މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ސަރުކާރުގެ ފުރަތަމަ ސަބްމެރިން ކޭބަލް ޑިސެމްބަރުގައި ޓެސްޓް ކުރަނީ

އިންޓަނެޓު އަގުހެޔޮ ކުރުމަށް ސަރުކާރުން ގެނައި ސަބްމެރިން ކޭބަލް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޓެސްޓު ކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުން އިންވެސްޓު ކޮށްގެން ގެނައި "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލްއާ ގުޅޭ އެއްވެސް ޓެކްނިކަލް މައްސަލައެއް ނެތް ކަމަށާއި މި ކޭބަލް ޓެސްޓު ކުރުމަށް މިހާރު ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ މެދު ތެރޭގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ސަރުކާރުން ހަވާލުކުރީ އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏަށެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިމަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެސްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އެވެ.

އެއްވެސް މައްސަލައެއް ދިމާ ނުވާނަމަ ކޭބަލް ޓެސްޓިން މަރުހަލާ އެއްކޮށް ދެތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި އެ މަރުހަލާ ނިމުމަށްފަހު މި ކޭބަލް ރަސްމީގޮތުން ބޭނުން ކުރަން ފެށޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ދިވެހި ސަރުކާރުން ބުނީ ކޭބަލްގެ ހިދުމަތް ފެށުމާ އެކު ސަރުކާރުން އިންޓަނެޓަށް ކުރާ ހަރަދު 50 ޕަސަންޓް ކުޑަވެ، ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވި، ލިބޭ ސްޕީޑް ދެގުނަ މަތިކުރެވޭނެ ކަމަށެވެ.

ރަށްރަށުގައި މިހާރަށް ވުރެ 10 ގުނަ ބާރު ސްޕީޑްގެ ނެޓްވޯކެއް ގާއިމުކޮށް، ޓެކްނޮލޮޖީއާ ގުޅުންހުރި ކެޕިޓަލް ހަރަދުތައް ކުޑަކޮށް އަދި ޓެކްނޮލޮޖީގެ ދާއިރާ އިން ދިވެހިންނަށް އާ އުފެއްދުން މާކެޓަށް ނެރުމަށް މި ކޭބަލާ އެކު އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.