ޓީ-ބިލް

ތިން ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 3.1 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް -- ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޓީބިލްގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 1.7 ބިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 230 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް 200 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 980 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަންވެސް ވަނީ ހުޅުވާލާފަ އެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ތިން ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން ހުޅުވާލާފައިވާއިރު މިދިޔަ ސެޕްޓެމްބަރު މަހު އެ މިނިސްޓްރީން 2.6 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން ހުޅުވާލި އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.