( 3 އޮކްޓޯބަރ 2023 އާ ގުޅޭ )
"ކީކޭ ކީ؟." އަހަރެން ނިކަން އަވަހަށް އަހާލީމެވެ. ފައިސަލްއަކީ އަމިއްލައަށް މަރުވާނޭ ފަދަ މީހެއްނޫނެވެ. އެވަރު އަހަރެންނަށް ޤަބޫލުކުރެވެއެވެ. އޭރު އަހަރެންގެ ޟަމީރު އަހަރެންނަށް ކަމެއް ހަނދާންކޮށްދޭން މަސައްކަތް ކުރިއެވެ.
ހޫދުގެ ވާހަކައިން އަހަރެންނަށް އެނގުނު ގޮތުން ފައިސަލް މަރުވެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާގެ ހަށިގަނޑު އަދި މާލެއެއް ނުގެނެއެވެ. ޝާހިދާ އެކީ ހޫދު މާލެ އަންނަން ތައްޔާރުވާކަން ބުންޏެވެ. މަޑުކޮށްގެން ތިބީ ލާންޗު އަންނަންދެނެވެ. އަދި ފައިސަލްގެ މަރާ ގުޅޭ ތަފްސީލުތައް އެނގޭނީ މާލެ ދެވުނީމާކަން ހޫދު ބުންޏެވެ. މާލެ އައިސް ވާހަކަދެއްކޭ ކަހަލަ ވަގުތެއްވީމާ އަހަރެންނަށް ގުޅާނަން ކަމުގައި ހޫދު ބުންޏެވެ.
އުމުރު ދުވަހަށް ޖަލަށް ލާފައި ހުރި މީހަކު މަރުވުމަކީ އެކަމުގެ ޒިންމާ ކޮންމެވެސް ބައެއްގެ ބޮލުގައި އެޅޭނޭ ކަމެކެވެ. މީޑިއާތަކާއި ރައްޔިތުންގެ ސަމާލުކަން އެކަމަށް ހުއްޓޭނެއެވެ. އަހަރެންނަށް ވިސްނާލެވުނީ ފަޒީލާ މެދުއެވެ. ފައިސަލްގެ ހުރިހާކަމެއްގައި އެންމެ ފަހުވަގުތާ ހަމައަށް އޭނާ އުޅުނުކަން އެނގޭތީއެވެ. އޭނާގެ މަންމައާމެދު ހިތުގައި ހަމްދަރުދީ އުފެދުނެވެ. އުމުރު ދުވަހަށް ފިރިމީހާއާ ދުރުގައި ހުންނަން ޖެހިފައިވާއިރު ދޮށީ ދަރިފުޅު ވެސް ބީވެގެން އެ ދިޔައީއެވެ. އިމްތިހާނަކަށްފަހު އިމްތިހާނަކާ އެ ޢާއިލާ އެވަނީ ކުރިމަތިލާން ޖެހިފައެވެ.
ހޫދުގެ ކޯލަށްފަހު އަހަރެން ފޯނުން މީސްމީޑިއާގެ އެކި މަންސަތައް ބަލަންފެށީއެވެ. އެއްވެސް ނޫހެއްގައި ވެސް އަދި އާންމު މީހެއްގެ ފަރާތުން ވިޔަސް މީސްމީޑިއާގައި ފައިސަލްގެ މަރާ ގުޅޭ ވާހަކައެއް ދައުރުވާތީ ނުފެނުނެވެ.
"ޝިފާލީގެ މަރުގެ ބަދަލު ހިފީތަ؟. މީ އޭނާ ކުރިކަމެއްހެން ހާދަ ހީވޭ... އަހަރެންނަށް އޭރު ވެސް ހީވި އޭނާގެ އެހެން ޕްލޭނެއް އޮތްހެން. އެކަމަކު... ކޮންތާކު މިޖެހުނީ. ފައިސަލްއެކޭ އޭނާއެކޭ މިވީ އެއްވަރެއްނޫންތަ. އިންސާނަކަސް ޖިންނިއަކަސް ދިރޭ ފުރާނައެއް ދުއްވާލުމުގެ ހައްޤެއް ނޯންނާނެ. އެހެންނޫނަސް އުމުރަށް ޖަލަށް ލާފައި ހުރި މީހަކަށް ކުރެވޭނީ ކޮންކަމެއް. ޖަލުގައި ހުރެ ގައިމު ވެސް އޭނާއަށް މީހަކު މަރައެއް ނުލެވޭނެ. ޝިފާލީއާއި އަނުމް ފަދަ އަންހެންކުއްޖަކާ އެތާކުން ބައްދަލެއްނުވާނެ. އަނެއްކާ އޭނާގެ ޚަބަރު ނޭނގޭ މީހަކު މިހާރު ރާއްޖެއަކު ނޫޅޭނެ... ޝިފާލީގެ ޤާތިލަށް ލިބެންޖެހޭ އަދަބު ލިބިއްޖެ. ކީއްވެ ދެން މަރާލަންވީ... އެންމެ ކުރީން ފެށިގެން ވެސް އޭނާގެ ގަސްދަކީ އެއީތަ. ހުރިހާކަމެއް ނިމުމުން ފައިސަލް މަރާލުންތަ. އޭނާ ބޭނުންނަމަ ފައިސަލް މަރާލުމަކީ އުނދަގޫކަމެއްނޫނޭ ބުނި. އެކަމަކު މަރާނުލާ ހުރީ ދުނިޔެއަށް އޭނާ ކުރި ކަންތައް އަންގަން. އެކަން ވެއްޖެ. އެހެންވީމަތަ އެ މަރާލީ." އަމިއްލަ ނަފްސާ ޚިޔާލު ބަދަލު ކުރަމުން ދިޔައީ އަހަރެންނަށް ފައިސަލްގެ މަރަކީ ޤުދުރަތީ މަރެއްހެން ހީނުވާތީއެވެ.
މަންމަ ކައިރީ އަހަރެން އެ ވާހަކަ ބުނީމެވެ. އެންމެ ފުރަތަމަ ވެސް މަންމަ ބުނީ އަހަރެންނަށް ހީވަމުން އަންނަ ގޮތަށެވެ. އެވާނީ ޝިފާލީގެ ސިފައިގައި އަހަރެންނަށް ފެނުނު މަހުލޫގު ކުރިކަމަކަށެވެ. މަންމަ ބުނީ "ޤަރީން"އޭ ކިޔޭ މަހުލޫގަކީ ވަސްވާސްދޭ ބައެއް ކަމުގައެވެ. އެމީހުން އިންސާނާއަށް ނުބައި ކަންކަމަކަށް ވަސްވާސްދޭކަމެވެ. ވީއިރު އެ މަހުލޫގު ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކުރަން ވެސް ނުވާނެކަމެވެ. އެއީ މަންމައަށް "ސެންސިޓިވް" މައުޟޫޢުއެކެވެ. އިތުރަށް މަންމައާ ފައިސަލްގެ މަރުގެ ވާހަކަ މަޝްވަރާނުކޮށް އެހެން ދިމާއަކަށް ވާހަކަ އަނބުރާލީމެވެ. ހޫދު އަހަރެންގެ ގާތުންވަނީ ވަރަށް ބޮޑު ކަމަކަށް އެދިފައެވެ. އަދި އެކަމުގައި މަންމައާއި ބައްޕަގެ ނިންމުން މުހިންމެވެ.
"މަންމަ ކައިރީ ވާހަކައެއް ބުނަންވެފައި އެބައޮތް. މަންމަ އެކަންޏެއްނޫން. ބައްޕައާ ދެ މީހުން ކައިރީ... އަދިވެސް ބައްޕަ ނާދޭތަ." އަހަރެން އަހާލީމެވެ. އިރުއަރައި ދުނިޔެމައްޗަށް އަލިވެފައި އޮތްއިރު ވެސް ގޭތެރެއިން ބައްޕައެއް ނުފެނެއެވެ. އެހެންޏާ މިހާއިރު ފަތިސް ނަމާދުކޮށްގެން އައިސް ކޮފީބޯން ސޯފާގައި އިންނާނެއެވެ.
"އަތުވެއްޖެ. ފާހާނާއަށް ވަދެލާފައި ނުކުންނާނަމޭ ކިޔާފައި ކޮޓަރީގައި ވެއްޖެ. ބައްޕަ ކައިރީ މަންމަ ބުނެފާނަން. އެހެންވީމަ ކިޔާބަލަ ތިކިޔަން އުޅޭ އެއްޗެއް." މަންމަ ބުންޏެވެ.
"އަހަރެންނާ އިންނަން ކުއްޖަކު އަހައިފި. މަންމައާއި ބައްޕަގެ ޚިޔާލެއް ހޯދަން ބޭނުމީ." އަހަރެން ބުނީމެވެ. މަންމަގެ މޫނުގައި ސުވާލު މާކެއް ޖެހުނު ކަހަލައެވެ.
"އިންނާށޭ... ކައިވެނި ކުރަން. ކާކު؟. އާނަ ކުއްޖަކާ ރައްޓެހިވީތަ؟. ކޮންއިރަކު؟." އެނގެން ބޭނުންވި ހުރިހާ ސުވާލެއް އަހަރެންގެ އުނގަށް މަންމަ ބަންޑުން ކޮށްލައިފިއެވެ.
"ހޫމް... ކައިވެނި ކުރަން." އަހަރެން ބޯޖަހާލަމުން ބުނީމެވެ.
"އެއީ އިތޫގެ ބޭބެ. އަހަރެމެންގެ ދެމެދުގައި ރައްޓެހިކަން އޮންނަތާ ފުދޭވަރަކަށް ދުވަސްވެއްޖެ." އަހަރެން އިތުރަށް ތަފްސީލުކޮށްދިނީމެވެ.
"ހޫދުތަ؟." ވަގުތުން މަންމަ ސުވާލު ކުރިއެވެ. އެހާފަސައިން މަންމައަށް އެ އެނގުނީ އިތޫގެ ޢާއިލާ މީހަކަށް މަންމަމެންނަށް ފެނިފައި ހުރީ ހޫދު އެކަނިވީމައޭ ހިތަށް އެރިއެވެ. މަންމަގެ ސުވާލަށް އާނއެކޭ ބުނުމަށް އަހަރެން ހޫން ލައްވާލީ ބޮލުގެ އިޝާރާތަކާއެކީއެވެ.
މަންމަ އިތުރަށް ސުވާލު ކުރަންފެށިއެވެ. ހޫދުއާ އަހަރެން ރައްޓެހިވީ ކޮންއިރަކުތޯއެވެ. އޮފީހަށް ނޫން ގޮތަކަށް އަހަރެން ގެއިން ބޭރަކަށް ނުނިކުންނަމެވެ. ހެނދުނު އޮފީހަށް ދަނީ ބައްޕަގެ ސައިކަލު ފަހަތުގައެވެ. އޮފީސް ނިމޭގަޑި މަންމަމެންނަށް އެނގޭނެއެވެ. އަދި އާންމުކޮށް އަހަރެން ގެއަށް އަންނަ ގަޑި އެމީހުންނަށް އޮންނަނީ ފާހަގަ ވެފައެވެ. މަންމައަކީ ހުރިހާ ވަގުތެއްގައި ގޭގައި އިންނަ މީހެކެވެ. އިތޫމެން ރަށުން އެނބުރި އައިފަހުން ރައްޓެއްސަކާއެކީ ވެސް އަހަރެން ތަނަކަށް ނުދަމެވެ. ކުއްޖަކާ ރައްޓެހިވެގެން އުޅޭނަމަ އެގޮތަށް ހުރިހާ ވަގުތެއްގައި އަހަރެން ގޭގައި އޮވެދާނޭކަމަށް މަންމަމެން ޤަބޫލެއް ނުކުރާނެކަން އެނގެއެވެ. އަހަރެންނާއި ހޫދުގެ ގުޅުން އޮތީ ފޯނުންކަން މަންމައަށް ކިޔާދިނީމެވެ. އަދި ހޫދާ މެދު މަންމަގެ ޚިޔާލަކީ ކޮބާތޯ އެހީމެވެ.
"މަންމައަށްވުރެ އާނައަށް ދޯ އެނގޭނީ ތިކަމާ އެއްޗެއް ބުނަން. އާނަ ބުނެބަލަ... އާނަ ބޭނުންތަ އޭނާއާ އިންނަން." މަންމަ ބުންޏެވެ.
"އިހަށް މަންމަގެ ޚިޔާލެކޭ ބޭނުމީ. މަންމައަށް ހޫދު ފެނިފައެއްނު ހުރީ." އަހަރެން ބުނީމެވެ.
"ރަނގަޅު ކުއްޖެއްހެން ހީވޭ. ޢާއިލާ ވެސް ރަނގަޅު. އިތޫއަކީ ގައިމުވެސް ވަރަށް ރަނގަޅު ކުއްޖެއް. ހޫދަކީ އޭނާގެ ބޭބެއެއްނު. އަޚުލާޤު ރަނގަޅުވެފައި ދީނީ ކަންކަމަށް ފަރުވާތެރިނަމަ ދެން ހުރި ކަންކަން ރަނގަޅުވާނޭކަމަށް މަންމަ ޤަބޫލުކުރަނީ. އަނތްބަކު ގެންގުޅެވޭނެ ފެންވަރު ވެސް އޭނާގެ އެބަހުރި... އާނަ. ހޫދާ ގޫޅޭން ވިސްނާއިރު އޭނާގެ ޢާއިލާ ތިބީ މާދުރުގައި. އެކަމާ އެއްވެސް ވަރަކަށް ވިސްނާލިންތަ؟." މަންމަ ބުންޏެވެ.
"ވިސްނިން. އަހަރެންނަށް އެ ރަށަކަށް ދިރިއުޅޭކަށް ނުދެވޭނެ. އަހަރެން ބޭނުމީ މަންމަ ކައިރީ ދިރިއުޅެން. އެކަމަކު ހޫދާ ގުޅުނު ދުވަހަކުން އޭނާގެ ޢާއިލާ ވެސް ވާނީ އަހަރެންގެ ޢާއިލާއަށް. ޗުއްޓީއެއްގައި އެމީހުންގެ ގާތަށް ނުދާނަމެކޭނޫން. އަހަރެން މިހުރިހާ ވާހަކައެއް ހޫދު ކައިރީ ބުނިން. އޭނާ ބޭނުމީ އަހަރެންނާ ކައިވެނި ކުރަން. އެކަމަށް އެއްވެސް ޖަވާބެއް އަހަރެން އަދި ނުދެން. ބުނިން މަންމަމެން ކައިރީ އަހާފައޭ އިނގޭނީ. އޭނާ ބުނި މަންމަމެން ބޭނުންވަންޏާ ކައިވެނީގެ ވާހަކަދައްކަން އަންނާނަމޭ." އަހަރެން ކިޔާދިނީމެވެ.
"އަންނާނަން ބައްޕައަށް ގޮވާލާފައި." މަންމަ މިހެންބުނެ ސޯފާއިން ތެދުވިއެވެ.
ކޮޓަރިއަށް ގޮސް ބައްޕަ ގޮވައިގެން މަންމަ އަންނަންދެން އަހަރެން މަޑުކޮށްލައިގެން އިނީމެވެ. ހޫދަށް އަހަރެން ޖަވާބެއް ނުދިނެއްކަމަކު އަހަރެން އޭނާގެ ހުށަހެޅުމާ ދެކޮޅެއް ނޫނެވެ. އަހަރެންނަށް ވެސް ހޫދުގެ ރަނގަޅު ސިފަތަކެއް ހުރިކަން ފާހަގަވެއްޖެއެވެ. އޭނާއަށް ފުރުޞަތެއްދޭން ހިތް ބޭނުންވީ އެހެންވެއެވެ. އަހަރެންގެ އުމުރުގެ ބާކީ ދުވަސްތައް އެކުގައި ހޭދަކޮށްލަން ހޫދަކީ ރަނގަޅު ބައިވެރިއަކަށް ވާނޭކަން ޚުދު އަހަރެންގެ ޟަމީރު ވެސް ބުނެއެވެ. މި ދުނިޔޭގައި އެއްވެސް މީހަކަށް އަނެކާގެ ގޮތް ދަސްވެދާނެ ހެއްޔެވެ. އަހަރެންގެ ހިތެއް ނުބުނެއެވެ. ފެންނާނީ އެމީހަކު ދެއްކި ދަޅައެކެވެ. އެހެނޭ ކިޔާފައި ދިރިއުޅުން މަޑުޖެހޭކަށް ނުޖެހެއެވެ. އެންމެންނަށް އިތުބާރު ގެއްލުވާލަކަށް ވެސް ނުވެއެވެ. އެންމެ ފުރިހަމަ މީހަކު ނޫޅޭނެއެވެ. އެހެންވީމަ ހޫދާ ކައިވެނި ކުރާން އަހަރެން މިހުރީ ތައްޔާރަށެވެ. އެކަމަކު މަންމައާއި ބައްޕަގެ ލަފައާއެކީއެވެ. މިހާތަނަށް އަހަރެންނަށް ދެރަވާނޭ ގޮތަށް އެއްވެސް ކަމެއް އެމީހުން ކޮށްފައެއް ނެތެވެ.
މަންމައާއެކީ ސޯފާތަކާ ދިމާއަށް އައި ބައްޕަގެ މޫނުގައިވީ ހިނިތުންވުން ފެނުމާއެކީ އަހަރެންނަށް ޖަވާބު ލިބިއްޖެއެވެ. މަންމަ އެ އައީ ބައްޕަ ކައިރީ ހޫދުގެ ވާހަކަ ދައްކާފައިކަން ޔަގީނެވެ. އަހަރެންނާ ކުރިމަތިވާނޭހެން މަންމައާއި ބައްޕަ އިށީނީ އެއް ސޯފާއެއްގައެވެ. ހޫދު ކޮބާތޯ ބައްޕަ އަހާލިއެވެ. ކައިވެނި ކުރަން ބޭނުންނަމަ ބައްޕައާ ބައްދަލުކުރަން އަންނަން ބުންޏެވެ. ބައްޕަގެ ޖަވާބު ބުނާނީ ހޫދު ކައިރީކަން ބުނެލިއެވެ. ފައިސަލް މަރުވެގެން އުޅޭކަން ބައްޕައަށް އެނގުނީ ދެނެވެ. އެކަމުގައި ހޫދު މާލެ އެބާދެއޭ އަހަރެން ބުނީމައެވެ.
މެންދުރުވާންވީއިރު ފައިސަލްގެ މަރު ސިއްރެއް ނުވިއެވެ. ވަންނަ ކޮންމެ ތަނަކުން ފެންނަނީ އެކަމާ ގުޅޭ ޚަބަރުތަކެވެ. ހޫދު މާލެ އައިކަން އަހަރެންނަށް އަންގާލީ މެސެޖަކުންނެވެ. އޭނާއަށް ވަގުތުވީމާ ގުޅާނޭކަން ވެސް ބުނެފައި އޮތެވެ. އޭރު ފައިސަލްގެ މަރުގެ ހަޤީޤަތް އެނގެން ބޭނުންވެފައިވީ އަހަރެން އެކަންޏެއް ނޫނެވެ. ބައްޕަ ވެސް އެކަމާ ސުވާލު ކުރިއެވެ. އެ ވާހަކަދައްކަން މަންމަ ބޭނުމެއްނުވެއެވެ. އެއްވެސް ވަރަކަށް ސުވާލެއް މަންމަ ނުކުރީ އެހެންވެއެވެ.
ޓީވީއިންނާއި ނޫސްތަކުގައި އޮތީ ޖަލުގައި މަރުވި ޒުވާނާގެ ހިތްހިއްޓުނީކަމެވެ. ޑަކްޓަރުންވަނީ އެކަން ކަށަވަރުކޮށްދީފައި ކަމެވެ. ފައިސަލްގެ ބޮލުގައި ހުރި ޒަޚަމް ފިޔަވައި އޭނާގެ ހަށިގަނޑުން އަނިޔާއެއްގެ ނިޝާން ނުފެންނަކަމަށެވެ. ފައިސަލްގެ މަރާއެކު އަލުން ޝިފާލީގެ ނަން ފެތުރުނެވެ. އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ފައިސަލް ހުރީ ކީއްވެކަން މީޑިއާތަކުން ފާހަގަކުރަމުންދިޔައެވެ. މަރަށްފަހު ވެސް އޭނާއަށް ހަމަޖެހުމެއްނުވެޔޭ އަހަރެންގެ ހިތަށް އެރިއެވެ.
* * * * *
ޖެހިގެން އައި ދުވަހެވެ. ހޫދަށް ގުޅޭވަރުވީ ހެނދުނު ދިހައެއް ޖެހިފަހުންނެވެ. ދެ ދުވަސް މާލޭގައި މަޑުކުރާނެކަން ހޫދު ބުނީ އެ ކޯލުގައި ހުރެއެވެ. އަދި އިތުރު ވާހަކައެއް ދެއްކުމުގެ ކުރީން ފުރަތަމަ ކަމަކަށް އަހަރެން ފައިސަލްއާ ބެހޭ ގޮތުން އެނގެން ބޭނުންވާނޭ ހޫދު ހީކުރިއެވެ. އެހެން ވާހަކައެއް ނުދައްކާ ފައިސަލްގެ ވާހަކަ އޭނާ ފެށީ އެހެންވެއެވެ. ފައިސަލް މަރުވީ ނަމަވެސް އޭނާ ވަނީ ވަރަށް މުހިންމު ވާހަކަތަކެއް ކިޔާދީފައިކަން ހޫދު ބުންޏެވެ. އަދި ފުޓޭޖްތަކުގައި ހުރި މަންޒަރުތަކުން ފައިސަލްގެ ޢަމަލުތައް ހުރީ ސިކުނޑި ހަމަނުޖެހޭ މީހަކު ފަދައިންކަން ހޫދު ބުންޏެވެ. އޭނާގެ ޢަމަލުތައް އެފަދައިން ހުރީތީ ހޫދަށް ޔަގީންވަނީ ފައިސަލްއަށް ރޫހާނީ އުނދަގޫތަކެއް ކުރިމަތިވަމުންދާކަމެވެ. ކުރީން ތަހުގީގުގައި ނުދައްކާ އެތައް ވާހަކައެއް ފައިސަލް ކިޔާދީފައިވުމުން ކަންތައްތައް ހިނގާފައިވަނީ ކިހިނެއްކަން ލަފާކުރާން މިހާރު އެނގިއްޖެކަން ހޫދު ބުންޏެވެ. ފައިސަލް އެ ވާހަކަތައް ހާމަކޮށްފައިވަނީ އޭނާއަށް އެވާ އުނދަގޫތަކުން ސަލާމަތްވާންކަމަށް ވަރަށް ބޮޑަށް ބެލެވޭކަން ހޫދު ޤަބޫލުކުރެއެވެ. ހުރިހާކަމެއް ތެދަށް ހާމަނުކޮށްފިއްޔާ އޭނާ މަރުވާނޭ ފައިސަލް ބުނަމުންދިޔަ ބުނުމުން އެކަން ޔަގީންވާކަމަށް ހޫދު ބުންޏެވެ. ފައިސަލް ހާމަކުރި ސިއްރުތައް އަހަރެންނަށް ހޫދު ކިޔާދިނެވެ. އެހިސާބުން އަދި ހުރިހާކަމެއް ނުނިމޭނޭކަން ހޫދު ބުންޏެވެ. ޖަލުގައި ހުރި ހޫދުގެ ބައްޕަ، ޒުހޫރުއާ އަލުން ސުވާލުކުރަން ޖެހިފައިވާކަން ބުންޏެވެ. ހުރިހާކަމެއް އެނގުނުއިރު 3 މަރު ގުޅިގެން އައި އަހަރެން ހީނުކުރާ ގޮތަކަށެވެ.
3 މަރުގެ ހަޤީޤަތް
ފައިސަލްގެ ސިކުނޑި މަސައްކަތް ކުރަނީ އާންމު އިންސާނުންގެ ވިސްނުމާއި ފިކުރާ ނުބައްދަލުކޮށެވެ. ފުރާނަ ހުރި އެއްޗެއް އެހެން ފުރާނައެއްގެ ދުވަސް ދުއްވާލާތީ އޭނާއަށް އެންމެ ފުރަތަމަ ފެނުނީ އުމުރުން އެންމެ ފަސް އަހަރުގައެވެ. އެކަމަށް ދެވުނު ޝައުގުވެރިކަމަށް ޢަމަލު ކުރީ އުމުރުން ހަ އަހަރުގައެވެ. އެ ގެއަށް ކާން އަންނަ ބުޅާ ބަދިގޭ ފުޅަށް ބުޑުން ބާގަނޑު ހަދައިގެން ވަންނަ މީދާ ޝިކާރަކުރާ މަންޒަރުން ފައިސަލްގެ ސިކުނޑި މުޅިން އާ ދުނިޔެއަކަށް ހުޅުވުނީއެވެ. ހިލަމެއްނުވާނޭހެން ސިއްރުން އެކަމަށް ގެއްލި ބަލަން ފޫހިކަމެއްނެތި އޭނާ އިނދެއެވެ. ބައެއްފަހަރު އެ ބުޅާ މީދާ ކައިލައެވެ. އަނެއްބައިފަހަރު މީދާ ގެނެސް ގޭގެ މީހުންނަށް ފެންނަ ހިސާބެއްގައި ބާއްވައެވެ. އޭރު ފައިސަލްގެ ޝައުގުވެރިކަން އެކަމަށް ދެވި ނިމިއްޖެއެވެ. އޭނާ މީދާ ހިފަންފެށި އިރު އެހެން މީހުންގެ ނަޒަރުގައި އެއީ ޅަކުދީންގެ ކުޅިވަރެކެވެ. އޭރު ވެސް ނޭނގި އޮތީ އެއަށް ހަދާ ގޮތެކެވެ. އެހާ ކުޑަކުޑައިރު ވޭންހުރި ގޮތްގޮތަށް އެ ސޮރުމެންނަށް އަނިޔާދީ މަރަމުންދިޔައީ އެކަމާ ގަޔާވެހުރެއެވެ. މަރަށް ތެޅިތެޅި އޮންނަނީ ކިހާއިރެއްވަންދެންތޯ ބަލަން އިނދެއެވެ. މަރުވެ ހަރުދަނޑިވަންދެން މީދަލަށް އަންނަ ކޮންމެ ބަދަލަކަށް އޭނާގެ ވިސްނުން އައީ މަޑުމަޑުން ބަދަލުވަމުންނެވެ. މީދާ މާކުޑަ އެއްޗަކަށްވީއެވެ. އެއަށްވުރެ ބޮޑު އެއްޗެއްގެ މަރަށް އޭނާ ދަހިވެތިވީއެވެ. އެ ދަހިވެތިކަމުގައި އޭނާ ދެން މަރާލީ ގެއަށް ވަދެ އުޅޭ ބުޅަލެވެ. ލޯމަތިން އަބަދުމެ ފެންނަ ފަސޭހައިން އަތުޖެހޭނޭ އެއްޗަކަށްވީ އެ ބުޅަލެވެ. އެސޮރު މަރާލުމަށްފަހު އޭގެ ބަނޑުފަޅައި ހުޅުވައިގެން އިންދައި އެ މަންޒަރު ދުށީ ފައިސަލްގެ މަންމައެވެ. އޭނާގެ އަތުގައި އޮތް ވަޅި ދަމައިގަތީ މަންމައެވެ. މީހަކަށް ފެނުމުގެ ކުރީން ބުޅާ ނަގައި ގޯންޏަކަށް ލައިގެން ގެންގޮސް ގޭގެ ވަލުފަރާތުން ވަދެވެން އޮންނަ ވާގަނޑު ތެރޭގައި އެ ވަޅުލީ މަންމައެވެ. މަންމަ ގޮވިހާ އެއްޗެހިން ފައިސަލްއަށް ނަގައިގަނެވުނީ އެންމެ ކަމަކެވެ. އާންމުންނަށް ފެންނަ ހިސާބުގައި އެފަދަކަމެއް ކުރުން ރަނގަޅު ނުވާނެކަމެވެ. މީހުން އޭނާއާމެދު ދެކޭ ގޮތް ބަދަލުވެދާނޭ ކަމެވެ. އެހެންވެ ވަލުން ތެރެއިން ފެންނަ ކުކުޅު ހާ އެއްޗެހި ހިފައި އަނިޔާކޮށް މަރަންފެށީ ސިއްރުންނެވެ. އެވަރުން ފައިސަލްއަކަށް ނުފުދުނެވެ. އެކަމަކު އުމުރުގެ ގޮތުންނާއި މަންމަގެ ސަމާލުކަން ހުއްޓިފައިވާތީ ފައިސަލްއަށް މާބޮޑު ކަމެއް ކުރާނޭ ފުރުޞަތެއް ނުލިބެނީއެވެ. ވަޅިއެއްގައި އަތްލިޔަސް އޭނާގެ އަތުން އެ އަތުލައެވެ.
އެއް ރޭގެ ދަންވަރެވެ. ބައްޕަ ގެއިން ނުފެންނަތާ އޭރު ދެ ދުވަސް ވެއްޖެއެވެ. ބައްޕަވީ ކޮންތާކުކަމެއް ކުދީން ކައިރީ މަންމަ ވެސް ނުބުނެއެވެ. ފައިސަލްއާއި ފަޒީލު ތިބީ މަންމަގެ ކޮޓަރީގައި ނިދާފައެވެ. ފައިސަލްއަށް ހޭލެވުނުކަމަށްވަނީ އަޑުގަދަވެގެންނެވެ. ކޮޓަރީގައި އޭރު މަންމަ ފެންނާކަށް ނެތެވެ. އޭނާ ކޮޓަރިން ނުކުތީއެވެ. ފެންޑާއާ ދިމާއިން މަންމަ ރޯ އަޑު އިވުނެވެ. ރުޅިވެރިކަމާއެކު ބައްޕައާ ދިމާއަށް މަންމަ އެއްޗެހި ގޮވަނީއެވެ. ބައްޕަ ވެސް ރައްދު ދެމުންދިޔައީ ހަރުކަށިކަމާއެކުއެވެ. އެމީހުން ޒުވާބު ކުރާތީ ފައިސަލް ދުށީ އަލަށެވެ. ކޮންމެވެސް ބޮޑުކަމެއްވެއްޖެކަން ފައިސަލް ދެނެގަތީ މަންމަގެ ރުއިމުންނެވެ. ނަމަވެސް ފައިސަލް ފެނުމާއެކު ބައްޕަ ހިމޭންވީއެވެ. ފެންޑާގައި ހުރި ސަރަންފީގައި ބައްޕަ އިށީނދެ ދެއަތްތިލައިގެ ތެރެއަށް މޫނު ލައިގެން އިނެވެ. މޫނު ފުހެލާފައި މަންމަ ވެސް އިތުރަށް ބަހެއް ނުކިޔެވެ. ފައިސަލް ގާތު ފާޚާނާއަށް ދާންވީތޯ އަހަމުން އެނބުރި ކޮޓަރިއަށް މަންމަ އައީއެވެ.
މީގެ އެއްވެސް ކަމެއް ކުޑައަށް ހުރި ފަޒީލަކަށް ނޭނގެއެވެ. ފައިސަލްއާއި ފަޒީލާ ވާހަކަދައްކާއިރު ބައްޕަގެ ފުށުން ނުރުހުމެއް ނުފެނެއެވެ. އެހެންވެ އެރޭ މަންމަ ރޯންހުރީ ކީއްވެކަމެއް ފައިސަލްއަށް ވެސް ދެނެގަންނާކަށް ނޭނގުނެވެ. ޖެހިގެން އައި ދުވަހު ބައްޕަގެ ހުރިހާ ވަގުތެއް ހޭދަކުރީ ކުދީންނާއެކީގައެވެ. ދެ ދުވަސް ވަންދެން ބައްޕަ ނުފެނުމުން ޝަކުވާކުރީ ހަމައެކަނި ފަޒީލެވެ. މަންމަ ފެންނަނީ ބައްޕައާ ތަންކޮޅެއް ދުރުން އުޅޭތީއެވެ. އަތޮޅު ހޮސްޕިޓަލަށް ދިއުމަށް ބައްޕަ ފުރީ އެރޭ ކާން އިންދާ އައި ފޯނުކޯލަކަށްފަހުއެވެ. ރަށުން ބޭރަށް ބައްޕަ ދާން އުޅޭތީ ފަޒީލަށް ހީވީ ބައްޕަ މާލެދާން އުޅެނީއެވެ. އާންމުކޮށް މުދާ ބަލާ ބައްޕަ މާލެ ދެއެވެ. ކައިރީ ގޯއްޗެއްގެ ކުއްޖަކު ކުޅެން ގެންގުޅުނު "ލެގޯ" ސެޓެއް ފެނި ފަޒީލު ހުރީ އެ ބޭނުންވެފައެވެ. އޭނާގެ ކަމަކީ އަބަދު އޭގެ ވާހަކަ ބައްޕަ ކައިރީ ދެއްކުމެވެ. އެއީ މާލެއިން ގެނައި ކުޅޭ އެއްޗެއްކަން އޭނާއަށް އެނގުނީމައެވެ. ދެން މާލެ ދާފަހަރަކުން ގަނެދޭނަންކަން ބައްޕަ ބުނެއެވެ. ނަމަވެސް އޭނާއަށް ހީވީ ދެ ދުވަސްވަންދެން ބައްޕަ ނުފެނުނީމާ އެ އައީ މާލެ ގޮސްފައި ކަމަށެވެ. ފަޒީލު ރޯވަރުން މަންމަ ކައިރިޔަށް ރުޅިއައެވެ. ބައްޕައަށް ފައިސަލްއާއި ފަޒީލު މިހާރު މުހިންމެއް ނުވާނޭ މަންމަ ބުންޏެވެ. ފައިސަލް ހިމޭންކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ބަލަން އިންއިރު ފަޒީލުގެ ރުއިން ހައްތަހާވީ ގަދައެވެ. ފަޒީލު ގޮވައިގެންކަން ދާނީ ބައްޕަ ބުނެލިއެވެ.
މަންމަ ދަބަސް ތައްޔާރުކޮށްދިނުމުން ބައްޕަ ގެއިން ނުކުތީ ފަޒީލު ގޮވައިގެންނެވެ. ގޭގައި ތިބީ ފައިސަލްއާއި މަންމައެވެ. ފައިސަލް ނިދަން ވައްދާފައި މަންމަ ނުކުތީއެވެ. ނިދަން އުޅެއުޅެ ނިދޭގޮތެއް ފައިސަލްއަކަށް ނުވިއެވެ. އުމުރުން ހަގެއްކަމަކު ސިކުނޑީގެ މަސައްކަތް މަޑުޖެހޭގޮތްނުވީއެވެ. ކޮޓަރިން ނުކުތްއިރު ގޭތެރެއަކު މަންމައެއް ނެތެވެ. އެހެންވެ ނުކުތީ ގޭގެ ވަލުފަރާތަށެވެ. އެތަނުގައި ގޮނޑި އަޅައިގެން އިނދެދާނޭ ހީކޮށެވެ. އެތާކު ވެސް މަންމަ ނެތެވެ. ދޮރޯށި ދޮށަށް ނުކުމެ ބޭރަށް ބޯދިން ހިނދު އަވަށްޓެރީން ޖަމާވާ ޖޯއްޔެއްގައި އެކަނިމާއެކަނި މަންމަ އޮއްވާ ފައިސަލްއަށް ފެނުނެވެ. އަޅާނުލާ އެނބުރި ކޮޓަރިއަށް ފައިސަލް އައިސް އެނދަށް އަރާ އޮތީއެވެ. މަންމަ އެނބުރި އައިކަމެއް ފައިސަލްއަށް ބުނާކަށް ނޭނގެއެވެ. އޭނާއަށް އެހެންއޮވެ ނިދުނީއެވެ. ފައިސަލްއަކީ އަބަދުވެސް ނިދިމަޑު މީހެކެވެ. ފާޚާނާއަށް ދާން ހޭލެވުނު އިރު ވެސް މަންމަ ކޮޓަރީގައި ނެތްކަން ފައިސަލްއަށް ފާހަގަވިއެވެ. ދެވަނަ ފަހަރަށް މަންމަ ހޯދަން ފައިސަލް ކޮޓަރިން ނުކުތީ އެހެންވެއެވެ. ނަމަވެސް ފެންޑާއަށް ނުނިކުމެވެނީސް ވަލުފަރާތުން ދެމީހަކު ވާހަކަދައްކާ އަޑު އިވި އެ ދިމާއަށް ފައިސަލް އައެވެ. ސިހުމެއް ލިބިގެން ލައްވާލާފަދަ އަޑެއް ފައިސަލްއަށް އިވުނެވެ. ވަލުފަރާތަށް ނުކުންނަ ދޮރު ހުރީ ހަމައެކަނި ކައިރިކޮށްލާފައެވެ. އެހެންވެ ދޮރުގައި ފައިސަލް އަތްޖައްސާލުމާއެކު ބޭރަށް ދޮރުފަތް ހުޅުވިއްޖެއެވެ. ހަރަކާތެއް ކުރަން ނޭނގި ފައިސަލް ބަލަން ހުރީ ފެންނަ މަންޒަރަށެވެ. އޭރު ވަލުދޮރޯށި ކައިރިއަށް ޖަހާފައި ހުރި ކާށިހެހާ ފޭރާއަށް އޮތީ އަންހެނަކު އެމުނިފައެވެ. ފޭރާ ހުރީ ބުރަކަށިން ވަންގޮތަށް މެއިން ނުކުމެފައެވެ. އިދިފުށަށް ޖެހިފައި އޮތް އެ އަންހެން މީހާގެ އަނގަޔަށް ފައިސަލްގެ މަންމަ ހުރެ އެއްޗެއް ގަންނަވަނީއެވެ. އޭރު އޭނާގެ ފުރާނަ މުޅިއަކުން ނުދެއެވެ. އޭނާގެ މޫނު އަނބުރާލި ހިނދު ބޮޑެވެފައިވާ ދެ ލޯ ފައިސަލްއާ އަމާޒުވެގެން އައެވެ. އިންސާނެއްގެ އަނިޔާވެރި މަރު ފައިސަލް ދުށް ފުރަތަމަ ފަހަރަކީ އެއީއެވެ. ފައިސަލްގެ ވަށައިގެންވީ ދުނިޔެ އަބަދަށް ޓަކައި ބަދަލުވީ ރެއަކީ އެރެޔެވެ. ފޭރާއަށް އެމުނިފައި އޮތީ ލުބުނާއެވެ.
(ނުނިމޭ)