ޓީ-ބިލް

ދެ ބިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފި

ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް 2.4 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު -- ޓީބިލު ވިއްކައިފި އެވެ.

ޓީބިލު ވިއްކުމަށްފަހު ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު 28 ދުވަހުން އަނބުރާ ދެއްކުމަށް 1.1 ބިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް 263.4 މިލިއަން ރުފިޔާގެ ޓީބިލެއް ވަނީ ވިއްކާފަ އެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 79 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކާފައިވާއިރު 364 ދުވަހުން އަނބުރާ ދެއްކުމަށް 999.5 މިލިއަން ރުފިޔާގެ ޓީބިލެއް ވަނީ ވިއްކާފަ އެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީބިލާއި ބޮންޑަށް ސަރުކާރުން ދައްކަންޖެހޭ އަދަދު 76 ބިލިއަން ރުފިޔާއަށް އަރަ އެވެ.