ބޮލީވުޑް

"ނީރްޖާ": ބެލުންތެރިންގެ ހިތްތައް ރޮއްވާލައިފި

Feb 20, 2016
2

ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އައި ހިތްވަރުގަދަ ނީރްޖާގެ ވާހަކަ އިއްޔެ މިވަނީ ރިލީޒްކޮށްފަ އެވެ.

"ނީރްޖާ" އަކީ ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީގައި ހައިޖެކްކުރި ޕޭން އޭމް ފްލައިޓް 73 ގެ ތެރޭގައި ޓެރަރިސްޓުންގެ ކިބައިން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރާލި އުމުރުން އެންމެ 23 އަހަރުގެ އިންޑިއާގެ ފްލައިޓް އެޓެންޑެންޓް ނީރްޖާ ބެނޮތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ރާމް މަދްވާނީ ޑައިރެކްޓްކޮށް އަދި އަތުލް ކަސްބޭކަރް އާއި ފޮކްސް ސްޓާ ހިންދީ ޕްރޮޑިއުސްކޮށްފައިވާ މިފިލްމު އިއްޔެ ރިލީޒްކުރުމާއެކު ބެލުންތެރިންނާއި ފާޑުކިޔާ ފަރާތްތަކުގެ ހިތް ވަނީ އަތުލާފަ އެވެ. މި ފިލްމު ބެލުމަށްފަހު ސިނަމާތަކުން ނުކިތް ފަރާތްތަކުގެ ލޯތަށް ކަރުނުން ފުރި ބަންޑުންވާ ވަރަށް ފިލްމުގެ އަސަރުގަދަ އެވެ.

މިފިލްމަށް ތައުރީފުކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ އޭނާގެ ތައުރީފު މިފިލްމަށް ބަންޑުންކޮށްލާފަ އެވެ. ތަރަން ވަނީ ފިލްމުގެ ހުރިހާ ރަހައެއް ވެސް ޑައިރެކްޓަރު ރާމް ގެނެސްދީފައިވާލެއް މޮޅު ކަމުން މިފިލްމަށް ސްޓޭންޑިން އޮވޭޝަންއެއް ދިނުން ހައްގުކަމަށް ބުނެފަ އެވެ. އަދި މިފިލްމަކީ ކޮންމެހެން ވެސް ބަލަންޖެހޭ ފިލްމެއް ކަމަށާއި މުޅި ފިލްމުގެ ރޫހަކީ ނީރްޖާގެ ރޯލު ކުޅެފައިވާ ސޯނަމް ކަމަށެވެ. ސޯނަމްގެ އިތުރުން ޝަބާނާ އާޒްމީގެ އެކްޓިން މޮޅު ކަމަށްވެސް ކްރިޓިކްސް އިން ވަނީ ފާހަގަކޮށްފަ އެވެ.

މިފިލްމަކީ ސޯނަމް ކެރިއަރުގައި މިހާތަނަށް އޭނާގެ ފަރާތުން ފެނިގެން ގޮސްފައިވާ އެންމެ މޮޅު އެކްޓިން އެވެ.

"ނީރްޖާ" އާއެކު އިއްޔެ އިތުުން ތިން ފިލްމެއް ރިލީޒްވި ނަމަވެސް އެ ފިލްމުތަކަށް ވުރެން މިފިލްމުގެ އަޑު މާ ގަދަ އެވެ. ފުރަަތަމަ ދުވަހު މިފލްމަށް ލިބުނު އާމްދަނީ ހިއްސާކުރަމުން ތަރަން ވަނީ އިންޑއާގައި މިފިލްމު ރިލީޒްކޮށްފައިވަނީ 700 ސްކްރީންގައި ކަމަށާއި ނަމަވެސް ފުރަތަމަދުވަހު މިފިލްމަށް 4.70 ކްރޯޑް ލިބިފައިވާ ކަމަށެވެ. އަދި މިފިލްމާއި ގުޅިގެން ބެލުންތެރިންނާއި ކްރިޓިކްސް މުޅިން ވެސް ދައްކަމުން އަންނަނީ ރަނގަޅު ވާހަކަތައް ކަމުން ފުރަތަމަ ހަފްތާ ބަންދުގައި ފިލްމުގެ ވިޔަފާރި ރަނގަޅު ވާނެ ކަމަށެވެ.

މިފިލްމު އުފައްދާފައިވަނީ 21 ކްރޯޑުގެ ބަޖެޓަކުންނެވެ. މި ފިލްމާއެކު ރިލީޒްވި ތިން ފިލްމަށް ވެސް ފާޑުކިޔާ ފަރާތްތަކުން އިންތިހާއަށް ފާޑުކިޔާފައިވާތީ ކުރިއަށް އިތް ހަފްތާގައި މިފިލްމު ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ބެލުންތެރިންނާއި ފާޑުކިޔާފަރާތްތަކަށް އެންމެ ކަމުދިޔަ ފިލްމަށް މިފިލްމު ވަނީ ވެގެން ގޮސްފަ އެވެ.

ޓެރަރިސްޓުންގެ ހަމަލާތަކުން ނީރްޖާ މަރުވެފައިވަނީ ބޯޓް ހައިޖެކްކޮށްގެން 17 ގަޑިއިރަށް ވުރެން ގިނައިރު އުޅުމަށްފަހު ޓެރަރިސްޓުން ބޯޓުގެ ތެރެއަށް ބަޑިޖަހަން ފެށުމުން ކުޑަ ތިން ކުއްޖަކު ސަލާމަތްކުރުމަށް ބޯޓުގެ އެމަޖެންސީ ދޮރު ހުޅުވައި، އެކުދިން ސަލާމަތް ކުރުމަށް އޭނާގެ ހަށިގަނޑު ދިއްކޮށްގެން ހުއްޓަ އެވެ.