނގޭނީ އޭރުންނެއްނު." މަންމަ ބުންޏެވެ. ގޭތެރެއިން ރޭޑިއޯގެ އަޑު އިވޭ ހަމައެކަނި މަހަކީ ރަމަޟާން މަހެވެ.
އަހަރެންނަށް ވެސް މަންމަ ކޮފީ ހަދައިދިނުމުން ޖޯޑު ހިފައިގެން ނުކުތީ ބެލްކަންޏެވެ. ދުރުން ވިލާތަކުގެ ތެރެއިން ކިރިޔާ އަލިރޮނގެއް ފާޅުވަނީއެވެ. ފަޒާގައި ދައުރުވަމުންދިޔަ ތާޒާ ވައިރޯޅީގެ އިޙްސާސާއެކީ ހަށިފުރާ ފުންނޭވާއެއް އަހަރެން ދޫކޮށްލީމެވެ. އަދި ހޫނުކޮފީ ތަށި ތުނބުގައި ޖަހާލައި ކިރިޔަކިރިޔާ އެތިފޮދެއް ބޯލީމެވެ. އެވަރުން ކޮފީގެ ރަހަ އަނގައިގަލީ ކިރިޔާއެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން އަހަރެން ހުރީމެވެ. ޚިޔާލު ކުރެވެމުންދިޔައީ ހޫދާ މެދުއެވެ. ރޭގައި އޭނާ ދެއްކި ވާހަކައާމެދުއެވެ. އޭނާ އަހަރެންނަށް ނުގުޅާ ދުވަހެއް ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނުގުޅިއްޖެއްޔާ މެސެޖު ވެސް ކުރާނެއެވެ. ބަރާބަރަށް އަހަރެންގެ ހާލު ބަލައެވެ. އެ އެކުވެރިކަން އަހަރެންނަށް ކަމުދާންފެށީ ކޮންއިރަކުކަމެއް ސީދާ ބުނަން ދައްޗެވެ. އަހަރެއް ފާއިތުވެގެން ދިޔައިރު ކޯޓަށް ދިޔަ ދުވަހަށްފަހު ހޫދާ އެއްފަހަރު ވެސް ބައްދަލެއް ނުވެއެވެ. ދެކޮޅު ހެދީ އަހަރެންނެވެ. އޭނާ އެނބުރި ރަށަށް ދިއުމުގެ ކުރީން ވެސް ފެނިލަން އެދުމުން އަހަރެން ބޭނުންނުވީއެވެ. މިހާ ދުވަސްވީއިރު ހޫދުގެ އިޚްސާސްތަކަށް ބަދަލު ނައީތީ އަހަރެން ހައިރާންވެއެވެ. އަހަރެންނާމެދު އޭނާ އެ ބަހައްޓާ ގާތްކަމަށް ތަފާތެއް ނާދެއެވެ. ފޯނުން ނޫން ގޮތަކަށް އަހަރެމެން ވާހަކައެއް ނުދައްކަމެވެ. އެހެންވިޔަސް މިހާރު އަހަރެން މިވަނީ އެ ފޯނުކޯލުތަކަށް އާދަވެފައެވެ. ހޫދު އަހަރެންގެ ހިތް ބަދަލުކޮށްލައިފި ކަމުގެ އިޙްސާސް ކުރެވެއެވެ. އެ ކޯލުތަކަށް އަހަރެންނަށް އިންތިޒާރު ކުރެވެންފެށީ އެހެންވެއެވެ. އެ އަޑު އިވުމުގެ މުޅި ދުވަސް އުޖާލާވެއެވެ. މަޑުމަޑުން ވިޔަސް އަހަރެންނަށް އޭނާގެ އެ ޠަބީޢަތާއި ސަމާސާ މިޒާޖު ކަމުގޮސްފިއެވެ. ހިތްނުތަނަވަސްވެއްޖެނަމަ ފުރަތަމަ ވެސް ވާހަކަދައްކާލެވެނީ ހޫދާއެވެ. ހަޔާތުގެ ބައިވެރިއެއް ނުހޯދާ މިހާ ދުވަހު އަހަރެން ހުރީ ކީއްވެކަން އަހަރެންގެ ޟަމީރު ދެނެގެންފިއެވެ. ނަމެއްދޭން ނޭނގިފައިވި އިޙްސާސްތަކާއި ޖަޒުބާތުތަކަށް ދޭނޭ ނަމެއް އަހަރެންގެ ހިތަށް ސާފުވެ އެނގިއްޖެއެވެ. ޒަވާޖީ ހަޔާތެއް ފަށަން ރަނގަޅު ބައިވެރިއަކު ޚިޔާރުކޮށްދެއްވުން އެދި ދުޢާކުރަމުންދިޔައިރު އަހަރެންގެ ލޯ ހޯދަމުންދިޔައީ މާ ދުރެވެ. ލޯ ކުރިމަތީގައި މާކުރީއްސުރެ ނުގެއްލި ހުރި ސޫރަ ފެނުނީ އެކަމުގެ ވަގުތު ޖެހުނީމާކަން ކަށަވަރެވެ.
ކުއްލިއަކަށް މަންމަ ގޭތެރެއިން ގޮވާލި އަޑު އިވުނެވެ. ޚިޔާލީ ދުނިޔެއިން ނުކުމެ ގޭތެރެއަށް ވަނީމެވެ. ކާމޭޒުމަތީ އަހަރެން ބޭއްވި ފޯނު ރިންގުވާ އަޑު ވަގުތުން ކަންފަތުގައި ޖެހިއްޖެއެވެ. މަންމަ ވެސް އަހަރެންނަށް ގޮވީ އެހެންވެއެވެ. ހަލުވިކޮށް އައިސް މޭޒުމަތިން ފޯނު ނެގީމެވެ.
"ހާދަ ކެތްނުލަވާ ފިރިހެނެކޭ. ރަނގަޅަށް އިރުވެސް ނާރާ އެ ގުޅަނީ." ފޯނުގެ އިސްކުރީނުން ހޫދުގެ ނަން ފެނުމާއެކު ހިތަށް އެރިއެވެ. އޭނާ ރޭ އަހަރެން ކައިރިން އެދުނު އެދުމަށް ޖަވާބެއް މިހާ އަވަހަށް ނުދެވޭނެއެވެ.
"ހެލޯ." އަހަރެން ފޯނުކޯލު ނެގީމެވެ. އަދި އަނެއް އަތުން ކޮފީޖޯޑު ހިފައިގެން އައިސް ކޮޓަރިއަށް ވަނީމެވެ.
"އާނަ... ފައިސަލް މަރުވެއްޖެ." ހޫދު ބުނެލިއެވެ.
"ވަޓް." އަހަރެންނަށް ލިބުނީ ސިހުމެކެވެ.
ފައިސަލްގެ މައްޗަށް ހުކުމް ކުރެވި އޭނާ ޖަލަށް ލީތާ އަދި މަހެއް ނުވާނެއެވެ. އޭނާ މަރުވިއްޔޭ ބުނުމުން ޤަބޫލުކުރަން ދަތިވީއެވެ. އެކަމަކު މަރަކީ ސުވާލު އުފެދޭނެ ކަމެއްނޫނެވެ. އެއީ ޔަގީންވާ އެއްޗެކެވެ. ކޮންމެ ދިރިހުރި ފުރާނައެއް މަރުވާނެއެވެ. އެކަމަށް ވަކިތަނެއް ވަކި ގަޑިއެއް ނޯންނާނެއެވެ. އަޖަލު ހަމަވުމުން ކޮންމެ ތަނެއްގައި ހުރިކަމުގައި ވިޔަސް ޖެހޭނީ ދާށެވެ. ކިހިނެއް، ކޮންއިރަކުވީ ކަމެއްތޯ އަހަރެން ސުވާލު ކުރީމެވެ.
"އަހަރެން ބުނީމެންނު އޭނާ ނިކަން ފާޑަކަށޭ އުޅެނީ. ރޭގަނޑު ނުއެއްނިދާ. އެހެން ގައިދީންނާއި ޑިއުޓީ އޮފިސަރު ވެސް އޭނާ ދަންވަރަށް ހަޅޭލަވާ ވާހަކަ ދެއްކި. ނަފްސާނީވިއްޔޭ ކިޔަނީ... ރަނގަޅަށް ނުކާތާ ވެސް ދެ ދުވަހެއް ވެދާނޯ. ކާންއިނދެފައި ކާއެއްޗެހި އުކާލާފައި ބުނެޔޯ ކުނިވެފައޭ ހުރީ. ކުނިފުޅަ އަޅާފައި ހުރި އެއްޗިއްސޭ އޭނާއަށް ކާން ގެންނަނީ. އެކަމަކު ހަމަ އެހެން ގައިދީންނަށް ވެސް ހުންނަ އެއްޗެހި އޭނާ ކާން ވެސް ހުންނާނީ. އޭނާ މަރުވީކަމަށް އަހަރެންނަށް ޤަބޫލެއްނުކުރެވޭ. އިއްޔެ އޭނާވަނީ މައްސަލައާ ހަވާލުހުރި އިންޗަރ ވާހަކަދައްކަން އެދިފައި. އޭނާ ބުނިކަމަށްވަނީ އެވާހަކަތައް ކިޔާނުދީފިނަމަ އޭނާ މަރުވާނޭ. ޖެހޭ ކޮންމެ ތަނެއްގައި ބޯތަޅައި ޒަހަމްކުރަނީ. މިކަހަލަ ސަކަރާތެއް ޖަހާތީ އޭނާ މާލެ ގެނައީ. ތަހުގީގު ކޮޓަރީގައި އިންއިރު ވެސް އޭނާ އުޅުނީ ބޯހަމަނުޖެހޭ މީހަކު އުޅޭ ހެންނޯ. ވަށައިގެން އަބަދު އިންނަނީ ބަލަބަލައޯ. ބުންޏޯ ޖަމީލު ގެންނާށޭ މިތަނަށް. އޭރު މައްސަލައާ ހަވާލުވެ ހުރި ހެޑް އެއީ. އޭނާއާ ނޫން މީހަކާ ވާހަކައެއް ނުދައްކާނަމޯ. އަދި މީހަކު ކައިރީ ނެތްއިރު ވެސް އިރުއިރުކޮޅުން އާނއެކޭ ބުނެފައި ބުނެޔޯ ކިޔާދޭނަމޭ. ހުރިހާކަމެއް ކިޔާދޭނަމޭ." ހޫދު ބުންޏެވެ.
"ކީކޭ ކީ؟." އަހަރެން ނިކަން އަވަހަށް އަހާލީމެވެ. ފައިސަލްއަކީ އަމިއްލަ މަރުވާނޭ ފަދަ މީހެއްނޫނެވެ. އެވަރު އަހަރެންނަށް ޤަބޫލުކުރެވެއެވެ. އޭރު އަހަރެންގެ ޟަމީރު އަހަރެންނަށް ކަމެއް ހަނދާންކޮށްދޭން މަސައްކަތް ކުރިއެވެ.
(ނުނިމޭ)